މާލޭގައި ދުއްވާ އުޅަނދުތަކުގެ އަދަދު އުޅޭ މީހުންނާ އެއްވަރެވެ. މަގުތައް ފުރިފައިވަނީ ޕާކުކޮށްފައި ހުންނަ ކާރާއި ޕިކަޕާއި ސައިކަލުންނެވެ. މާލޭގައި އެންމެ ބޮޑަށް ދިމާވެފައިވާ އެއް މައްސަލައަކީ ވެސް ޕާކު ކުރުމުގެ މައްސަލައެވެ. ގެއާއި އެންމެ ކައިރިން ސައިކަލެއް ޕާކުކޮށްލަން ވެސް ޖާގަ ލިބޭނީ ނަސީބެއް ހުރިނަމައެވެ. މިކަންތައްތައް މިގޮތަށް އޮތްއިރު ޕާކު ކުރާތަންތަނުގައި ޕާކު ނުކުރެވޭ ގޮތް ހެދުމަށް ގިނަ ބަޔަކު ޕެލެޓުތައް ބަހައްޓައެވެ. މިއީ ވެސް މިހާރު ގިނަ ބަޔަކު ކަންބޮޑުވެފައިވާ މައްސަލައެކެވެ.
މަގުމަތީގައި ޕެލެޓެއް ބާއްވަނީ އެ ތަނެއް "ބުކް" ކުރުމަށެވެ. އެ ޖާގައަކީ އެ މީހެއްގެ ޖާގައެވެ. ކާރު ޕާކުކުރަން ޖާގަ ހަދަން ދެތިން ޕެލެޓު އަޅާފައި ބާއްވަނީއެވެ. ކާރު ދުއްވާ ނިމުމުން ޕެލެޓުތައް ދުވާރުމައްޗަށްލުމަށްފަހު އެތަނުގައި ޕާކު ކޮށްލަނީއެވެ. މިއީ ހުއްދައެއް ހޯދައިގެން ކުރާ ކަމެއް ނޫނެވެ. މިއީ އަމިއްލައަށް ކަނޑައަޅާ ޖާގަތަކެވެ. އާއްމުކޮށް މިފަދަ ޕެލެޓުތައް ފިހާރަތަކާއި ގުދަންތައް ކައިރިންނާއި ކާރެއް ނުވަތަ ޕިކަޕެއް ފަދަ ބޮޑު އުޅަނދެއް ގެންގުޅޭ މީހަކު ދިރިއުޅޭ ސަރަހައްދުން ފެންނާނެއެވެ.
ޕާކު ކުރުމުގެ އިތުރުން ބައެއް ތަންތަނުން ކުނި ބޭރަށް ނެރުމަށް ވެސް ޖާގައިގެ "ބުކިން" ހެއްދުމަށް ޕެލެޓެއް ބާއްވައެވެ. ރެސްޓޯރެންޓުތައް ފަދަ ތަންތަނުން ކުނި ނެރޭނީ ބަންދު ކުރާ ގަޑިއަށްވާތީ އެންމެ ފަސޭހައިން ކުނި ނެރެފައި ބަހައްޓާލެވޭނެ ތަނެއް ކުރީބައިގައި ބުކް ކޮށްލަނީއެވެ. އެއީ ޕާކިން ޒޯނަކަށްވިޔަސް ޕެލެޓު ބޭއްވުމުން އެތަނެއް ބުކްވީއެވެ. އެއީ ދެން އެމީހެއްގެ ޖާގައެވެ.
މި މައްސަލަ ބޮޑުވެ ގިނަ ބަޔަކު ޝަކުވާ ކުރަން ފެށުމާއެކު މާލެ ސިޓީ ކައުންސިލުން ދޭތެރެ ދޭތެރެއިން ޕެލެޓުތައް ނެގުމުގެ "ޕްރޮގްރާމް" ހިންގައެވެ. އަދި ޕެލެޓުތައް އަޅާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ވެސް ނިންމިއެވެ. ނަމަވެސް ފަހުން އެ ވިސްނުން ވެސް ބަދަލު ކޮށްލީއެވެ. ދެތިން ދުވަހު މީހުންގެ ޝަކުވާތަކުން ސަލާމަތްވާން ޕެލެޓުތައް ނަގާ މަންޒަރު ޓްވީޓު ކޮށްލައެވެ.
މާލެ ސިޓީ ކައުންސިލުން މިހާވަރަށް ޕެލެޓުތައް ނެގުމުގެ މަސައްކަތް ކުރަމުން އަންނައިރު ވެސް މާލޭ މަގުމަތިން ޕެލެޓުތައް މަދެއް ނުވެއެވެ. ސިޓީ ކައުންސިލުގެ މުވައްޒަފުން މިއަދު ޕެލެޓު ނެގިތަނުގައި މާދަމާ ފެންނާނީ އައު ޕެލެޓެއް ބާއްވާފައި އޮތްތަނެވެ. ދުވަހަކު އެކަމަކަމަށް ނިމުމެއް އަންނަތަން ނުފެނެއެވެ. ޕެލެޓުތަކުގައި މޫ ލާފައި ހުންނަނީ ކަމަށްވެސް ވެދާނެއެވެ. ޕެލެޓު ނަގަނީ މޫ ބަހައްޓާފައެވެ. އެހެންކަމުން އެ މުލުން އަނެއްކާވެސް އައު ޕެލެއްޓެއް އުފެދެނީ ކަމަށްވެސް ވެދާނެއެވެ.
މިފަދަ ކަންކަމަކީ ހަމައެކަނި މުއައްސަސާތަކަށް ވެސް ހުއްޓުވޭނެ ކަމެއް ނޫނެވެ. އާއްމުންގެ ފަރާތުން ވެސް އެކަމަށް އެއްބާރުލުން ލިބެން ޖެހޭނެއެވެ. މާލެ ސިޓީ ކައުންސިލުން ވެސް މިހާރަށްވުރެ ހަރުދަނާކޮށް އެ މަސައްކަތް ކުރަން ޖެހެއެވެ. އަދި ކުރިން ނިންމި ގޮތަށް ޕެލެޓުތައް ބަހައްޓާ ފަރާތްތައް ބަލައި އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ޖެހެއެވެ.