ކ. މާލެ
|
8 ޖެނުއަރީ 2023 | އާދީއްތަ 11:47
ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން
ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން
ރާއްޖެއެމްވީ
ރައީސް ސާލިޙުގެ ކެމްޕޭން
މާ ބޮޑަށް ރިއެކްޓް ކުރުމުން ބައެއް ފަހަރު ވެރިކަން ވެއްޓޭ: ހިސާން
މިއަދު ދިވެހިން ބޭނުންވަނީ ހަމަޖެހޭ ތާހިރު ދިރިއުޅުމެއް ކަމަށާއި، ސިޔާސީ ހަލަބޮލިކަން ބޭނުން ނުވާ ކަމަށް ވިދާޅުވި
ކުއްލިއަކަށް އެހާ ބޮޑަށް ރިއެކްޓް ކުރުމަކީ މާ "ގަދަ" ކަމެއް ނޫން ކަމަށް ވިދާޅުވި
ވެރިން މާ ބޮޑަށް ރިއެކްޓް ކުރުމުގެ ނަތީޖާއަކަށް ވެފައި އޮތީ ދިވެހި ރައްޔިތުން މަގުމަތިވާން ޖެހުން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ކަންކަމުގައި "ރިއެކްޓް" ނުކުރައްވާކަމަށް ވާދަވެރި ފަރާތްތަކުން ބުނާ ބުނުމަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ރައްދު ދެެއްވައިފިއެވެ.

ނ ވެލިދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ހިސާން ވިދާޅުވީ، ރައީސް ސާލިޙާއެކު ކުރިއަށް ވަޑައިގަތުމަށް ނުކުންނަވާ ތިއްބެވި ކަމަށެވެ. އެގޮތުން އެމްޑީޕީއާއެކު ކުރިއަށް ވަޑައިގެން، މި ޤައުމު ކުރިއަށް ގެންދެވޭނެ ކެނޑިޑޭޓަކީވެސް ރައީސް ސާލިޙުކަމަށް ހިސާން ވިދާޅުވިއެވެ.

ރައީސް ސާލިޙު ރިއެކްޓް ނުކުރައްވާކަމަށް ވާދަވެރި ފަރާތްތަކުން ބުނާ ބުނުމަށް ރައްދު ދެއްވައި ހިސާން ވިދާޅުވީ، ކުއްލިއަކަށް އެހާ ބޮޑަށް ރިއެކްޓް ކުރުމަކީ މާ "ގަދަ" ކަމެއް ނޫން ކަމަށާއި، އެކަމުގެ ނަތީޖާވެސް މާ ރަނގަޅު ނޫން ކަމަށެވެ.

ޤައުމެއްގެ ވެރިއަކު ކުއްލި ކުއްލިއަށް އެހާބޮޑަށް ރިއެކްޓް ކުރުމަކީ މާ "ގަދަ" ކަމެއް ނޫން
ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން

މާ ބޮޑަށް ރިއެކްޓް ކުރެއްވުމުގެ ސަބަބުން ބައެއް ފަހަރު ރިޔާސީ ދައުރެއްގައި 3 ނައިބްރައީސުން އައްޔަނު ކުރަން ޖެހޭ ފަހަރު އައުމާއި، ބައެއްފަހަރު ވެރިކަން ވެއްޓިގެން ދިއުމާއި، ކުއްލި ނުރައްކަލުގެ ޙާލަތުގައި މެނުވީ ވެރިކަން ދަމަހައްޓަން ދަތިވުން ފަދަ ކަންކަން ދިމާވާކަމަށް ހިސާން ވިދާޅުވިއެވެ.

ބައެއް ފަހަރު ސުޕްރީމް ކޯޓުގެ ފުރާޅުގެ ޓިނު ނަގައިގެން އެތާ ތިބި ފަނޑިޔާރުން ދަމާ ކޫއްތައި އެބަ ނެރެން ޖެހޭ
ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން

ހިސާން ވިދާޅުވީ، ޤައުމުގެ ވެރިން މާ ބޮޑަށް ރިއެކްޓް ކުރުމުގެ ނަތީޖާއަކަށް ވެފައި އޮތީ ދިވެހި ރައްޔިތުން މަގުމަތިވާން ޖެހުން ކަމަށެވެ. އެގޮތުން 2012 ވަނަ އަހަރުން ފެށިގެން އައިސް، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ހަމައަށް އެމްޑީޕީގެ ލަޝްކަރު އޮތީ އިހުތިޖާޖުގައިކަން ހިސާން ފާހަގަ ކުރެއްވިއެވެ.

ނިމިދިޔަ ވެރިކަމުގައިވެސް މަގުމައްޗަށް ނުކުތީ އެމްޑީޕީއަށް ރައްޔިތުން ކުރާ އިތުބާރެއްގެ ސަބަބުންކަމަށް ހިސާން ވިދާޅުވިއެވެ. އޭރު ޖަލަށް ލީ މީހުންގެ ތެރޭގައި މިހާރުގެ ރައީސްވެސް ހިމެނިވަޑައިގަންނަވާކަމަށް ހިސާން ވިދާޅުވިއެވެ.

މިއަދު ރައީސް ސާލިޙު ދިވެހިންގެ ޗޮއިސްއަށް ވާ ސަބަބަކީވެސް އެމަނިކުފާނުގެ ވެރިކަމުގައި ފެނިގެން ދިޔަ ހަމަޖެހުމާއި، ސުލްހަ މަސަލަސްކަމާއި، ދުރުވިސްނުންފުޅުކަމަށް ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ، މިއަދު ދިވެހިން ބޭނުންވަނީ ހަމަޖެހޭ ތާހިރު ދިރިއުޅުމެއް ކަމަށާއި، ސިޔާސީ ހަލަބޮލިކަން ބޭނުން ނުވާ ކަމަށެވެ.

ހިސާން ވަނީ ރައީސް ސާލިޙުގެ ވެރިކަމުގައި ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި ރައްޔިތުންނަށް ކޮށްދެއްވި ޚިދުމަތްތައްވެސް ފާހަގަ ކުރައްވާފައެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް