ރައީސް މައުމޫންގެ ޒަމާންވީ ވެރިކަން ބަދަލުކުރުމަށް އޭރު އިސްލާހަށް މަސައްކަތްކުރި މީހުން މަސައްކަތް ފަށައިގަތީ ޒަމާނަށް ފެތޭ ޑިމޮކްރެޓިކް ނިޒާމެއްގެ ދަށުން ޤައުމް ހިންގުމަށެވެ. ތިންބާރު ވަކިވެ، ހަމަހަމަ އަދި ވެރިކަމުގައި ގިނަ ބަޔަކަށް ބައިވެރިވެވޭނޭ ގޮތް ހެދުމަށެވެ.
އެމަސައްކަތް ފަށައިގެން ދުވަސްވަރަކީ ސަރުކާރަށާއި ރައީސުލް ޖުމްހޫރިއްޔާއަށް ފާޑު ކިއުމަކީ އަބުއި އަދި އަމިއްލަ ނަފުސަށް ކުށެއް ކަމުގައި ބެލެވެމުން އައި ދުވަސްވަރެކެވެ. ނަތީޖާއެއްގެ ގޮތުން އިސްލާހަށް މަސައްކަތްކުރި މީހުން، ޚާއްޞަކޮށް އެމްޑީޕީ އުފަން ކުރުމަށް މަސައްކަތް ކުރަމުންދިޔަ މީހުން "ސަރުކާރަށް އަމާޒުކުރަމުންދިޔަ" ފާޑު ކިއުންތައް ވެގެން ދިޔައީ އެއްބަޔަކު ނަފްރަތު ކުރި ކަމަކަށެވެ. އަދި އެކަމުގައި އުޅޭ މީހުންނަށް މަލާމާތާއި ފުރައްސާރަ އަދި ހިތްހަމަނުޖެހުންވެސް ދިޔައީ އިންތިހާއަށް ކުރިމަތިކުރުވަމުންނެވެ. ހަމައެބީދައިން އެކަމުގައި އުޅުނު މީހުންވެސް އެހެންމީހުންނަށް ބަލަމުންދިޔައީ ހަމަ އެފަދަ ނަޒަރަކުންނެވެ. އެހެންކަމުން 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ހަމައަށް އައިއިރު ޤައުމު އޮތީ ދެއްކުނު ވާހަކަ ތަކުންނާއި ކުރެވުނު ކަންކަމުން ޤައުމުގެ ގުޅުންތަކާއި ޤައުމީވަންތަކަން ކެނޑިފައެވެ. ދިވެހިވަންތަ ކުލުނާއި އިހްތިރާމް އަމުދުން ނެތިގޮސްފައެވެ. ނަތީޖާއެއްގެ ގޮތުން އިންތިޚާބުގައި ވޯޓުތައްބެހި ފުރަތަމަ ބުރުން އެއްވެސް ކެނޑިޑޭޓަކަށް އިންތިޚާބު ކާމިޔާބެއް ނުކުރެއްވުނެވެ. ނަމަވެސް ރައީސް މައުމޫނުގެ ވެރިކަން ބަދަލު ކުރުމަށް "ބަދަލަކަށް" ގިނަ ޕާޓީތައް އެއްގަލަކަށް އެރިއެވެ. އިސާހިތަކު ދިގު 30 އަހަރަކަށްފަހު މުޅިން އާ ބައެއްގެ މައްޗަށް ވެރިކަން ފުރޮޅުނެވެ. ގިނަ ބަޔަކު ގުޅިގެން ކޯލިޝަނަކުން ގެނައި ސަރުކާރުގެ ބައިތައްބެހި ރަނގަޅަށް ސަރުކާރު ހިންދެމި ނުލެވެނީސް ވީގޮތް ހަނދާނުން ކައްސާލާނެ ކަމަކަށް ޤަބޫލެއް ނުކުރަމެވެ. ގާތްގަނޑަކަށް ދެމަހެއްހާ ދުވަހުގެ ތެރޭގައި ކޯލިޝަން ތެރޭގައި އަޅަމުންދިޔަ ރެނދުތައް ފުޅާވެ، ލީޑަރުން މޫނާމޫނު ދިމާކުރަން ނުކެރި ހަތުރުންނަށްވެ އެވެރިކަން ރޫޅުނެވެ. އަދި އެގުޖަޑު ހަންމަތަ ނުކުރެވި ދައުރުގެ މެދުތެރެއިން ވެރިކަން ބަދަލުވެގެން ދިޔައެވެ.
ޤާނޫނީ ވެރިކަން ފުލުހުންނާ ސިފައިންގެ ތެރެއިން ބައެއްގެވެސް ބައިވެރިވުމާއެކު އިދިކޮޅުން ބަދަލުކުރިގޮތުން އެމްޑީޕީން ދެން ނުކުތީ އަނެއްކާވެސް އަލުން އަނބުރާ ހޭރިޔާ ކުރުމަށެވެ. އެގޮތުން ވެރިކަން ބަދަލުކުރި މީހުންނަށް ކިޔަމުންދިޔަ އާޑަ ފުރައްސާރައާއި ކޮންމެ ދުވަހަކުހެން ބާއްވަމުންދިޔަ ބޮޑެތި މުޒާހަރާތަކުގެ ސަބަބުން އެވެރިކަމުގައި ގުޅުންތައް ރީތިގޮތުގައި ދެމެހެއްޓޭނެ ގޮތެއް ނުވިއެވެ. އަދި ފިއްތުންތަކާހުރެ ދައުރުގެ ބާކީ ނިންމާލެވުނީ ހަމަކިރިޔަކިރިޔާއެވެ. ވެރިކަން ބަދަލުކުރަން އިދިކޮޅުންހެދި ކޯލިޝަންވެސް އެގޮތުގައި ބާރަށް އޮބިހެއްޓޭވަރެއް ނުވިއެވެ. ނަތީޖާއެއްގެ ގޮތުން ވެރިކަމުގައި ހުރެ އިންތިޚާބުން އެންމެ 5 ޕަސެންޓް ލިބިގެން ބަލިވެގެން ދިޔައީއެވެ.
ރާއްޖޭގައި އެއް ޕާޓީން އެކަނި ރިޔާސީ އިންތިޚާބެއް ކާމިޔާބު ނުކުރެވޭނެކަން ހާމަވީ ކުރިއެކޭ އެއްގޮތައް ދެން އައި 2013 ވަނަ އަހަރުގެ އިންތިޚާބުގައި ދެވަނަ ބުރަކަށް ދާން ޖެހުމުންނެވެ. މިފަހަރު ގުޅިފައިވާ ކޯލިޝަނަކުން ވެރިކަމަށް ވަޑައިގެންނެވީ ރައީސް ޢަބްދުﷲ ޔާމީނެވެ. ރައީސް ޔާމީންގެ ހާލުވެސް ކުރިއެކޭ އެއްގޮތަކަށް ދެރައެއް ނުވިއެވެ. ވެރިކަމުގެ އެހާމެ ކުރީކޮޅު ކޯލިޝަން ރޫޅުނެވެ. އެކޯލިޝަން ރޫޅި ޕާޓީތައް ވަކިވުމާއެކު އެންމެން އެއްގަލަކަށް އަރުވައި ގުޅުންތައް ވަރުގަދަކުރުމުގެ ބަދަލުގައި ރައީސް ޔާމީން ބޭނުން ކުރެއްވީ ވެރިކަމުގެ އާރާއި ބާރެވެ. ހަމަޔާ ލަމަ ދޫކޮށް ގޮށްމުށުގެ ބާރު އިސްކުރެއްވިއެވެ. ޑިމޮކްރެޓިކް އުސޫލުތައް ދޫކޮށް މަޖިލީހުގެ މެޖޯރިޓީއާއެކު ޖުޑިޝަރީއަށްވެސް ރަނގަޅަށް އަތްބޭނުއްވިއެވެ. މަޖިލީހުގެ 12 މެމްބަރަކު ވަކިކޮށް މުޅި މަޖިލީހުގައި ތަޅުއެޅުވިއެވެ. އެއްބާރު އެއްކޮށް ވާކޮށްލިއެވެ. ފާޑުކިޔުންތައް ހުއްޓުވައި ޓީވީޗެނަލްތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް ނޫސްވެރިން ހައްޔަރުކުރިއެވެ. މާލީ ޤާނޫންތަކާއި ޤަވާއިދުތަކަށް ބަދަލު ގެނެސް ހިތުހުރިގޮތަކަށް ބައިތުލްމާލް ބޭނުންކުރަންފެށިއެވެ. ބޮޑެތި ސިޔާސީ ދައުވާތައް އުފުލައި ހުރިހާ އިދިކޮޅު ލީޑަރުން ޖަލުގެ ގޮޅިތަކަށްލިއެވެ. ނަތީޖާއެއްގެ ގޮތުން ކުރިއަށްވުރެ ޤައުމުގެ ހާލަތު ގޯސްވެގެންދިޔައެވެ. އަނިޔާވެރިކަން އިންތިހާއަށް ހިނގައްޖެ ކަމަށާއި ޤައުމުގެ އިޖްތިމާއީ ފޭރާން މުޅިންހެން ވީދިއްޖެކަމަށް ނިންމާ އަނެއްކާވެސް މުޅިން އާ އިއްތިހާދެއް އުފަންވިއެވެ. މިފަހަރު އޭގެ ތެރެއިން ގިނަ ލީޑަރުން އޭރު އޮންނެވީ ޖަލުގައި ނުވަތަ ބަންދެއްގައެވެ.
ޤައުމު ސަލާމަތް ކުރުމަށް ގުޅިފައިވާ ޕާޓީތަކަށް މިފަހަރު އެއްބަސް ވެވުނީ ރައީސް އިބްރާހީމް މުހައްމަދު ސާލިހް ވެރިކަމަށް ގެނައުމަށް ބައިއަތު ހިފުމަށެވެ. ޤައުމުގެ ހާލަތު އޮތްގޮތުން ރިސްކެއް ނުނަގާ އިންތިޚާބު ކާމިޔާބު ކުރެވޭނޭ ގޮތްހެދުމަށެވެ. އެގޮތަށް ނިންމުމުގައި މައި އެމްޑީޕީއާއި ގުޅިފައިވާ ޕާޓީތަކަށް އިއްތިފާގު ވެވުނު ގިނަ ކަންތައްތަކެއް ހުއްޓެވެ. ރައީސް އިބްރާހީމް މުހައްމަދު ސާލިހްގެ ފަސްބައި ސާފުކަމެވެ. އެހެންމީހުންގެ އަޑު އައްސަވާ ބޭފުޅަކަށް ވުމެވެ. ކަންކަމުގައި އަވަސްއަރުވާ ނުލައްވައި، ގޮތް ނިންމެވުމުގައި މަޝްވަރާ ކުރިއަށް ނެރުއްވުމެވެ. ޕާޓީތަކުގެ މެދުގައި ހުރިހާ ޒަމާނެއްގައި ހިނގި ވާހަކަތަކުގެ އެންމެ އިސް ލީޑަރުގެ ގޮތުގައި ހުންނަވައިގެން ދެއްކެވި މިސާލުން އިދިކޮޅާއި އެއްކޮޅުގެ އިހްތިރާމް ލިބިވަޑައިގެން ހުންނެވި ބޭފުޅަކީ އެއީކަމަށް ޤަބޫލު ކުރެވުމެވެ.
ނަތީޖާއެއްގެ ގޮތުން އޭރު ވެރިކަމުގައި ހުންނެވި ރައީސް ޔާމީނާ ވާދަކުރައްވާ އިބްރާހީމް މުހައްމދު ސާލިޙް އިންތިޚާބު ކާމިޔާބު ކުރެއްވީ ބޮޑު ތަފާތަކުންނެވެ. އިންތިޚާބު ކާމިޔާބު ވުމާއެކު ގުޅިފައިވާ ޕާޓީތަކުންވެސް އަދި އާއްމު ރައްޔިތުންގެ ހިތުގައި އުފެދުނު ބޮޑު ސުވާލަކީ މިފަހަރު ވާނީ ކިހިނެއް ބާއެވެ. ކޯލިޝަން ރޫޅޭނީ ކޮން އިރަކުން ބާއެވެ. މިވެރިކަން ދައުރު ނިމެންދެން ދެމިއޮންނާނެ ބާވައެވެ.
ޖަވާބު ރައީސް އިބްރާހީމް މުހައްމަދު ސާލިޙް ދެއްވީ އަމަލުންނެވެ. މިފަހަރު އެހެން ހީކުރެވުން އެއީ ކުށްހީއެއްކަމަށް އަންގައިދިނީ ކޯލިޝަނަކުން ފެށި ވެރިކަން ހަމަ އެގޮތުގައި ދައުރު ފުރިހަމަ ކުރެއްވި ހަމައެކަނި ރައީސްގެ ގޮތުގައި އެމަނިކުފާނު ވެވަޑައިގެންނެވެ. ތަފާތު ޚިޔާލް ތަކުގެ ތަފާތު ސިޔާސަތު ތަކުގެ އަދި ތަފާތު ފިކުރުތަކުގެ ޕާޓީތައް އެކަތިގަނޑެއްގެ ގޮތުގައި ގެންގުޅުއްވައިގެން ފުރިހަމަ ރިޔާސީ ދައުރެއް އެމަނިކުފާނު ކާމިޔާބު ކުރައްވާ ރެކޯޑް ޤާއިމް ކުރެއްވީއެވެ. ދެކަފި ޚިޔާލްތަކަށްވެސް ފުރުސަތު ދެއްވައިގެން ގައުމާއި ގިނަބައެއްގެ މަސްލަހަތު ކުރިއަށް ނެރުއްވައިގެންނެވެ. ކިޔާނެ އެއްޗެއް ކިޔާން އިދިކޮޅު ޓީވީތަކާއި ނޫސްތަކަށް ފުރުސަތު ދެއްވައިގެންނެވެ. އިންސާފްވެރިކަމާއެކު ގޮތްނިންމަން ކޯޓުތަކަށް ފުރިހަމަ މިނިވަންކަން ދެއްވައިގެންނެވެ. އަމުދުން މުޅިދުނިޔެއަށް ކުރިމަތިވި ކޮވިޑްގެ އާލަމީ ވަބާގެ ނާޒުކުކަމާއެކު ގެއްލުނު ހައްސާސް ދެއަހަރާއި ޔޫކްރޭނާއި ރަޝިޔާ ހަނގުރާމައިގާ ކުރިމަތިވި ބޮޑު ގޮންޖެހުންވެސް ރަނގަޅަށް ހެންޑްލް ކުރައްވައިގެންނެވެ. ރިއެކްޓް ކުރަންވާ ދަނޑިވަޅުތަކުގައި ރިއެކްޓް ރަނގަޅަށް ކުރައްވައިގެންނެވެ. ކެތްތެރިވެ ހިމޭންވެލައްވަން ޖެހޭނެ ވަގުތުކޮޅުކޮޅުވެސް އަންނަކަން ހުރިހާ ރައްޔިތުންނަށް އަންގައިދެމުންނެވެ.
ކޮންމެއަކަސް ރައީސް އިބްރާހީމް މުހައްމަދު ސާލިހް ދެއްކެވީ، ދައްކަވަމުން ގެންދަވަނީ ލާމަސީލު ނަމޫނާއެކެވެ. ފުރަތަމަދުވަހުވެސް ހިއްޕެވި ބައިއަތުގައި ސާބިތުވެ ހުންނަވައިގެން ކޯލިޝަނަކުން ވެރިކަމުގެ ދައުރު ފުރިހަމަ ކުރެއްވީއެވެ. ދެއްވި އިތުބާރު ނެގެހެއްޓެވީއެވެ. އިދިކޮޅަށްވެސް މިނިވަންކަމާއެކު ހަރަކާތްތެރިވެވޭނޭ ޖާގަ ތައްމިނަށް ދީގެން ސިޔާސީ ހައްޔަރީންގެ ގޮތުގައި އެންމެ މީހަކުވެސް ޖަލުގެ ކުޑަގޮޅީގައި ބޭއްވުމެއްނެތިއެވެ. ރައްޔިތުންނަށް އޯގާތެރި ޑިމޮކްރެޓިކް ދައުރެއް އެ ނިންމަވާ ލެއްވީ މިއީ ހެޔޮވެރިކަމެއްގެ ބިންގާ އެޅިގެން އަންނަ ވެރިކަމެއްކަން މުޅި ދިވެހިރާއްޖެއަށާއި މުޅިދުނިޔެއަށް ދައްކަވަމުންނެވެ.