ކ. މާލެ
|
4 ޖެނުއަރީ 2023 | ބުދަ 12:16
ދިވެހި ފުލުހުންގެ ހިދުމަތުން ބޭނުންކުރަން ފެށި ބޮޑީވޯން ކެމެރާ
ދިވެހި ފުލުހުންގެ ހިދުމަތުން ބޭނުންކުރަން ފެށި ބޮޑީވޯން ކެމެރާ
ޕޮލިސް
ފުލުހުންގެ ތަފާސްހިސާބުތައް
މިދިޔަ އަހަރު ވެސް އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލަތައް
ނިމިދިޔަ 2022 ވަނަ އަހަރު ޖުމުލަ 11،371 މައްސަލައެއް ފުލުހަށް ހުށަހަޅާފައިވޭ

މި ނިމުނު 2022 ވަނަ އަހަރު ވެސް އެންމެ ގިނައިން ފުލުހުންނަށް ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލަތައް ކަމަށް އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެ އިދާރާއިން ނެރެފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ނިމުނުއިރު ވައްކަމުގެ 3،970 މައްސަލަ ވަނީ އެ އިދާރާއަށް ހުށަހަޅައިފައެވެ. ނަމަވެސް މިއީ 2021 ވަނަ އަހަރު ރިޕޯޓް ކުރި ވައްކަމުގެ މައްސަލަތަކާ އަޅާ ބަލާއިރު މަދު އަދަދެކެވެ. 2021 ވަނަ އަހަރު ނިމުނު އިރު 4،677 ވައްކަމުގެ މައްސަލަ ވަނީ ފުލުހުންނަށް ރިޕޯޓުކޮށްފައެވެ.

ވައްކަމުގެ އިތުރުން ދެން އެންމެ ގިނައިން ރިޕޯޓް ކޮށްފައިވަނީ އެކްސިޑެންޓުތަކެވެ. އެގޮތުން 1،609 މައްސަލަ މިދިޔަ އަހަރު ފުލުހުން ބަލާފައިވާއިރު 2021 ވަނަ އަހަރު ބަލާފައިވަނީ 1،565 މައްސަލައެވެ.

ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި ނިމިދިޔަ 2022 ވަނަ އަހަރު ޖުމުލަ 11،374 މައްސަލައެއް އެ އިދާރާއަށް ހުށަހަޅާފައިވެއެވެ. މިއީ 2021 ވަނަ އަހަރު ހުށަހެޅި މައްސަލަތަކާ އަޅާ ބަލާއިރު ދަށްވުމެކެވެ. 2021 ވަނަ އަހަރު 11،914 މައްސަލައެއް ވަނީ ހުށަހަޅައިފައެވެ.

ފުލުހުންނަށް ހުށަހެޅި މައްސަލަތައް

  1. އެއްޗެހި ގެއްލުން: 1،410 މައްސަލަ
  2. ފޭރުން: 374 މައްސަލަ
  3. އަނިޔާކުރުން: 515 މައްސަލަ
  4. ގެވެށި އަނިޔާ: 227
  5. ޖިންސީ ގޯނާ: 330 މައްސަލަ
  6. ޓްރެފިކް އެކްސިޑެންޓް: 1،608 މައްސަލަ
  7. ޗެކް ބައުންސް: 15 މައްސަލަ
  8. ވައްކަން: 3،970 މައްސަލަ
  9. މަސްތުވާތަކެތި: 1،423 މައްސަލަ
  10. މަކަރާއި ހީލަތް: 908 މައްސަލަ
  11. މުދަލަށް ގެއްލުން ދިނުން: 475 މައްސަލަ
  12. ފޯޖް ކުރުން: 116 މައްސަލަ

ކުށްމަދުކުރުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކާއި ގުޅޭގޮތުން ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މޫސާ ރަޝީދު ވިދާޅުވީ މިދިޔަ އަހަރުގެ މެދުތެރެއިން ފެށިގެން ސްކޭމްގެ މައްސަލަތައް ވަރަށް ބޮޑުވެގެންދިޔަކަމަށެވެ. އެހެންކަމުން ފުލުހުންނާއި ބީއެމްއެލް އަދި މުއައްސަސާތައް ގުޅިގެން ރައްޔިތުން ހޭލުންތެރިކުރުމުގެ އެކިއެކި ޕްރޮގްރާމްތައް ކުރިޔަށްގެންގޮސްފައިވާކަމަށް ވިދާޅުވިއެވެ. އެއާއެކު ކޮންމެސް ވަރަކަށް މިފަދަ މައްސަލަތައް މަދުވިކަމަށް ފާހަގަވިކަމަށް ވިދާޅުވިއެވެ.

ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާލާއިރު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ސްކޭމްގެ މައްސަލަތަކުގެ ގޮތުގައި 998 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ. މިގޮތުން 2019 ވަނަ އަހަރު މިފަދަ 368 މައްސަލަ ރިޕޯޓުކޮށްފައިވާއިރު، 2020 ވަނަ އަހަރު 226 މައްސަލަ، 2021 ވަނަ އަހަރު 601 މައްސަލަ އަދި 2022 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ ނިޔަލަށް 998 މައްސަލަ ރިޕޯޓުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. މިދިޔަ އަހަރު ހުށަހެޅުނު މައްސަލަތަކުން 23 މިލިއަން ރުފިޔާއާ ގާތްކުރާ އަދަދެއްގެ ފައިސާ ރައްޔިތުންގެ އަތުން ގެއްލިފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް