ކ. މާލެ
|
2 ޖެނުއަރީ 2023 | ހޯމަ 14:36
ބޭންކް އޮފް މޯލްޑިވްސްގެ އޮންލައިން ބޭންކިންގ ހިދުމަތަށް އޮތެންޓިކޭޓަރ އެޕް ބޭނުންކުރެވޭ ގޮތް ވަނީ ހަދާފައި
ބޭންކް އޮފް މޯލްޑިވްސްގެ އޮންލައިން ބޭންކިންގ ހިދުމަތަށް އޮތެންޓިކޭޓަރ އެޕް ބޭނުންކުރެވޭ ގޮތް ވަނީ ހަދާފައި
ބީއެމްއެލް
ސްކޭމްގެ މައްސަލަތައް
މިފަހުން ހުށަހެޅޭ ސްކޭމްގެ މައްސަލަތައް މަދު: ފުލުހުން
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ސްކޭމްގެ މައްސަލަތަކުގެ ގޮތުގައި 998 މައްސަލައެއް ރިޕޯޓުކޮށްފައިވޭ
މިދިޔަ އަހަރު ހުށަހެޅުނު މައްސަލަތަކުން 23 މިލިއަން ރުފިޔާއާ ގާތްކުރާ އަދަދެއްގެ ފައިސާ ރައްޔިތުންގެ އަތުން ގެއްލިފައިވޭ

މާފުށީ ޖަލުގައި ހިންގި ޚާއްސަ އޮޕަރޭޝަނާއި ބޭންކުގެ ސެކިޔުރިޓީ ފީޗަރސްތަކަށް ގެނެވުނު ބަދަލުތަކާއި ގުޅިގެން ހުށަހެޅޭ ސްކޭމްގެ މައްސަލަތައް މަދުކަން ފާހަގަކުރެވިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ކުށްމަދުކުރުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކާއި ގުޅޭގޮތުން ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މޫސާ ރަޝީދު ވިދާޅުވީ މިދިޔަ އަހަރުގެ މެދުތެރެއިން ފެށިގެން ސްކޭމްގެ މައްސަލަތައް ވަރަށް ބޮޑުވެގެންދިޔަކަމަށެވެ. އެހެންކަމުން ފުލުހުންނާއި ބީއެމްއެލް އަދި މުއައްސަސާތައް ގުޅިގެން ރައްޔިތުން ހޭލުންތެރިކުރުމުގެ އެކިއެކި ޕްރޮގްރާމްތައް ކުރިޔަށްގެންގޮސްފައިވާކަމަށް ވިދާޅުވިއެވެ. އެއާއެކު ކޮންމެސް ވަރަކަށް މިފަދަ މައްސަލަތައް މަދުވިކަމަށް ފާހަގަވިކަމަށް ވިދާޅުވިއެވެ.

ނަމަވެސް އެއްކޮށް ނުދޭ. ބޮޑަށް ފާހަގަވީ ކަމަށް ދާންޖެހޭ ސަމާލުކަން ނުދޭކަން. އާންމުންގެ ތެރޭގައި މައުލޫމާތު ހުރޭ. ނަމަވެސް ފަރުވާކުޑަ ކޮށްލެވެނީ. ކަމެއް ދިމާވީމާ އަދި އެފަދަ މައުލޫމާތެއް އެފަދަ މައުލޫމާތެއް ފުލުހުންނަށް ފޯރުކޮށްދޭން ބޭނުމެއް ނުވޭ. އަދި އެމީހަކަށް އެފަދަ ކަމެއް ދިމާވިއަސް އެމައުލޫމާތު ފުލުހުންނަށް ދޭން ބޭނުމެއް ނުވޭ.
ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މޫސާ ރަޝީދު

ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ރަޖުނީ ޝުއައިބު ވިދާޅުވީ ސްކޭމްގެ ކަންކަން ކުރުމުގައި އަބަދުވެސް އައު ގޮތްތައް ގެންގުޅޭކަމަށެވެ. ނަމަވެސް ކެނޑިނޭޅި މިކަމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގަމުން އަންނަކަމަށް ރަޖުނީ ވިދާޅުވިއެވެ. މިއާއެކު ކުރިޔާ އަޅާބަލާއިރު މިހާރު ހުށަހެޅޭ ސްކޭމްގެ މައްސަލަތައް މަދުކަމަށް ރަޖުނީ ވިދާޅުވިއެވެ.

ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާލާއިރު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ސްކޭމްގެ މައްސަލަތަކުގެ ގޮތުގައި 998 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ. މިގޮތުން 2019 ވަނަ އަހަރު މިފަދަ 368 މައްސަލަ ރިޕޯޓުކޮށްފައިވާއިރު، 2020 ވަނަ އަހަރު 226 މައްސަލަ، 2021 ވަނަ އަހަރު 601 މައްސަލަ އަދި 2022 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ ނިޔަލަށް 998 މައްސަލަ ރިޕޯޓުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. މިދިޔަ އަހަރު ހުށަހެޅުނު މައްސަލަތަކުން 23 މިލިއަން ރުފިޔާއާ ގާތްކުރާ އަދަދެއްގެ ފައިސާ ރައްޔިތުންގެ އަތުން ގެއްލިފައިވެއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ އިންޓަރނެޓް ބޭންކިންގ އަދި މޮބައިލް ބޭންކިންގ ހިދުމަތް މެދުވެރިކޮށް ކުރާ ހުރިހާ މުއާމަލާތްތަކަށް ބޭނުންވާ ވަން ޓައިމް ޕާސްވޯޑް ( އޯޓީޕީ) އޮތެންޓިކޭޓަރ އެޕް މެދުވެރިކޮށް ޖެނެރޭޓްކުރެވޭ ގޮތަށް ހަމަޖައްސާފައެވެ. އަދި 20 ޑިސެންބަރު 2022 އިން ފެށިގެން ޑިފޯލްޓްކޮށް އޯޓީޕީ ލިބޭނެ ޗެނަލެއްގެ ގޮތުގައި އީމެއިލް ނުހިމެނޭނެއެވެ. އޯޓީޕީ ލިބޭ ޗެނަލެއްގެ ގޮތުގައި އީމެއިލް ހިމެނުމަށް ބޭނުންވާ ކަސްޓަމަރުންނަށް ވެރިފިކޭޝަން ޕްރޮސެސްއަކަށްފަހު އީމެއިލް އަށް އޯޓީޕީ ލިބޭ ގޮތަށް ހަމަޖެއްސޭނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

މީގެއިތުރުން ސްކޭމާއި ޓެރަރިޒަމްގެ އަމަލުތައް ހިންގާކަމުގެ މައުލޫމާތު ލިބިގެން މާފުށީ ޖަލު ފާސްކުރުމުގެ އޮޕަރޭޝަނެއް ޑިސެމްބަރު މަހުގެ ކުރީކޮޅު ކުރިޔަށް ގެންގޮސްފައިވެއެވެ. މި އޮޕަރޭޝަން ކުރިއަށްގެންގޮސްފައިވަނީ ކަރެކްޝަންސް އާއި ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާ ގުޅިގެންނެވެ.

ސްކޭމް ކޯލުތަކުގައި ބޭނުން ކުރަނީ ބިދޭސީންގެ ނަންމަތީގައި ހުންނަ ސިމް ކާޑުތައްކަމަށް ފުލުހުން ބުނެއެވެ. އެންމެ ގިނައިން ސިމް ގަނެފައި ހުރި މީހުންގެ ތެރެއިން އެވްރެޖުކޮށް އެއިން ކޮންމެ މީހެއްގެ ނަން މަތީގައި 5000 ސިމް ކާޑު ވަނީ ގަނެފައެވެ. މި މީހުންނަކީ މީގެ ކުރިން ރާއްޖޭގައި އުޅުނު ނަމަވެސް މިހާރު ރާއްޖޭގައި އުޅޭ ބައެއް ނޫންކަން ވެސް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ފާހަގަކުރެއްވިއެވެ.

މިއާއެކު ސިމް ކާޑު ދޫކުރާ އުސޫލަށް މިދިޔަ އަހަރުގެ ޑިސެމްބަރު 1ން ފެށިގެން ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ސިމްކާޑު ކަސްޓަމަރުންނަށް ދޫކުރުމުގެ ކުރިން ހުންނާނީ ބޭނުންނުކުރެވޭ (ނޮން އެކްޓީވޭޓަޑް ސްޓޭޓަސް) ޙާލަތުގައެވެ. ސިމްކާޑު އެކްޓިވޭޓް ވާނީ، ސިމްކާޑު ދޫކުރާ ކަސްޓަމަރުގެ ފުރިހަމަ މައުލޫމާތު ސަރވިސް ޕްރޮވައިޑަރަށް ލިބުމުންނެވެ.

ސްކޭމްގެ މައްސަލަތައް އިތުރުވުމުގެ ސަބަބުން އެކަން ހުއްޓުވުމަށް ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓުމަންޓުން އިސްނަގައިގެން ވަނީ "100 ޑޭސް އެކްޝަން ޕްލޭން" އެއް ވެސް ވަނީ ފަށައިފައެވެ. މި ޕްލޭނަކީ ބެންކުތަކާއި މުއައްސަސާތަކާ އަދި ކުންފުނިތަކުގެ ނަމުގައި ފޯނުން ގުޅައިގެންނާއި ސޯޝަލް މީޑިއާގެ އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް އޮޅުވާލައިގެން ގިނައަދަދެއްގެ ފައިސާ ނަގަމުންގެންދާ މައްސަލަތައް މި އަހަރު އިތުރުވަމުން ދިއުމާއި ގުޅިގެން 100 ދުވަހުގެ މުއްދަތަށް އެކުލަވާލައިގެން ހިންގާ އެކްޝަން ޕްލޭނެކެވެ. 

މި އެކްޝަން ޕްލޭންގައި މައިގަނޑު 8 ހަރަކާތެއް ހިމަނާފައިވެއެވެ. އެގޮތުން ސްކޭމް ކޯލް ނުވަތަ އޮޅުވާލައިގެން ފައިސާ ހޯދުން މަދުކުރުމަށް ރައްޔިތުން ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި އެއްލައްކަ މީހުންނަށް ފޭސްޓުފޭސް ރީޗްވުމާއި، ޕޯސްޓަރސް، ލީފްލެޓް، އަދި ފްލަޔަރ ބެހުމާއި، ޓީވީ އިޝްތިހާރު ތައްޔާރު ކުރުމާއި، އެސް.އެމް.އެސް މެދުވެރިކޮށް ރައްޔިތުން ހޭލުންތެރި ކުރުމަށް މެސެޖު ފޮނުވުން ހިމެނެއެވެ. އަދި މިފަދަ މައްސަލަތައް ތަހުގީގުކުރާ ފުލުހުންގެ ތަހުގީީގު އަވަސްކޮށް އެއް މިސްރާބަކަށް ތަހުގީގު ބައްޓަންކުރުމަށް ހާއްސަ ތަމްރީނު ޕްރޮގްރާމެއް ހިންގުން ހިމެނެއެވެ. 

އޭގެ އިތުރުން، ދީނީ ދަރުސްތަކާއި ފޯރަމްތަކުގައި ރައްޔިތުން ހޭލުންތެރިކުރުމަށް މަސައްކަތްކުރުމާއި ޖަލުތަކުގައި ހިންގާ ސްކޭމް ކޯލާ ގުޅުންހުރި ކަންތައްތައް ހުއްޓުވުމަށް މަސައްކަތްކުރުން މި އެކްޝަން ޕްލޭންގައި ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް