ކ. މާލެ
|
2 ޖެނުއަރީ 2023 | ހޯމަ 13:05
ތިންލައްކަ ރުފިޔާގެ ފައިސާގެ އިނާމާއެކު، "ރަންތާޖު" ޤުރުއާން މުބާރަތް ލޯންޗު ކުރުން
ތިންލައްކަ ރުފިޔާގެ ފައިސާގެ އިނާމާއެކު، "ރަންތާޖު" ޤުރުއާން މުބާރަތް ލޯންޗު ކުރުން
ރާއްޖެއެމްވީ
"ރަންތާޖު" ޤުރުއާން މުބާރަތް
"ރަންތާޖު" ޤުރުއާން މުބާރާތާމެދު ދެ ވަޒީރުންގެ އުއްމީދު ބޮޑު
20 ބައިވެރިން އޮޑިޝަންގެ ތެރެއިން ހޮވާނެ
މިއީ އެންމެ ފުރިހަމަ ޤުރުއާން މުބާރާތަށް ވާނެކަމަށް އުއްމީދު ކުރައްވާ
މިއީ ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެއް

ތިންލައްކަ ރުފިޔާގެ ފައިސާގެ އިނާމާއެކު ލޯންޗުކޮށްފައިވާ "ރަންތާޖު" ޤުރުއާން މުބާރާތާމެދު، ބޮޑެތި އުއްމީދުތަކެއް އެބައޮތްކަމަށް މުބާރަތް އިންތިޒާމުކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.

މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި، އިސްލާމިކް މިނިސްޓްރީ އަދި ރާއްޖެ ޓީވީ ގުޅިގެން ކުރިއަށްގެންދާ ރަންތާޖު ޤުރުއާން މުބަރާތާއި ގުޅޭ ފަހުމުނާމާއެއްގައި ހޯމަ ދުވަހު ވަނީ ސޮއިކޮށްފައެވެ.

އެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފު ވިދާޅުވީ، މިއީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު، އެންމެ ބޮޑު އަދި އެންމެ ފުރިހަމަ ޤުރުއާން މުބާރާތަށް ވާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ތަފާތު އެކި ކަންކަމާ ގުޅޭ މުބާރާތްތައް ފޯރީގައި ބާއްވާއިރު، ރާއްޖޭގައި ތިބި ޤުރުއާން ކިޔަވާ ފަރާތްތަކުގެ އަގުވަޒަންކޮށް އެކަމަށް ޚާއްސަ މުބާރާތެއް ބޭއްވުމުގެ ބޭނުންތެރިކަންވެސް ނުހަނު ބޮޑު ކަމަށެވެ.

ތަފާތު އެކިއެކި އެެހެނިހެން ކަންކަމުގައިވެސް ވަރަށް ފޯރީގައި އަޅުގަނޑުމެން ތަފާތު މުބާރަތްތައްވެސް ބާއްވައި ހަދަން، އަޅުގަނޑުމެންނަށް ޤަބޫލު ކުރެވުނީ ކީރިތި ޤުުރުއާން ރީތިކޮށް ކިޔަވާ، އެންމެ މޮޅެތި ފަރާތްތަކުގެ އަގުވަޒަން ކުރަން
ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފު

ރާއްޖެޓީވީއާއެކު ކުރެވިފައިވާ ތަޖުރިބާއަށް ބަލާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އޮޑިޝަންކޮށް، މި މުބާރާތް ފުރިހަަމަ މުބާރަތަކަށް ހެދޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒާހިރު އަލީ ވިދާޅުވީ، މިއީ ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެއް ކަމަށެވެ. އަދި މި މަސައްކަތް ފުރިހަމައަށް ކުރެވޭނެކަމުގެ އުއްމީދު ބޮޑުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ރަމަޟާން މަހަކީ އެންމެ އައުލާކަން ބޮޑު މަަސް ކަމަށާއި، ވުމާއެކު، މި މުބާރާތް ކުރިއަށްދާނީ ރަމަޟާން މަހު ކަމަށެވެ. ނަމަވެސް އޭގެ ކުރިން އޮޑިޝަންތައް ކުރިއަށްދާނެއެވެ.

އެކި ސަރަޙައްދުތަކުން އޮޑިޝަން ބާއްވައި، ހޮވާލެވޭ ކުދިންތަކެއް މާލެ ގެންނާނީ، އެ ކުދިންނަށް ދޭން ޖެހޭ ޓްރެއިނިންގ ވެސް ދޭނެ
އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒާހިރު އަލީ

މިނިސްޓަރ ވަނީ ވީހާވެސް ގިނަ ރައްޔިތުންނާއި ބެލެނިވެރިންގެ އެއްބާރުލުން ބޭނުންވާކަން ފާހަގަ ކުރައްވާފައެވެ.

މި ޕްރޮގްރާމްގައި ހޯމަ ދުވަހުން ފެށިގެން ބައިވެރިވެވޭއިރު، ރާއްޖޭގެ 10 ސަރަަޙައްދެއްގައި އޮޑިޝަންތައް ކުރިއަށްދާނެއެވެ. އަދި 20 ބައިވެރިން އޮޑިޝަންގެ ތެރެއިން ހޮވާނެއެވެ.

މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން (އާރްޓީ ސްޕޭސް، ފުރިހަމަ ނަން، އުމުރު، އައިޑީ ނަންބަރު، އޮޑިޝަން ހަދަން ބޭނުންވާ ސަރަޙައްދު) ޖެހުމަށްފަހު، 450 އެސްއެމްއެސް ކުރުމަށް ވަނީ ހުޅުވާލާފައެވެ. މިއީ 16 އަހަރާއި 45 އަހަރާ ދެމެދުގެ އުމުރުފުރާގެ ފަރާތްތަކަށް ހުޅުވާލެވިފައިވާ މުބާރާތެކެވެ.

އޮޑިޝަން ކުރިއަށްދާ ސަރަޙައްދުތަކަކީ، އައްޑޫސިޓީ ހިތަދޫ، ފުވައްމުލަކު ސިޓީ، ގދ ތިނަދޫ، ލ ގަން، ދ ކުޑަހުވަދޫ، އއ ރަސްދޫ، ބ އޭދަފުށި، ށ ފުނަދޫ، ހދ ކުޅުދުއްފުށި، ރ އުނގޫފާރުއަދި މާލެ ސިޓީއެވެ. އޮޑިޝަންތައް ކުރިއަށް ގެންދާނީ 15 ޖެނުއަރީއާއި 16 ފެބްރުއަރީއާ ދޭތެރޭގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް