ކ. މާލެ
|
31 ޑިސެންބަރ 2022 | ހޮނިހިރު 15:20
މިނީ ބަހުގެ ޚިދުމަތް ފެށުން
މިނީ ބަހުގެ ޚިދުމަތް ފެށުން
ރާއްޖެއެމްވީ
އާރްޓީއެލް މިނީ ބަހުގެ ޚިދުމަތް
އާރްޓީއެލް މިނީ ބަހުގެ ޚިދުމަތް: ކޮންޓެކްޓްލެސް ކާޑު ބޭނުންކުރުމުގެ ޓްރަޔަލް އާދީއްތަ ދުވަހު
ޓްރަޔަލް ކުރިއަށްދާނީ ދެ ދުވަހުގެ މުއްދަތަށް
އެމްޓީސީސީން ވަނީ މި ޚިދުމަތް ތަޖުރިބާކޮށްލުމަށް އާއްމުންގެ ކިބައިން އެދިފައި

މާލޭގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) މިނީ ބަސް ތަކުން ޚިދުމަތް ހޯދާ ފަރާތްތަކަށް ކޮންޓެކްޓްލެސް ކާޑު ބޭނުންކޮށްގެން ޚިދުމަތް ދިނުމުގެ ޓްރަޔަލް މަރުހަލާ އާދިއްތަ ދުވަހު ފަށާނެކަމަށް އެމްޓީސީސީން ބުނެފިއެވެ.

މިކަމާގުޅޭ އިތުރު މައުލޫމާތު "ރާއްޖެ އެމްވީ"އަށް ދެއްވަމުން އެމްޓީސީސީގެ އޮފިޝަލަކު ވިދާޅުވީ ޓްރަޔަލް ކުރިއަށްދާނީ ދެ ދުވަހުގެ މުއްދަތަށް ކަމަށެވެ. އޭނާ ވިދާޅުވީ އެ މުއްދަތުގައި ވިސާ ކާޑާއި މާސްޓަރ ކާޑު ބޭނުންކޮށްގެން ބަހުގައި ދަތުރުކޮށްލެވޭނެ ކަމަށެވެ. ޓްރަޔަލްގައި، ބީއެމްއެލްއާއެކު ޓްރާންސެކްޝަންތައް ކުރިއަށްދާގޮތް ރަނގަޅުކަން ޔަގީންކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެމްޓީސީސީން ވަނީ މި ޚިދުމަތް ތަޖުރިބާކޮށްލުމަށް އާއްމުންގެ ކިބައިން އެދިފައެވެ. ވީހާވެސް ގިނަ ފަރާތްތަކުން ޚިދުމަތް ހޯދުމަކީ ޓްރަޔަލް މަރުހަލާ ކާމިޔާބުކުރުމަށް ލިބޭ ފުރުސަތެއްކަން އެމްޓީސީސީން ފާހަގަކުރެއެވެ.

އެމްޓީސީސީން ބުނިގޮތުގައި ކޮންޓެކްޓްލެސް ކާޑު ބޭނުންކޮށްގެން ޚިދުމަތް ދިނުމުގެ މަރުހަލާ އަދި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިނީ ބަސްތަކުގައި އެކަނިކަމަށެވެ. މި ޚިދުމަތް ދޭނީ މިނީ ބަހުގެ ތިން ރޫޓްކަމަށްވާ; އޯކިޑް، އަމީނީ އަދި ސޯސަން ރޫޓުގައި އެކަނި ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. ޓްރަޔަލް ރަނގަޅަށް ހިނގައްޖެނަމަ ވަރަށް އަވަހަށް މި ޚިދުމަތް ދާއިމީގޮތެއްގައި ދޭން ފަށާނެ ކަމަށާއި، ޚިދުމަތް ފެށުމުގެ ކުރިން ސްޓޭކް ހޯލްޑަރުންނާ މަޝްވަރާކުރާނެ ކަަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ޚިދުމަތް ރަސްމީކޮށް ފެށޭނެ ތާރީޚެއް ނޭނގޭކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މާލޭގައި ކޮންމެ ދުވަހަކުވެސް 4،500އާ 5،000އާ ދެމެދުގެ އަދަދަކަށް މީހުން މިނީ ބަހުގައި ދަތުރުކުރާ ކަމަށް އެމްޓީސީސީން ވަނީ މީގެ ކުރިން ބުނެފައެވެ. އެއީ ތިން ރޫޓެއްގައި ކަމަށާއި، އިތުރު ރޫޓުތަކަކަށް ބަސް ދަތުރުކުރަން ފަށައިފިނަމަ މި އަދަދު އަދިވެސް އިތުރުވެގެން ދާނެކަމަށް ބެލެވޭކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް