ކ. މާލެ
|
30 ޑިސެންބަރ 2022 | ހުކުރު 11:35
ސައުތު އެމެރިކަން ފުޓްބޯޅަ ފެޑެރޭޝަންގެ ބޭރުގައި ޕެލޭގެ ތަސްވީރެއް
ސައުތު އެމެރިކަން ފުޓްބޯޅަ ފެޑެރޭޝަންގެ ބޭރުގައި ޕެލޭގެ ތަސްވީރެއް
ރޮއިޓާސް
ޕެލޭ މަރުވުން
ޕެލޭ ފަދަ ދެވަނަ ކުޅުންތެރިއަކު ނެތް، ފުޓްބޯޅަ ދުނިޔެ ރޮއްވާލައިފި!
ޕެލޭއަކީ ތިން ވަރލްޑް ކަޕް އުފުލާލި ހަމައެކަނި ކުޅުންތެރިޔާ

އެއީ ގޯލްޖަހާ މެޝިނެކެވެ. އެއީ ވަރލްޑް ކަޕް ޗެމްޕިއަނެކެވެ. އެއީ ހީރޯއެކެވެ. އެއީ އައިކޮންއެކެވެ. އެއީ ލެޖެންޑެކެވެ. އެއީ ފުޓްބޯޅަ ސްކޫލެކެވެ. ފީފާ ވަރލްޑް ކަޕް ތިންފަހަރު ކާމިޔާބުކުރި ހަމައެކަނި ކުޅުންތެރިޔާ ބްރެޒިލްގެ ޕެލޭ ކުރުކޮށް ސިފަކޮށްދޭނަމަ ކޮށްދެވޭނީ މިކަހަލަ ގޮތަކަށެވެ. 82 އަހަރުގައި ޕެލޭ މަރުވެއްޖެއެވެ. ދެން އޮތީ އޭނާ ދޫކޮށްދިޔަ ހަނދާންތަކާއި, ފިލާވަޅުތަކާއި, އޭނާގެ ކިބައިން އޮތް ހިތްވަރެކެވެ. އެކަންކަން ތާއަބަދު ދެމި އޮންނާނެއެވެ.

ޕެލޭގެ ފަހުން އުފެދުނު ކޮންމެ ކުޅުންތެރިއަކަށް އޭނައަކީ ހިތްވަރެކެވެ. އޭނާގެ ކިބައިން އެތަކެއް ފިލާވަޅުތަކެއް ދަސްކޮށްދިން ވަރުގަދަ ސްކޫލެކެވެ. އެކަން މިއަދުގެ ތަރިން އެގެންދަނީ ފާހަގަކުރަމުންނެވެ. ޕޯޗުގަލްގެ ރޮނަލްޑޯއާއި އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން ބުނާ ފަދައިން ޕެލޭއަކީ ހިތްވަރެއް އަދި ނަމޫނާއެކެވެ. ޔުއެފާއިން ފާހަގަކުރާ ގޮތުގައި ޕެލޭއަކީ ދުނިޔޭގެ ފުރަތަމަ ސުޕަރ ސްޓާރެވެ. ޕްރިމިއަރ ލީގުން ފާހަގަކުރާގޮތުގައި ޕެލޭއަކީ ފުޓްބޯޅައިގެ އާދަޔާ ހިލާފު ހުނަރެކެވެ. އެންމެފަހުން ޕެލޭގެ ރެކޯޑް މުގުރާލި ބްރެޒިލްގެ ނޭމާ ބުނާފަދައިން ޕެލޭއަކީ ފުޓްބޯޅަ މުނިފޫހި ފިލުވައިދޭ ހުނަރަށް ބަދަލުކޮށްލި ޝަހުސިއްޔަތެވެ. އެހެން ކުޅުންތެރިންވެސް ފާހަގަކުރާ ފަދައިން ޕެލޭ ދޫކުރީ ތާއަބަދުވެސް ދެމި ހުންނާނެ ފުޓްބޯޅައިގެ ރަން ހަނދާންތަކެވެ.

ޕެލޭވަނީ އޭނާގެ ފުޓްބޯޅަ ކެރިއަރުގައި ކުޅުނު 1363 މެޗުން 1281 ލަނޑު ޖަހާފައެވެ. މިއީވެސް ރެކޯޑެކެވެ. ޓީނޭޖުގައި ބްރެޒިލްގެ ސަންތޯސްއިން ސީނިއަރު ކެރިއަރު ފަށާ, ކެރިއަރު ނިންމާލީ އެމެރިކާގެ މުއްސަނދި ނިއު ޔޯކް ކޮސްމޯސްއިންނެވެ. އެޓީމަށް ދެ އަހަރު ކުޅުނެވެ. ކެރިއަރު ނިންމާލީ ޔޫރަޕްގެ ކްލަބްތަކަށް "ނޫނެކޭ" ބުނަމުންނެވެ. އޭގެކުރިން ޅަ ކުޅުންތެރިއެއްގެ ގޮތުގައި ބްރެޒިލްގެ އެހެން ކްލަބްތަކަށް ކުޅުނެވެ. ކުޑަކުއްޖެއްގެ ގޮތުގައި ހުނަރު ދައްކަމުން ދަނިކޮށް, ޕެލޭ ތަރިއަކަށް ހަދައިދިނުމަށް ފުރުޞަތު ހޯދައިދިނީ ބްރެޒިލްގެ ބްރިޓޯއެވެ. ޕެލޭގެ ހުނަރު އެހެން މީހުންނަށް ކިޔައިދީ އިތުބާރު ހޯދައިދިނީ އޭނާއެވެ. ސަންޓޯސްއިން ފުރުޞަތު ހޯދައިދިނީވެސް ބްރިޓޯއެވެ. ބްރިޓޯއަކީ ބްރެޒިލް ޤައުމީ ޓީމްގެ ކުރީގެ ކުޅުންތެރިއެކެވެ. އެފުރުޞަތު ހޯދައިދިނުމުގެ ކުރިން ޕެލޭއަކީ އެހެން މީހުންގެ ބޫޓް ޕޮލިޝްކޮށްދީ އުޅުނު ސަމާލުކަމެއް ނެތް ނިކަމެއްޗެކެވެ.

ސަޕޯޓަރުން ޕެލޭގެ ތަސްވީރެއް ކުރަހަނީ - ރޮއިޓާސް

ބްރެޒިލްގެ މަޝްހޫރު ޤައުމީ ޖަރޒީ އެންމެ ފުރަތަމަ ޕެލޭ ލީ 1957 ވަނަ އަހަރުގެ ޖުލައި މަހުގެ 9 ވަނަ ދުވަހުއެވެ. 16 އަހަރާއި 9 މަހުގައި ޕެލޭ ފުރަތަމަ ނުކުތީ ވާދަވެރި އާޖެންޓީނާއާ ދެކޮޅަށެވެ. އެއީ މަޝްހޫރު މަރަކާނާ ސްޓޭޑިއަމްގައެވެ. ޤައުމީ ޖަރޒީ ބޭލީ 92 މެޗުން 77 ގޯލް ޖަހާފައެވެ. ޕެލޭއަކީ ބްރެޒިލްގެ ސަންތޯސްގެ ފަޚުރެކެވެ. އެކްލަބަށް 638 މެޗު ކުޅެ, 619 ގޯލް ޖަހައިދިނެވެ.

17 އަހަރު ފުރެން ތިން މަހެއްހާ ދުވަސް އޮއްވާ ޤައުމީ ޓީމުން ފުރުޞަތު ލިބުނު ޕެލޭ ވަނީ 17 އަހަރުގައި ފުރަތަމަ ވަރލްޑް ކަޕް އުފުލާލާފައެވެ. 1958 ވަނަ އަހަރުގެ ފައިނަލްގައި 5-2 ން ސްވިޑުން ބަލިކުރި މެޗުގައި ޕެލޭ ދެ ލަނޑު ޖެހިއެވެ. އެކަމަކު އެއަށްވުރެ ބޮޑަށް ވިދާލީ 1970 ވަނަ އަހަރު ބްރެޒިލްއިން ދުނިޔޭގެ ތަށި ހޯދިއިރުއެވެ. ފައިނަލްގައި 4-1 ން އިޓަލީ ބަލިކުރި މެޗުގެ ފުރަތަމަ ލަނޑު ޖެހީވެސް ޕެލޭއެވެ. އެދެމެދުގައި އައި 1962 އަހަރުގެ ވަރލްޑް ކަޕަކީ ޕެލޭއަށް އެހާ އުފާވެރި ވަރލްޑް ކަޕެއް ނޫނެވެ. އަނިޔާގެ ސަބަބުން ކުޅެން ފުރުޞަތު ލިބުނީ ދެމެޗުގައެވެ. އެކަމަކު އެފަހަރުވެސް ތަށި ހޯދީ ޕެލޭ ހިމެނުނު ބްރެޒިލްއެވެ. ހަތަރު ވަރލްޑް ކަޕެއްގައި ލަނޑު ޖެހި މަދު ކުޅުންތެރިންގެ ތެރޭގައިވެސް ޕެލޭގެ ނަން ހިމެނެއެވެ.

ޕެލޭގެ ތަސްވީރެއް ކައިރި ސަޕޯޓަރަކު މަޑުކޮށްލައިގެން - ރޮއިޓާސް

ކުޅުން ހުއްޓާލުމަށްފަހުވެސް ޕެލޭ ވެގެންދިޔައީ ފުޓްބޯޅައިގެ ބޮޑު ޚިދުމަތްތެރިއަކަށެވެ. އެމްބެސެޑަރެއްގެ ގޮތުގައި ފުޓްބޯޅަ ޕްރޮމޯޓްކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރިއެވެ. މިމަހު 22 ވަނަ ފީފާ ވަރލްޑް ކަޕް ކުރިއަށްދިޔައިރުވެސް އަދި ނިމުނުއިރުވެސް އޮތީ ކްރިޓިކަލް ހާލަތުގައި ހަސްފަތާލުގައެވެ. އެކަމަކު އޭނާގެ ޤައުމު ބްރެޒިލްގެ ވަކިވަކި ކުޅުންތެރިންނާއި ޓީމަށް މެދުނުކެނޑި ހިތްވަރުގެ ބަސްތައް ދެމުން ދިޔައެވެ. އެއިން ކޮންމެ މެސެޖަކީ ހަޤީޤަތުގައި މިއަދު މުޅި ފުޓްބޯޅައިގެ ދުނިޔެއަށް ދިން ހިތްވަރުގެ މެސެޖެކެވެ. ހަޤީޤަތުގައި ޕެލޭއަަކީ ދުނިޔޭގެ ފުޓްބޯޅައިގެ މުހިއްމު އެއް ބައެވެ.

- ކޮމެންޓް