މީގެ ފަސް ވަރަކަށް އަހަރު ކުރިއަށް ޖެހިލާއިރު، އެއީ ފާދިއްޕޮޅު ހިންނަވަރު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރެވެ. ސިޔާސީގޮތުން ބުުރަދަން ހިފޭ، ނަމަވެސް ބަސް މަދު ބޭފުޅެކެވެ. ޤައުމުގައި އޭރު ސިޔާސީ މަސްރަޙު އޮތްގޮތުން، އެއްޗެއް ވިދާޅުވާނަމަ ވަރަށް ވިސްނަވައެވެ. ކޮންމެ އެއްޗެއް ވިދާޅުވިނަމަވެސް އެއިން އެތައް މާނައެއް ދޫކޮށްލައްވައެވެ.
ޤައުމުގައި އޭރު ތިއްބެވި ސިޔާސީ ހަރު ބޭފުޅުން ތިއްބެވީ ޖަލުގެ ތޭރިތަކުގެ ތެރޭގައެވެ. އިދިކޮޅު އެމްޑީޕީއާއި، މުޅި އިއްތިހާދު ކޮނޑުފުޅުގައި އަޅުއްވައިގެން ލީޑު ކުރައްވަމުން ގެންދެވީ ވިސްނުންތެރިކަމާއެކުއެވެ. ކުރިއަށް ކުޅުއްވާ ކޮންމެ ކުޅިއަކުން އޭރުގެ ސަރުކާރު ފަހަތަށް ޖައްސާލައްވައެވެ. އެންމެ ފަހުން ސަރުކާރަށް ޕްރެޝަރު ބޮޑުވެގެން "މަޑުމަޑުން" ހުއްނަވަނިކޮށް، ގެންގޮސް ޖަލަށްވެސް ވެއްދިއެވެ. އެވަރުންވެސް ޢަޒުމްފުޅަށް އެއްވެސް ބަދަލެއްނައެވެ. ޖަލުން ނެރުމާއެކު، އަނެެއްކާވެސް ނުކުންނެވީ ޤައުމައިގެންނެވެ. ޤައުމުގައި އޮތް ބޮޑެތި މައްސަލަތަކާ ދެކޮޅަށެވެ. އެންމެފަހުން ރިޔާސީ އިންތިޚާބާ ކުރިމަތިވީއިރު ކޮންމެވެސް ވަރެެއްގެ ނުތަނަވަސްކަމެއް އުފެދުނެވެ. އެއީ އޭރުގެ އިދިކޮޅު ކެންޑިޑޭޓަކަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ރަނގަޅު ކަމަށް ބައެެއް ފަރާތްތަކުން ވިދާޅުވުމުންނެވެ. ކުޑަ ވަރެއްގެ ނުތަނަވަސްކަމެއް އުފެދައިފައި އޮއްވާ ވިދާޅުވީ، "ޖަންގަލީގައި މަގުތަކެއް ވޭ އެކި ގޮތަށް އެކި ފުއްފުށަށް. އަންތަރީހަށް ނުމެ އަރާ ވިސްނުން އިހަށް އިސްވެސް ކުރޭ" މިހެންނެވެ.
އެންމެ ފަހުން ރިޔާސީ އިންތިޚާބާ ކުތިމަތިލެއްވީ ބިރުވެރި މާހައުލެއްގައެވެ. ކުރީގެ ރައީސް ޔާމީނާ ވާދަކުރައްވަން ނުކުންނެވުމުން، ޕީޕީއެމުންވެސް ބުނީ އިބޫއަށް އެކަން ނުވާނެކަމަށެވެ. އިބޫގެ ފެންވަރެއް ނެތް ކަމަށެވެ. ނަމަވެސް ކޯލިޝަނާއެކު ނުކުންނަވައި، ގަދަފަދަކަމަށް ދެކިވަޑައިގެން އުޅުއްވި ރައީސް ޔާމީން ކުޑަކަކޫ މައްޗަށް ތިރިކުރެއްވިއެވެ. ރައްޔިތުންގެ ފުރިހަމަ ތާއީދާއެކު 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބު ކުރެއްވިއެވެ. އޭގެ ހަތަރު އަހަރު ފަހުން އަނެއްކާ މިއަދުވެސް ނުކުންނަވައި އެ ހުންނެވީ ވަރުގަދަ އިންތިޚާބަކަށެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށެވެ. ރިޔާސީ ކެންޑިޑޭޓަކު ކަނޑައެޅުމަށް ފުރަތަމަ ފަހަރަށް އެމްޑީޕީން ޕްރައިމަރީއެއް ބާއްވާއިރު، ވާދަކުރައްވަނީ އަސްލު އެމްޑީޕީގެ ދެ ބޭފުޅުންނެވެ. ކުރީގެ ރައީސް، އަދި އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާ ވާދަކުރައްވަން ނިކުންނެވީ އެމަނިކުފާނުގެ ކުޑައިރުއްސުރެ ރަޙުމަތްތެރިޔާ ރައީސް ޞާލިޙުއެވެ. ދެ ރައީސުންގެ ވާދަވެރިކަމާއެކު އެމްޑީޕީގައި ކޮންމެވެސް ވަރެެއްގެ ޚިޔާލު ތަފާތުވުމެއް އެބައޮތެވެ. މަޑުމަޑުން މިހާރު އެ މަންޒަރު ދަނީ ފެންނަމުންނެވެ.
ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލެއްވުމަށްފަހު ފުރަތަމަ ފަހަރަށް ރައީސް ޞާލިޙު ނޫސްވެރިންނާ ބައްދަލުކުރެއްވީ ބުދަ ދުވަހުއެވެ. ރައީސް އޮފީހުގައި އޮތް ޕްރެސްއަށް އެމަނިކުފާނު ކުރިމަތިލެއްވީ ވަރުގަދަ ޢަޒުމްފުޅާއެކުއެވެ. ރިޔާސީ ޕްރައިމަރީގެ ސުވާލުތައް ކުރިމަތިވާނެކަން އެނގިވަޑައިގެން ހުންނަވައެވެ. އެ ޕްރެސްގައިވެސް ރައީސް ދެއްވީ ޔަޤީންކަމެވެ. ރައީސްގެ ވާހަކަފުޅުން ސާފުކޮށްދެއްވީ، ފަސޭހަކަމާއެކު ޕްރައިމަރީ ކާމިޔާބުވާނެ ވާހަކައެވެ. 2018 ވަނަ އަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހު ކުރެއްވި ޓުވީޓުގައި ވިދާޅުވިފަދައިން، ވިސްނުން އިސްކޮށްގެން ހުންނެވި މަންޒަރު ދިޔައީ ސިފަވަމުންނެވެ. ވިދާޅުވީ، އެމަނިކުފާނާއެކު އެމްޑީޕީއަށް ވެރިކަން ދެމެހެއްޓޭނެ ވާހަކައެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވޭނެ ވާހަކައެވެ. އޭގެކުރިން އޮތް ޔަޤީންކަމަކީ ޕްރައިމަރީންވެސް މޮޅުވާނެކަމުގެ ޔަޤީންކަމެވެ. ޕްރައިމަރީއަށް އިޝާރާތްކޮށް ވިދާޅުވީ، އިރާދަކުރެއްވިއްޔާ އެމްޑީޕީގެ ޕްރައިމަރީ ބޮޑުތަނުން ކާމިޔާބު ކުރައްވާނެ ކަމަށެވެ.
މިވަގުތު ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކުރެވޭނެކަމުގެ ފުރުސަތު އެންމެ ބޮޑީ އަޅުގަނޑަށް. ސިޔާސީ މާޙައުލު ރާއްޖޭގަ އޮތްގޮތް އެނގިވަޑައިގަންނަވާނެ. އެއްވެސް ޕާޓީއަކަށް އެކަނި ނުކުމެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމަށް އަޅުގަނޑަކަށް ނުދެންނެވޭނެ. އެހެންކަމުން އެމްޑީޕީން ނުކުންނަ ކެންޑީޑޭޓަކީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި 50 ޕަސެންޓް ކްރޮސް ކުރެވޭނެ ކެންޑިޑޭޓަކަށް ވާން ޖެހޭނެ. އަޅުގަނޑަށް ޔަޤީންކަން އެބައޮތް ސިޔާސީ ގޮތުން އަޅުގަނޑުމެންނާ ޚިޔާލު އެއްގޮތް ނޫން މީހުންނާ އެކުގަވެސް ކޯލިޝަނެއް ހަދައިގެން ގޮސް ކާމިޔާބު ކުރެވޭނެކަމުގެ.ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު
ދެ ވަނަ ދައުރެއް ކަށަވަރު ކުރެއްވުމަށް ރައީސް ޞާލިޙުގެ ފުރަތަމަ ފިޔަވަޅަކީ ރިޔާސީ ޕްރައިމަރީއެވެ. އެމަނިކުފާނު ހުންނެވީ ޕްރައިމަރީ ކާމިޔާބުވާނެކަމުގެ ފުރިހަމަ ޔަޤީންކަމާއެކުއެވެ. އެއަށްފަހު ކޯލިޝަނާއެކު ނުކުންނަވައި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވޭނެކަމުގެ ޔަޤީންކަމާއެކުގައެވެ. އެ ފުރުޞަތު އޮތް މިންވަރު ރައީސް ދައްކަވަމުން އެ ދަނީ ވިސްނުންތެެރިކަމާއެކުއެވެ.