ކ. މާލެ
|
27 ޑިސެންބަރ 2022 | އަންގާރަ 12:01
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް
އެމްޑީޕީ
އެމްޑީޕީގެ ގައުމީ މަޖިލިސް
އެމްޑީޕީގެ ނިޒާމްގެ ކްރެޑިބިލިޓީ ގެއްލުވާލަން އަޅުގަނޑު ހުރެގެން ފުރުސަތެއް ނުދޭނަން: ފައްޔާޒް
ރިޔާސީ ޕްރައިމެރީގައި ވާދަ ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙްއާއި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޕްރައިމަރީ އަށް އިއުލާންކުރީ ރައީސް ޞާލިހު އާއި ރައީސް ނަޝީދާއި މަޝްވަރާކުރުމަށް ފަހު ކަމަށް ފައްޔާޒް ވިދާޅުވި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މުޅި ނިޒާމްގެ ކްރެޑިބިލިޓީ ގެއްލުވާލަން ފުރުސަތު ނުދެއްވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް މިހެން ވިދާޅުވީ ހޯމަ ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. އޭނާ މިފަދައިން ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައެއް މެންބަރުން ހޯމަ ދުވަހުގެ ރޭގެ ޖަލްސާގައި ޕާޓީ ހިންގާ ގޮތާ މެދު ސުވާލު އުފައްދަވާ ދެއްކެވި ބައެއް ވާހަކަތަކާއި ގުޅިގެންނެވެ. އެމްޑީޕީގެ ބައެއް މެންވަރުން ފަހަކަށް އައިސް އެ ޕާޓީގެ މެންބަރުންގެ ލިސްޓާއި ޕާޓީ ހިންގާ ގޮތާ މެދު ފާޑުކިޔަމުންދާއިރު ޕާޓީ ހިންގަމުންދަނީ ޕާޓީގެ އުސޫލުތަކާއި ޤަވާއިދުތަކާއި އެއްގޮތަށް ކަމުގެ ޔަޤީންކަން ޕާޓީގެ ލީޑަރޝިޕުން ދޭކަމުގައި ފައްޔާޒް ވިދާޅުވިއެވެ.

ހޯމަ ދުވަހު ފައްޔާޒް ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ ޕާޓީގެ ރިޔާސީ ޕްރައިމެރީއަށް އިއުލާން ކުރުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙްއާއި ޕާޓީގެ ރައީސް ރައީސް މުހައްމަދު ނަޝީދުއާ ދެ ބޭފުޅުންނާއި މަޝްވަރާކުރައްވާފައިވާ ކަމަށް ވިދާޅުވެފައެވެ. ފައްޔާޒް މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމެރީއަށް އިއުލާންކުރުމާއި ތާއީދު ފޯމު ފުރުމުގައި އަމަލުކުރީ އިންސާފުވެރިކޮށް ނޫންކަމަށް ތުހުމަތުކުރައްވާ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ.

އާޒިމް ވަނީ ޕްރައިމަރީ އަށް ކުރީ މަޝްވަރާ ކުރުމަކާއި ނުލާ އަވަސްއަރުވާލައިގެން ކަމަށް ސިފަކުރައްވާފައެވެ. އަދި ރިޔާސީ ޕްރައިމެރީއަށް އިއުލާނު ކުރުމުގެ ދެ މަސް ދުވަސް ކުރިން ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ތާއިދު ފޯމުތައް ފުރިކަމަށް ވެސް އޭނާ ވަނީ ތުހުމަތުކުރައްވާފައެވެ. އާޒިމްގެ އެ ވާހަކަތަށް ޖަވާބުދެއްވާ ފައްޔާޒް ވިދާޅުވީ، ޕާޓީގެ ރިޔާސީ ޕްރައިމެރީއަށް އިއުލާން ކުރުމަކީ ޕާޓީގެ ޗެއާޕާސަންގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ ބާރެއް ކަމަށެވެ. އެ މަރުހަލާ ކުރިއަށް ގެންދިޔައީ ޤަވާއިދުތަކާއި ޤާނޫނުތަކާއި އެއްގޮތަށް ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާނެ ފަރާތެއް ހޮވުމަށް ބާއްވާ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައި ވަނީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ. ރިޔާސީ ޕްރައިމެރީގައި ވާދަ ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙްއާއި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއެވެ.

Advertisement

Advertisement
- ކޮމެންޓް