Advertisement
ކ. މާލެ
|
24 ޑިސެންބަރ 2022 | ހޮނިހިރު 12:51
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު
ޕޮލިސް
އިންޑިއާ ހައިކޮމިޝަންގައި ރޯކޮށްލަން ގޮވާލުން
އަނިޔާވެރިކަމަށް ގޮވާލާ މައްސަލަތައް ފުލުހުން ސީިރިއަސް މައްސަލަތަކުގެ ގޮތުގައި ބަލާނެ: ސީޕީ
ބަދަލު ހިފުމުގެ މަސައްކަތް އެމްބަސީން ފަށަން ފެންނަކަމަށް އައްބާސް ވިދާޅުވެފައިވޭ
ސިޔާސީ އެކިއެކި ފަރާތްތަކުން އަންނަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަމުން

އަނިޔާވެރިކަމަށް ގޮވާލާ މައްސަލަތައް ފުލުހުން ސީިރިއަސް މައްސަލަތަކުގެ ގޮތުގައި ބަލާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ސީޕީ މިހެން ވިދާޅުވީ ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުގައި ހުޅުޖަހަން، ރައީސް ޔާމީންގެ އަރިސް ބޭފުޅެއްކަމަށްވާ އައްބާސް އާދިލް ރިޒާ ގޮވާލެއްވި މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

އިމިގްރޭޝަން ކޮންޓްރޯލަރކަމާއި ކަސްޓަމްސްގެ ވެރިޔާގެ މަގާމާއި އެނޫންވެސް ސަރުކާރުގެ އިސް މަގާމުތައް ފުރުއްވާފައިވާ އައްބާސް އާދިލް ރިޒާ ކުރެއްވި ޓްވީޓެއްގައި ގޮވާލައްވާފައިވަނީ ފެބުރުއަރީ 8ގައި އިންޑިޔާގެ އޯޑަރަށް އައްޑޫގައި ހުޅުޖެހި ކަމަށާއި، އެކަމުގެ ބަދަލު އަދި އޮތީ ނުހިފި ކަމަށެވެ.

Advertisement

ބަދަލު ހިފުމުގެ މަސައްކަތް އެމްބަސީން ފަށަން ފެންނަ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

މިކަމާގުޅިގެން އާންމުންނާއި ސިޔާސީ އެކިއެކި ފަރާތްތަކުން އަންނަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެއީ ޓެރަރިޒަމްގެ އަމަލެއްކަމަށް ބުނެ އެ މައްސަލަ ބެލުމަށް ފުލުހުންނަށް ގޮވާލަމުންނެވެ. ސިޔާސީ ޕާޓީތަކުންވެސް ވަނީ މި މައްސަލަ ބެލުމަށް ގޮވާލާފައެވެ.

ހޮނިހިރު ދުވަހު ސީޕީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަނިޔާވެރިކަމަށް ހިތްވަރު ދިނުމަށް ގޮވާލާ ގޮވާލުންތަކާއި، ޓެރަރިޒަމަށް ބާރުދޭ ކަންކަމަކީ ފުލުހުން ސީރިއަސް މައްސަލަތަކުގެ ގޮތުގައި ބަލާ ކަންކަން ކަމަށެވެ.

އެފަދަ މައްސަލަތައް ސީރިއަސް މައްސަލަތަކުގެ ގޮތުގައި ތަހުގީގުކޮށް، އަޅަންޖެހޭ ފިޔަވަޅު ފުލުހުން އަޅާނެކަމަށް ސީޕީ ވިދާޅުވިއެވެ.

އޭގެ އިތުރުން، ސޯޝަލް މީޑިއާ މެދުވެރިކޮށް ނަފްރަތު އުފެއްދުން އިތުރުވެފައިވާކަން ފާހަގަކުރައްވައި ސީޕީ އިތުރަށް ވިދާޅުވީ، ކަމާ ގުޅުންހުރި އިދާރާތަކާއެކު އެ މައްސަލައަށް ހައްލު ހޯދުމަށް ކުރަންޖެހޭ ކަންކަން ފުލުހުން ކުރަމުންދާކަމަށެވެ.

މީގެ ކުރިންވެސް އަައްބާސް ވަނީ އެފަދަ ވާހަކަތައް ދައްކަވާފައެވެ. އެގޮތުން ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ހަށިކޮޅުގައި ހުޅުޖަހަން ހިތްވަރުދޭ މޭރުމަކުންވެސް އޭނާ ސޯޝަލް މީޑިއާގައި ވާހަކަދައްކަވާފައިވެއެވެ.

ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީވެސް ވަނީ އައްބާސްގެ ވާހަކަތައް ކުށްވެރި ކުރައްވައި، އެއީ ޓެރަރިޒަމަށް ހިތްވަރުދޭ ވާހަކަތަކެއްކަމަށް ވިދާޅުވެފައެވެ.

އޭގެ އިތުރުން، މި ސަރުކާރަކީ ޓެރަރިޒަމަށް ޒީރޯ ޓޮލެރެންސް ގެންގުޅޭ ސަރުކާރެއްކަން ފާހަގަ ކުރައްވައި މާރިޔާ ވަނީ، އެ ސިޔާސަތު ތަންފީޒު ކުރައްވާނެކަމަށް ވިދާޅުވެފައެވެ.

އިންޑިއާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިއްމު ބައިވެރިއެއްކަންވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް