ކ. މާލެ
|
23 ޑިސެންބަރ 2022 | ހުކުރު 22:38
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
ޕްލޭނިންގ މިނިސްޓްރީ
ކޮވިޑް ތެރޭގައި އަމަލުކުރި ގޮތް
ދަރިން ދެކެ ލޯބިވާ ބައްޕައެއް ފަދައިން ކޮވިޑް ތެރޭގައި ރައީސް ގެންދެވީ ދިވެހިންގެ ހާލަތު ބައްލަވަމުން - ޝާހިދު
ރާއްޖޭގެ މައި ދޮރާށި ބަންދުވުމާއި ގުޅިގެން، ރާއްޖެއަށް ކާބޯތަކެތި އެތެރެ ނުކުރެވިގެން، ބަނޑަށް ޖެހިގެން މަރުވީ ކާކުތޯ އަމިއްލަ ނަފްސާ ސުވާލުކޮށްލަން ޖެހޭ
ކިތައްމެ ދުރުގައި ހުއްޓަސް ދިވެއްސެއް ވާނީ ދިވެއްސަކަށް ކަމަށާއި، އެހީތެރިކަން ފޯރުކޯށްދޭން ޖެހޭނެކަމުގެ ވިސްނުން ރައީސް ގެންގުޅުއްވި

ކޮވިޑް-19ގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ގެންދެވީ ދަރިން ދެކެ ލޯބިވާ ބައްޕައެއް ފަދައިން ދިވެހިންގެ ހާލަތު ބައްލަވަމުން ކަމަށް، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ގއ. ދާންދޫގައި ސަރުކާރުން ހިއްކި 25 ހެކްޓަރުގެ ބިން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ ކޮވިޑްގެ ތެރޭގައި އެކަމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލާ ކޮންމެ ރެއަކު ރައީސް ގެންދެވީ ކޮމިޓީއާއި ބައްދަލުކުރައްވަމުން ކަމަށެވެ. ކޮމިޓީގައި ހިމެނި ވަޑައިގަންނަވާ ކުންފުނިތަކުގެ ވެރިންނާއި ވަޒީރުންނާއި ވަކިވަކިން ސުވާލު ކުރައްވަމުން ގެންދެވި ކަމަށާއި، ރާއްޖޭގެ ހާލަތު ކޮންމެ ރެޔަކު ބައްލަވަމުން ގެންދެވި ކަމަށެވެ.

ސުވާލުކުރައްވަމުން ގެންދެވީ ކިހާވަރަކަށް ކާބޯތަކެތީ ހުރިތޯ؟ ކިހާވަރަކަށް އޮކްސިޖަން އެބަހުރިތޯ؟ ކިހާވަރަކަށް ހޭ ސްޓޭންޑް ބައި ފެސިލިޓީ ތައްޔާރުކުރެވިފައި ހުރީ؟ އަހަރުމެންގެ ތެލުގެ ރިޒާވް ހުރީ ކިހާވަރަކަށްހޭ؟ ބޭސްފަރުވާ ހުރީ ކިހިނެއްތޯ؟ ވަކި ރެއެއް ނޫން ކޮންމެ ރެއަކު އެ ސުވާލު ކުރައްވާ. އަޅުގަނޑުމެން އެ ޖަލްސާއަށް ހާޒިރުވާއިރު އަޅުގަނޑުމެން ދަނީ އެ ހޯމްވޯކް ހަދައިގެން ސާފު ޖަވާބު ހިފައިގެން. އެއީ ރައީސްގެ އެ ސުވާލުތައް އަންނާނެތީ. ދަރިން ދެކެ ލޯބިވާ ބައްޕައެއްގެ ބީދައިން އެމަނިކުފާނު ގެންދެވީ ރާއްޖޭގެ ރައްޔިތުންގެ ހާލަތު ގާތުން ބައްލަވަމުން.
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު

މިނިސްޓަރ ޝާހިދު ވިދާޅުވި ރާއްޖޭގެ މައި ދޮރާށި ބަންދުވުމާއި ގުޅިގެން، ރާއްޖެއަށް ކާބޯތަކެތި އެތެރެ ނުކުރެވިގެން، ބަނޑަށް ޖެހިގެން މަރުވީ ކާކުތޯ އަމިއްލަ ނަފްސާ ސުވާލުކޮށްލަން ޖެހޭ ކަމަށެވެ. ޝާހިދު ވިދާޅުވީ މަރުކަޒީ އެއަރޕޯޓް ބަންދުކުރެވިގެން ބޭރުން ގެންނަން ޖެހޭ ބޭސްފަރުވާގެ ސާމާނު ނުގެނެވިގެން، ބޭސް ނުލިބިގެން މީހަކު މަރުނުވާ ކަމަށާއި، އެއްވެސް މީހަކު ދަތި ހާލުގައި ނުޖެހޭ ކަމަށެވެ.

ނަމަވެސް ދުނިޔޭގެ އެހެން ތަންތަނުގައި ބަނޑަށް ޖެހި އެތައް މިލިއަން މީހުން މަރުވި ކަމަށެވެ. ބޭރުގައި ތާށިވި ދިވެހި ރައްޔިތުން ތިބި ހިސާބަކުން ގެނައުމަށް ކުރައްވަން ޖެހުނު ކޮންމެ ކަމެއް ކުރައްވަން ރައީސް އެންގެވި ކަމަށެވެ. ކިތައްމެ ދުރުގައި ހުއްޓަސް ދިވެއްސެއް ވާނީ ދިވެއްސަކަށް ކަމަށާއި، އެހީތެރިކަން ފޯރުކޯށްދޭން ޖެހޭނެކަމުގެ ވިސްނުން ރައީސް ގެންގުޅުއްވި ކަމަށެވެ.

ކެއަރ ޕެކޭޖްގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިދެއްވި. ހަނދުމަފުޅު ކުރައްވާ، މި ހުރިހާ ދައްޗެއްގައި މިރަށުގައި 12 ޕްރޮޖެކްޓް ކުރިއަށްދަނީ. ރާއްޖޭގެ ކޮންމެ ކަންކޮޅެއްގައި މަސައްކަތްތައް މެދުނުކެނޑި ހިނގަމުން ދަނީ. އެއީ އަޅުގަނޑު ދަންނަވާ ވާހަކައަކީ.
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު

އަޅުގަނޑުމެންގެ އަތްމަތި ދަތިވާނެކަމާއި، ދިވެހި ދައުލަތް ބަނގުރޫޓްވާނެކަމާއި، ބަނގުރޫޓްވެގެން އަންނަ ހަފްތާގައި އެކަން އިއުލާން ކުރާނެކަމަށް އިދިކޮޅު ފަރާތްތަކުން އަބަދުވެސް ބުނަމުން ދިޔަ ކަމަށް ޝާހިދު ވިދާޅުވިއެވެ. ނަމަވެސް ތަރައްގީގެ އެއްވެސް މަޝްރޫއަކަށް ހުއްޓުމެއް ނާންނަކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ ބަނގުރޫޓެއްވެސް ނުވާ ކަމަށާއި، ރާއްޖޭގެ ރައްޔިތުން އުއްމީދުކުރައްވާ ހުރިހާ ކަމެއްގައި ރައީސް ކުލަޖައްސަވާނެކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް