ކ. މާލެ
|
23 ޑިސެންބަރ 2022 | ހުކުރު 10:02
މިއަހަރު ރާއްޖެ އައި 1.6 މިލިއަން ވަނަ ފަތުރުވެރިޔާއަށް ނައިބް ރައީސް ހަދިޔާ ދެއްވަނީ
މިއަހަރު ރާއްޖެ އައި 1.6 މިލިއަން ވަނަ ފަތުރުވެރިޔާއަށް ނައިބް ރައީސް ހަދިޔާ ދެއްވަނީ
ރައީސް އޮފީސް
ރާއްޖޭގެ ފަތުރުވެރިކަން
1.9 މިލިއަން ފަތުރުވެރިންގެ އަމާޒު ހާސިލު ކުރެވޭނެ؟
އަންނަ އަހަރު 1.9 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް ލަފާ ކުރޭ

ރާއްޖެއަކީ މުޅި ދުނިޔޭގައި ވެސް ޗުއްޓީ ހޭދަ ކޮށްލަން މީހުން ދާން ބޭނުންވާ މަންޒިލުތަކުގެ ތެރެއިން އެންމެ މަގުބޫލު އެއް މަންޒިލެވެ. އެކި ޤައުމުތަކުން ރާއްޖެއަށް އަންނަން ކެތް މަދުވެފައި ތިބި އެތައް ބަޔަކު އެބަތިއްބެވެ. ބައެއް ފަރާތްތަކަށް ރާއްޖެ އައިސް އެ ލިބޭ ހިތްހަމަޖެހުމާއި ރާއްޖޭގެ ރީިތިކަން ފެނުމުގެ ސަބަބުން ތަކުރާރުކޮށް ޗުއްޓީއަށްދާނެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ހިޔާރުކުރެއެވެ.

ރާއްޖެއަށް އަންނަ ގިނަ ފަތުރުވެރިން ބުނާ ގޮތުގައި ރާއްޖެއިން ފެންނަ މަންޒަރުތަކަކީ ބަލާ ފޫހި ނުވާ ފަދަ މަންޒަރުތަކެކެވެ. ރާއްޖޭގެ މަގުބޫލުކަން އިތުރުވެގެންގޮސް މިހާރު ބޮލީވުޑް އާއި ހޮލީވުޑްގެ ފިލްމުތަކާއި ޝޯތަކުންވެސް ރާއްޖޭގެ އަޑު އިވެއެވެ. ދުނިޔޭގެ މަޝްހޫރު ތަރިން ކައިރިން އެންމެ ދާން ބޭނުންވަނީ ކޮންތަނަކަށްހޭ އަހާލުމުން މިހާރު އިވެނީ "ރާއްޖެ" މިއަޑެވެ.

މިއީ ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތެވެ. ހާއްސަކޮށް ޓޫރިޒަމް މިނިސްޓްރީ އާއި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓު ކުރުމަށް އުފައްދާފައިވާ ކުންފުނި, މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބުރަ މަސައްކަތެވެ. މުޅި ދުނިޔެއަށް ދިމާވި ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ވެސް ރާއްޖެ ވެގެންގޮސްފައިވަނީ މުޅި ދުނިޔޭގައި ވެސް ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ކާމިޔާބު ޤައުމަށެވެ. ރާއްޖެއަށްވުރެ މާލީގޮތުން އެތައް ގުނައަކަށް ތަނަވަސް ޤައުމުތަކަށް ވެސް ނުހޯދޭ ކާމިޔާބީތައް އެފަދަ ހާލަތެއްގައި ރާއްޖެއިން ވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ހޯދައިފައެވެ.

ރާއްޖެއިން ފަތުރުވެރިކަމުގެ ދާއިރާގައި ހޯދާ ކުރިއެރުންތަކާއެކު މިހާރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަނީ އެތައް ގުނައެއް އިތުރުވެފައެވެ. ދުވާލެއްގެ މައްޗަށް މިހާރު އެވްރެޖުކޮށް 5000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރާއިރު އަހަރަކު މިލިއަނަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރެއެވެ. ކޮވިޑުގެ ފަހުން ފަތުރުވެރިކަން ދަށްވި ނަމަވެސް މިހާރު އެ ސިނާއަތް ދަނީ ރިކަވަރުވަމުންނެވެ. މިއަހަރު އަންނާނެ ކަމަށް ލަފާކުރި 1.6 މިލިއަން ފަތުރުވެރިންގެ ޓާގެޓް އަހަރު ނިމުމުގެ ކުރިން ހާސިލުވުމުން ވެސް އެކަން ދޭހަވެއެވެ.

މިއަހަރުގެ ޓާގެޓް ހާސިލްވި ނަމަވެސް ދެން އުފެދޭ ސުވާލަކީ އަންނަ އަހަރުގެ ޓާގެޓް ހާސިލްވާނެބާއެވެ. އަންނަ އަހަރަށް ސަރުކާރުން ލަފާ ކުރަނީ 1.9 މިލިއަން ފަތުރުވެރިންނަށް މަރުހަބާ ކިޔޭނެ ކަމަށެވެ. ނަމަވެސް ބައެއް ފަރާތްތަކުން ދަނީ އެ ޓާގެޓް ހާސިލު ނުވާނެ ކަމަށް ބުނަމުންނެވެ. މީގެ ސަބަބެއް ކަމަށް ދައްކަނީ އަންނަ އަހަރު ޓީޖީއެސްޓީ ބޮޑުވުމެވެ. ރިސޯޓުތައް ހިންގާ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ޓީޖީއެސްޓީއަށް އަންނަ ބަދަލާއެކު ފަތުރުވެރިންގެ ނިސްބަތަށް ވަރަށް ބޮޑު ބަދަލެއް އަންނާނެއެވެ. އެހެންކަމުން މިއަހަރު އައި އަދަދަށް ވެސް ފަތުރުވެރިން އަންނާނެ ކަމަށް ބައެއް ފަރާތްތަކުން ގަބޫލު ނުކުރެއެވެ.

އެއީ އެއްބަޔަކު ގަބޫލު ކުރާ ގޮތެވެ. ރިސޯޓުތައް ހިންގާ އެހެން ބައެއް ފަރާތްތަކުން ގަބޫލު ކުރާ ގޮތުގައި ރާއްޖޭގެ ބްރޭންޑް މިހާރު ވަނީ ދުނިޔޭގައި ވަރަށް ބޮޑަށް މަގުބޫލު ވެފައެވެ. އަދި މިހާރު ވެސް ގިނައިިން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަކީ އެކަމަށް ލާރި އެއްކޮށްގެން އަންނަ ނުވަތަ މުއްސަނދިންގެ ތެރޭގައި ހިމެނޭ މީހުންނެވެ. އެހެންކަމުން ޓީޖީއެސްޓީއަށް ބަދަލު އައި ނަމަވެސް އެ ފަރާތްތަކަށް އެ ލިބޭ ހިތްހަމަޖެހުން ނުވަތަ ރާއްޖޭގައި އެ ހޭދަ ކުރެވޭ ފައިސާއަށް ލިބޭ ޚިދުމަތް "ވޯތު" ކަމުގައި ވާނަމަ އެއަށް އެއްވެސް ވަރެއްގެ އަސަރެއް ނުކުރާނެ ކަމަށް އެ ފަރާތްތަކުން ގަބޫލު ކުރެއެވެ. އަދި އެފަދަ ޚިދުމަތްތައް ފަތުރުވެރިންނަށް ދިނުމުގެ ފެންވަރު ރާއްޖޭގެ ރިސޯޓުތަކާއި ގެސްޓުހައުސްތަކުގައި މިހާރު އެބަހުރި ކަމަށް ވެސް އެ ފަރާތްތަކުން ބުނެއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން "ރާއްޖެ އެމްވީ" އަށް މައުލޫމާތު ދޭގޮތުގައި ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ރާއްޖެއަށްވުރެ އަގުހެޔޮ އޮޕްޝަންތައް ވެސް ހުންނަ ކަމަށެވެ. ނަމަވެސް ރައްޖެ ޚިޔާރު ކުރަނީ ރާއްޖެއަކީ ގުދުރަތީ ރީތިކަމެއް ލިބިފައިވާ, މެހެމާންދާރީގައި ނަމޫނާ ޤައުމަކަށްވާތީ ކަމަށް އެ ފަރާތްތަކުން ބުނެއެވެ. މިކަންކަމަށް ބަދަލު ނާންނަނީސް ފަތުރުވެރިކަމުގެ ސިނާއަތް ދަށަށް ނުދާނެ ކަމަށް އެ ފަރާތްތަކުން ގަބޫލު ކުރެއެވެ.

ރާއްޖެއަށް އަންނަ ގިނަ ފަތުރުވެރިން ވެސް ގަބޫލު ކުރާ ގޮތުގައި ދިވެހިންގެ މެހެމާންދާރީއަކީ އެ ފަތުރުވެރިއަކު ދެވަނަ ފަހަރަށް ރާއްޖެ އައުމުގެ ސަބަބަކަށްވެއެވެ. އަދި ޗުއްޓީ ހޭދަ ކުރަން އައި ތިބޭއިރު ރިސޯޓުން ދިމާވާ މުވައްޒަފުންނާ ރަހުމަތްތެރިކަން އުފެދި އޭގެ ސަބަބުން ވެސް ތަކުރާރުކޮށް އަންނަ ފަތުރުވެރިން ވެސް ތިބެއެވެ.

ފާއިތުވި ދެ އަހަރު ރާއްޖެއިން މިލިއަނަކަށްވުރެ ގިނަ ފަތުރުވެރިންނަށް މަރުހަބާ ކިޔާފައިމިވަނީ 2020 ގެ ކުރިން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރި ޗައިނާގެ ފަތުރުވެރިން ނުހިމަނައެވެ. އަންނަ އަހަރު އެ ޤައުމުގައި ވެސް ކޮވިޑުގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ލިބި, ދަތުރުފަތުރު ހުޅުވާލުމުން ރާއްޖެއަށް ފަތުރުވެރިން އަންނާނެ ކަމަށް ލަފާ ކުރެއެވެ. އެހެންކަމުން ސަރުކާރުން މިހާރު ލަފާ ކުރާ 1.9 މިލިއަން ފަތުރުވެރިންގެ ޓާގެޓް ފަސޭހަކަމާއެކު ހާސިލު ކުރެވޭނެ ކަމަށް ބެލެވެއެވެ.

- ކޮމެންޓް