ފިތުރު އީދު ބަންދަށް ސަރުކާރުގެ އޮފީސްތަށް ބަންދުވެފައިވީ ނަމަވެސް މާދަމާ ބޭންކުތަކުން ޚިދުމަތްދޭނެ ކަން ހާމަކޮށްފިއެވެ.
އެގޮތުން ސަރުކާރާއި ރައްޔިތުން ހިއްސާވާ އެންމެ ބޮޑު ބޭންކު ކަމަށްވާ ބޭންކް އޮފް މޯލްޑިވްސްއިން މައުލޫމާތު ދިން ގޮތުގައި މާލޭގެ ބްރާންޗްތައް ހުޅުވިފައި ހުންނާނީ ހެނދުނު 10:00 އިން ފެށިގެން މެންދުރު ފަހު 14:00 އަށެވެ. އަދި އެހެން ބްރާންޗްތަކުން ހިދުމަތް ދޭނީ ހެނދުނު 10:30 އިން ފެށިގެން މެންދުރު ފަހު 13:00 އަށެވެ.
މީގެ އިތުރުން ސޯޝަލް މީޑިޔާގެ ޓްވިޓާ އަދި ފޭސްބުކް މެދުވެރިކޮށް ކަސްޓަމަރުންނަށް މެސެޖް ކުރެވޭނެ ކަމަށާއި މީގެ އިތުރުން 24 ގަޑިއިރު ކަސްޓަމަރުންނަށް ޚިދުމަތް ލިބޭ ގޮތަށް ބީއެމްއެލްގެ ކޮންޓެކްޓް ސެންޓަރުން ހިދުމަތް ލިބޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.
ބީއެމްއެލްގެ އިތުރުން މޯލްޑިވްސް އިސްލާމިކް ބޭންކުން ވެސް މާދަމާ ކަސްޓަމަރުންނަށް ހިދުމަތް ދޭނެއެވެ. އެ ބޭންކް ހުޅުވާފައި ހުންނާނީ ހެނދުނު 10:30 އިން ފެށިގެން މެންދުރުފަހު 13:30 އަށެވެ.
ފިތުރު އީދު ބަންދަށް ފަހު ސަރުކާރުގެ އޮފީސްތަކާއި ސްކޫލުތައް ހުޅުވޭނީ އަންނަ ޖުލައި މަހުގެ 2 ވަނަ ދުވަހުގައެވެ.