ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ދުނިޔޭގެ ތަށްޓަށް ކުޅޭ ފީފާ ވޯލްޑް ކަޕް މުބާރާތް މިއަހަރު ކުރިއަށް ދަނީ ޤަތަރުގައެވެ.
ޤަތަރުގައި މުބާރާތް ފެށީ ހުސްވި ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ. އެއް މަސް ދުވަހާ ގާތްވެގެންދާއިރު މިހާރު މުބާރާތް އޮތީ ނިމުމަކާ ގާތްވެފައެވެ. ޖުމުލަ 64 މެޗު ކުޅޭ މުބާރާތުގައި ބާކީ އޮތީ އެންމެ މެޗެކެވެ. ދުނިޔޭގެ ޗެމްޕިއަނުން ކަނޑައެޅިގެންދާނީ އެ މެޗުންނެވެ. ކޮންމެ ޤައުމެއްގެ ވެސް އުއްމީދަކަށްވާ ތަށި އުފުލާލާނެ ޤައުމެއް ކަނޑައަޅާނެ ފައިނަލް މެޗެވެ.
މުބާރާތުގައި 32 ޤައުމަކުން ވާދަކުރިއިރު، ކޮންމެ ޤައުމެއްގެ ސަޕޯޓަރުން ވެސް މެޗު ބަލަން ދަނޑުތަކަށް ވަންނާނެއެވެ. އާންމު ގޮތެއްގައި މީހުން ވަންނަނީ އެ ބައެއްގެ އަމިއްލަ ޤައުމު ނުވަތަ ސަޕޯޓު ކުރާ ޤައުމު ކުޅޭ މެޗުތަކަށެވެ. ނަމަވެސް، އުމުރުން 24 އަހަރުގެ ބެން ބްލެކަކީ ވޯލްޑް ކަޕްގެ ހުރިހާ މެޗެއް ބެލުމަށްޓަކައި ޤަތަރުގައި ހުރި މީހެކެވެ. މިހާތަނަށް ކުޅުނު 63 މެޗަށް ވެސް އޭނާ ވަނީ ހާޒިރުވެ، އުފަލުގައި ބައިވެރިވެފައެވެ. ބެން އަށް މި ފުރުސަތު ލިބުނީ މުބާރާތެއްގައި ބައިވެރިވެގެންނެވެ. އެއީ ވޯލްޑް ކަޕްގެ ހުރިހާ މެޗެއް ބަލަން ބޭނުންވާ ސަބަބު ވީޑިއޯކޮށް، އެ ވީޑިއޯ ފޮނުވައިގެންނެވެ. ނަމަވެސް މުބާރާތުގެ މެޗުތައް ކުރިއަށް ދިޔަ ގޮތުން ހުރިހާ މެޗެއް ނިމެންދެން އޭނާ އަށް ދަނޑުގައި މަޑެއް ނުކުރެވެއެވެ. ބައެއް މެޗުތަކުގައި އޭނާ މަޑު ކުރަން ޖެހުނީ ގާތްގަނޑަކަށް 15 ވަރަކަށް މިނެޓަށެވެ. ވޯލްޑް ކަޕްގެ ދިގު ތާރީޚުގައި މިހާތަނަށް މުބާރާތުގެ ހުރިހާ މެޗެއް ދަނޑަށް ހާޒިރުވެ އެއްވެސް މީހަކަށް ބެލިފައެއް ނުވެއެވެ. އެއީ ދަނޑުތަކުގެ ދެމެދުގައި ދަތުރު ކުރުމަށް ގިނަ ވަގުތު ނަގާތީއެވެ.
މުބާރާތުގެ ތިން ވަނަ ހޮވި މެޗަށްފަހު ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގެ ބޭރުގައި ހުރެ ވާހަކަ ދައްކަމުން ބެން ބުނީ ލިބުނު ފުރުސަތަށް އޭނާ ވަރަށް އުފާވާ ކަމަށާއި، މުބާރާތުގެ މެޗުތަކުގެ އުފާ ފުރިހަމަ އަށް ލިބިގެންދާ ކަމަށެވެ. އޭނާ ބުނީ އެއީ ވަރަށް ވަރުބަލިވާ ކަމެއް ކަމަށާއި، އެ ވަރުބަލިކަން މިހާރު އިހުސާސްކުރެވޭ ކަމަށެވެ. ނަމަވެސް މިއީ ރަނގަޅު ތަޖުރިބާ އެއް ކަމަށާއި، މިއީ ދުވަހަކު ވެސް ހަނދާނުން ނުނެތޭނެ ދަތުރެއް ކަމަށެވެ.
ބެން ވަނީ އޭނާގެ ބައެއް ތަޖުރިބާތައް ވެސް ހިއްސާކޮށްފައެވެ. ބެން ބުނީ އެއް ވަގުތެއްގައި ދެ މެޗު ކުޅޭނަމަ، އެއް ސްޓޭޑިއަމުން އަނެއް ސްޓޭޑިއަމަށް ދަތުރު ކުރަން ޖެހޭ ކަމަށެވެ. އެގޮތުން އަލް ބައިތު ސްޓޭޑިއަމުން ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމަށް ދިޔުމަށް ގާތް ގަނޑަަކަށް 40 ވަރަކަށް މިނެޓު ހޭދަވާ ކަމަށެވެ. އޭނާ ބުނީ އެގޮތަށް ދަތުރުކުރުމުގެ ތެރޭގައި ދެ ފަހަރަކު މެޗު ނުބެލޭނެ ކަމަށް ހީކުރެވުނު ކަމަށާއި، ނަމަވެސް މެޗު ނިމުމުގެ ކުރިން ދަނޑަށް ވަދެވުނު ކަމަށެވެ.
އަހަރެން މި ހުރީ ވަރަށް ވަރުބަލިވެފައި. އެންމެ ފަހުން ތިމީހުންނާ ބައްދަލުވީ އިރަށް ވުރެ ވެސް މިހާރު އަދި މާ ވަރުބަލި. އެކަމަކު ޖުމުލަ ކޮށް މިއީ ރަނގަޅު ތަޖުރިބާއެއް، މިއީ އަހަރެން ދުވަހަކު ވެސް ހަނދާނުން ނުނެތޭނެ ކަމެއް. ކޮންމެ މެޗެއް، ވަކި ވަކި ކޮންމެ މެޗެއް ބަލަން ދިޔައިން.ބެން ބްލެކް
މީގެ އިތުރުން ބެން ބުނީ މުބާރާތުގެ 63 މެޗު މިހާތަަނަށް ބެލުނު އިރު، އޭނާ އަށް އެންމެ ފާހަގަކުރެވުނީ ކުއާޓާ ފައިނަލްގައި އާޖެންޓީނާ އާއި ނެދަލޭންޑްސް ވާދަ ކުރި މެޗު ކަމަށެވެ. އޭނާ ބުނީ އެއީ އޮޅުމެއް ވެސް އޮތް ކަމެއް ނޫން ކަމަށާއި، އެ މެޗުގެ ހުރިހާ ކަމަކަށް ބެލި ނަމަވެސް އެކަން ފާހަގަވާނެ ކަމަށެވެ. ދެ ޓީމުގެ ފަރާތުން ވެސް ފެނުނު ކުޅުމާއި، ސަޕޯޓަރުންގެ ފޯރިގަދަ ސަޕޯޓާއި، ފުޓުބޯޅައިގައި ހިނގާނެ ކަންކަން އެ މެޗުން ފެނުނު ކަމަށެވެ. އަދި ވޯލްޑް ކަޕް ނިމުމާއެކު އެނބުރި އޭނާ ވެސް ޤައުމަށް ދާން ޖެހޭނެ ކަމަށާއި، އެއީ ދެރަވާ ކަމެއް ކަމަށެވެ. އޭނާ ބުނީ މިހާރު އޭނާ އަށް އުޅެވެނީ ހުވަފެއްގައިހެން ވެސް ބައެއް ފަހަރު ހީވާ ކަމަށެވެ.
މުބާރާތުގެ މެޗުތަކަށް ހާޒިރުވެ އާއި ދަނޑު ބޭރުގެ ކަންކަން ވެސް ބެން އަންނަނީ އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ. ސޯޝަލް މީޑިއާގައި އޭނާ ފޮލޯ ކުރާ މީހުންގެ އަދަދު އުޅެނީ ފަސް މިލިއަނުން މަތީގައެވެ. ޤަތަރުގައި ހުރެ ބެން އޭނާގެ ޓިކްޓޮކް އެކައުންޓުގައި ހިއްސާކޮށްފައިވާ ވީޑިއޯތައް ބަލާފައިވާ މީހުންގެ އަދަދު އުޅެނީ 300 މިލިއަންގައެވެ.