އެފްއޭއެމް 19 އަހަރުން ދަށުގެ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކެޔޮދޫ ސްކޫލުން ކަށަވަރުކޮށްފިއެވެ.
ކެޔޮދޫ ސްކޫލުން ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ ހުކުރު ދުވަހުގެ ހަވީރު އަރަބިއްޔާ ސްކޫލާއި ވާދަކުރި މެޗު ކާމިޔާބުކޮށްގެންނެވެ. ކެޔޮދޫ ސްކޫލް މެޗު ކާމިޔާބުކުރީ 6-0ންނެވެ. ފުރަތަމަ ހާފު ނިމުނީ 4-0ންނެވެ. އަނެއް ދެލަނޑު ޖެހީ ދެވަނަ ހާފުގައެވެ. މި މެޗުގައި ކެޔޮދޫ ސްކޫލުގެ އަހްމަދު މާހިލް އިބްރާހިމް ތިން ލަނޑުޖަހާ ހެޓްރިކް ހެދިއެވެ. ޓީމުގެ އަނެއް ތިން ލަނޑު ޖަހައިދިނީ އަހްމަދު ސުހައިލް ހުސައިން, ޔައީޝް މުހައްމަދު ނައީމް އަދި މަޔާން އާދަމް ނިޔާޒުއެވެ.
މެޗުން ބަލިވުމާއެކު އަރަބިއްޔާ ސްކޫލް ވަނީ މުބާރާތުން ކަޓާފައެވެ. މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުންވެސް އެޓީމުވީ ބައްޔެވެ.
ކެޔޮދޫ ސްކޫލުން މުބާރާތުގެ ފައިނަލުގެ ޖާގަ ކަށަވަރުކުރީ ލީގު ބުރުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބުކޮށް އެއް މެޗުން އެއްވަރު ކޮށްގެން ލިބުނު 10 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލަށް ލިބެނީ ހަ ޕޮއިންޓެވެ. އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް ތިންވަނައިގައި އޮތީ ތިން ޕޮއިންޓު ހޯދައިގެންނެވެ. އެއް ޕޮއިންޓާއެކު ހަތަރު ވަނައިގައި އޮތީ ސީއެޗްއެސްއީއެވެ. ފުލުގައި އޮތް އަރަބިއްޔާ ކެޓީ ޕޮއިންޓެއް ނުލިބިއެވެ.
ފަސް ޓިމު ވާދަކުރާ މި މުބާރާތް ކުރިއަށް ދަނީ ލީގު ބުރެއް ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓު ހޯދާ ޓީމެއް ފައިނަލަށް ދަތުރުކުރާ ގޮތަށެވެ. ފައިނަލްގައި ވާދަކުރާ ދެވަނަ ޓީމު ކަނޑައަޅާނީ ލީގު ބުރު ނިމޭއިރު ދެވަނަ އަދި ތިންވަނައަށް އެންމެ ގިނަ ޕޮއިންޓު ހޯދާ ދެޓީމެއް ކުޅޭ ސެމީ ފައިނަލުންނެވެ. ހުރިހާ މެޗެއްވެސް ކުރިއަށްދަނީ އެފްއޭއެމްގެ އެއްނަންބަރު ޓާފުގައެވެ.