އެފްއޭއެމް 19 އަހަރުން ދަށުގެ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި ސެންޓަރ ފޯރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަންސް (ސީއެޗްއެސްއީ) ބަލިކޮށް ވިލާ އިންޓަރނޭޝަނަލް ސްކޫލު ލީގު ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.
ބުދަ ދުވަހުގެރޭ ކުޅުނު މި މެޗު ވިލާ ސްކޫލުން ކާމިޔާބުކުރީ 1-0ންނެވެ. ފުރަތަމަ ހާފުގެ ހަތަރު ވަނަ މިނެޓުގައި ވިލާ ސްކޫލް މޮޅުކޮށްދިން ލަނޑު ޖަހައިދިނީ އަބްދުލް ރަހްމާން ތިބްޔާންއެވެ. ފޯރިގަދަކޮށް ދިޔަ މި މެޗުގައި ވިލާ ސްކޫލުގެ ދެކުޅުންތެރިންނަށް ރަތް ކާޑު ދެއްކިއެވެ. މެޗުގެ 67 ވަނަ މިނެޓުގައި ވިލާ ސްކޫލްގެ އަހްމަދު ރައުލް އައްސަދަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކިއިރު، މެޗުގެ ފަހު ވަގުތުގައި ވިލާ ސްކޫލުގެ ކީޕަރު އަލީ ޝައިބާނަށްވެސް ރަތް ކާޑު ދެއްކިއެވެ.
މި މެޗުގައި ނަތީޖާ ހަމަހަމަ ކުރުމަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ސީއެޗްއެސްއީގެ އަބްދުﷲ ޝަޔާން ޝަފީއުއަށެވެ. ނަމަވެސް އޭނާ ފޮނުވާލި ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ.
މެޗުން މޮޅުވެގެން ލިބުނު ތިން ޕޮއިންޓާއެކު ޖުމްލަ ހަ ޕޮއިންޓު ހޯދައިގެން ވިލާ ސްކޫލް އޮތީ ލީގު ތާވަލުގެ ދެވަނަ މަގާމުގައެވެ. ހަތް ޕޮއިންޓާއެކު އެއްވަނާގައި އޮތީ ކެޔޮދޫ ސްކޫލެވެ. ތިންވަނާގައި އޮތް އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލަށް ލިބެނީ ތިން ޕޮއިންޓެވެ. މެޗުން ބަލިވި ސީއެޗްއެސްއީ ޕޮއިންޓަކާއެކު އޮތީ ހަތަރުވަނާގައެވެ. ތާވަލުގެ ފުލުގައި އޮތް އަރަބިއްޔާ ސްކޫލަށް ޕޮއިންޓެއް ނުލިބެއެވެ.
ފަސް ޓިމު ވާދަކުރާ މި މުބާރާތް ކުރިއަށް ދަނީ ލީގު ބުރެއް ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓު ހޯދާ ޓީމެއް ފައިނަލަށް ދަތުރުކުރާ ގޮތަށެވެ. ފައިނަލްގައި ވާދަކުރާ ދެވަނަ ޓީމު ކަނޑައަޅާނީ ލީގު ބުރު ނިމޭއިރު ދެވަނަ އަދި ތިންވަނައަށް އެންމެ ގިނަ ޕޮއިންޓު ހޯދާ ދެޓީމެއް ކުޅޭ ސެމީ ފައިނަލުންނެވެ. ހުރިހާ މެޗެއްވެސް ކުރިއަށްދަނީ އެފްއޭއެމްގެ އެއްނަންބަރު ޓާފުގައެވެ.