ކ. މާލެ
|
14 ޑިސެންބަރ 2022 | ބުދަ 14:37
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް
ރައީސް އޮފީސް
ގްލޯބަލް ބަޔޯޑައިވަރސިޓީ ފްރޭމްވޯކް
ގްލޯބަލް ބަޔޯޑައިވަރސިޓީ ފްރޭމްވޯކްއިން ހާޞިލްވާން އެދޭ އުއްމީދުތައް، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ޙާލަތަށް ފެތެންޖެހޭ - ނައިބްރައީސް
ދިރުންތައް ނެތިދިޔުމާއި، ލިބޭގެއްލުންތައް ހުއްޓުވައި، ނުވަތަ އިޢާދަ ކުރުމަށްޓަކައި، ޢަމަލީގޮތުން ކުރެވޭނެ ކަންކަމާއި ވަޞީލަތްތައް ކަށަވަރުކުރަންޖެހޭ
އިންސާނުންގެ އަމަލުތަކުގެ ސަބަބުން، ޤުދުރަތީ ނިޒާމްތައް ހަލާކުވެ، ދިރުންތައް މުޅިން ނެތި ފަނާވެގެން ނުދާނެކަން ކަށަވަރުކޮށްދެއްވުމަށް ގޮވާލެއްވި
ޤުދުރަތީ ނިޒާމްތަކާއި ފުށުނާރާނެ ގޮތެއްގެ މަތިން ދިރިއުޅުން ކުރިޔަށް ގެންދިޔުމުގައި، ބައިނަލްއަޤުވާމީ މުޖުތަމަޢުން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލެއްވި

ގްލޯބަލް ބަޔޯޑައިވަރސިޓީ ފްރޭމްވޯކްއިން ހާޞިލްވާން އެދޭ އުއްމީދުތައް، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާޤައުމުތަކުގެ ޙާލަތަށް ފެތެންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިހާރު ކުރިއަށްދާ، ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވަރސިޓީގެ 15 ވަނަ ކޮންފަރެންސްގައި ދެއްވި ވީޑިއޯ މެސެޖުގައެވެ.

އެމަނިކުފާނުގެ މެސެޖުގައި ވިދާޅުވީ، ރާއްޖެއަކީ "ޕޮލިޓިކަލް ވިޝަން: ދި 10 ޕޮއިންޓް ޕްލޭން ފޯ ފައިނޭންސިން ބަޔޯޑައިވާސިޓީ" ގެ ފައުންޑިން މެމްބަރެއް ކަމަށާއި، ތަރައްޤީވަމުން އަންނަ ކުދިޖަޒީރާ ޤައުމުތަކަކީ، ދިރުންތައް ނެތިދިޔުމާއި، ވައިފެން ތަޣައްޔަރުވުމާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް ނުރައްކަލަށް ހުށައެޅިފައިވާ ޤައުމުތައް ކަމަށެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ، އިކުއެޑޯ، ގެބޮން އަދި އިނގިރޭސިވިލާތާއެކު ރާއްޖެއިން އިސްނަގައިގެން ކުރިއަށް ގެންދާ މި ޕްލޭންގެ ލަނޑުދަނޑިތައް ހާޞިލްކުރުމުގައި، ވެށި ހިމާޔަތްކުރުމަށާއި، ގެއްލުންތައް ފޫބެއްދުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް، އެއްބާލުލުން ދެއްވުމަށް ސަރުކާރުތަކަށް ގޮވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ވިދާޅުވީ، ޖަޒީރާ ޤައުމުތަކަކީ، ހިކިފަސްތަނަށްވުރެ ކަނޑުގެ ސަރަޙައްދު ބޮޑު ޤައުމުތަކަށް ވުމުން، ލިބިފައިވާ މުއްސަނދިކަމަކީ، ގޮނޑުދޮށްތަކާއި، ކަނޑުގެ ދިރުންތަކުގެ މުއްސަނދިކަން ކަމަށެވެ. އަދި ގްލޯބަލް ބަޔޯޑަިއވަރސިޓީ ފްރޭމްވޯކް މަދު ދުވަސްކޮޅެއްގެ ތެރޭގައި އެކުލަވާލައި ނިންމުމަށް މަސައްކަތް ކުރެވެމުންދާއިރު، ދިރުންތައް ނެތިދިޔުމާއި، ލިބޭގެއްލުންތައް ހުއްޓުވައި، ނުވަތަ އިޢާދަ ކުރުމަށްޓަކައި، ޢަމަލީގޮތުން ކުރެވޭނެ ކަންކަމާއި ވަޞީލަތްތައް ކަށަވަރުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

Advertisement

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މެސެޖު ނިންމަވާލައްވަމުން ވަނީ، އިންސާނުންގެ އަމަލުތަކުގެ ސަބަބުން، ޤުދުރަތީ ނިޒާމްތައް ހަލާކުވެ، ދިރުންތައް މުޅިން ނެތި ފަނާވެގެން ނުދާނެކަން ކަށަވަރުކޮށްދެއްވުމަށް ގޮވާލައްވާފައެވެ. އަދި ދުނިޔަވީ އިންތަކާއި، މިންގަނޑުތަކުގައި ދެމި ތިބުމަށާއި، އަދި ޤުދުރަތީ ނިޒާމްތަކާއި ފުށުނާރާނެ ގޮތެއްގެ މަތިން ދިރިއުޅުން ކުރިޔަށް ގެންދިޔުމުގައި، ބައިނަލްއަޤުވާމީ މުޖުތަމަޢުން ގުޅިގެން މަސައްކަތްކުރުމަށްވެސް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވަރސިޓީ (ކޮޕް15) ކުރިއަށް ދަނީ ކެނެޑާގެ މޮންޓްރިއަލްގައި މި ޑިސެމްބަރުމަހުގެ 7ން 19އަށެވެ.

ގްލޯބަލް ބަޔޯޑައިވަސިޓީ ފްރޭމްވޯކްގައި ވަނީ މި ދިހައަހަރު ނިމުމުގެ ކުރިން، ދުނިޔޭގެ ކަނޑުތަކާއި އެއްގަމު ސަރަހައްދުތައް ހިމާޔަތްކުރުމަށާއި، ޕެސްޓިސައިޑް ބޭނުންކުރުން މަދުކުރުމަށާއި، ޕްލާސްޓިކް ކުނި ނައްތާލުމަށާއި، ދިރުންތައް ރައްކާތެރިކުރުމަށް، އަދި މާލީ ވަސީލަތްތައް އިތުރުކުރުމަށް، ސަރުކާރުތަކުން ވާޞިލްވާން ބޭނުންވާ އަމާޒުތަކާއި ހާޞިލްކުރަންބޭނުންވާ ލަނޑުދަނޑިތައް ކަނޑައަޅާފައެވެ.

Advertisement

Advertisement
- ކޮމެންޓް