ކ. މާލެ
|
13 ޑިސެންބަރ 2022 | އަންގާރަ 15:52
އާޖެންޓީނާ އަދި ނެދަލެންޑްސް ކުޅުނު މެޗުގެ ތެރެއިން
އާޖެންޓީނާ އަދި ނެދަލެންޑްސް ކުޅުނު މެޗުގެ ތެރެއިން
ރޮއިޓާސް
ފީފާ ވޯލްޑް ކަޕް
އާޖެންޓީނާ ސަޕޯޓަރުންގެ ހުރިހާ ވެސް އުއްމީދަކީ މެސީ ދައްކާ ހިތްވަރު
އުމުރުން 35 އަހަރުގައި ވެސް މެސީ ދަނީ އޭނާގެ މުހިންމުކަން ދައްކައިދެމުން

އާޖެންޓީނާ އަށް ވޯލްޑް ކަޕް އެންމެ ފަހުން އުފުލައިދިނީ ދުނިޔޭގެ ގިނަ ބަޔަކު ބަތަލެއްގެ ދަރަޖަ ދީފައިވާ ޑިއެގޯ މަރަޑޯނާއެވެ. އެއީ 1986 ގައެވެ. މަރަޑޯނާ އަށްފަހު ދުނިޔެ ދުށް އެފަދަ ދެވަނައެއް ނެތް ކުޅުންތެރިއަކީ މިހާރުގެ ކެޕްޓަން ލިޔޮނަލް މެސީއެވެ. އޭނާ އުފަންވީ މަރަޑޯނާ ވޯލްޑްކަޕް އުފުލާލިތާ 360 ދުވަސް ފަހުން އާޖެންޓީނާގެ ރޮސާރިއޯ އަށެވެ. ޤަތަރުގައި މިހާރު ނިމުމަކާ ކައިރިވެފައިވާ ވޯލްޑް ކަޕަކީ އުމުރުން މިހާރު 35 އަހަރުގެ މެސީގެ ފަހު ވޯލްޑް ކަޕެވެ. މިހެންވެ ތަށި ހޯދަން އޭނާއާއެކު ޓީމުގެ ހުރިހާ ކުޅުންތެރިންނާއި މުޅި އާޖެންޓީނާ އޮތީ އެއް ރޫހެއްގައެވެ. ގަދަފަދަ އަޒުމަކާއެކުއެވެ. ޤަތަރުގައި އެއް ގައުމަކަށް އެންމެ ގިނަ ސަޕޯޓަރުންނަށް ތިބީ ވެސް އާޖެންޓީނާ މީހުންނެވެ.

އާޖެންޓީނާގެ ކޮންމެ މެޗެއް މުބާރާތުގެ ފައިނަލް ކުޅޭ 80000 މީހުންގެ ލުސައިލް ސްޓޭޑިއަމުގައި ކުޅެން ޖެހެނީ ވެސް ދަނޑަށް ވަންނަން އެދޭ ސަޕޯޓަރުންގެ އަދަދު ގިނަ ކަމުންނެވެ. އާޖެންޓީނާ މީހުން މިހާ ބޮޑު ފޯރިއެއް ނަގާ ސަބަބަކީ ދުނިޔޭގައި މެސީ އަށް ލިބިފައިވާ ޝަރަފާއެކު އޭނާ ހުރެގެން ނޫނީ ތަށި ލިބޭނެ ކަމަށް އާޖެންޓީނާ މީހުން ގަބޫލުނުކުރާތީއެވެ. އަދި މިދިޔަ އަހަރުގެ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތާއި ފައިނަލިސިމާ ތަށީ ކާމިޔާބުކޮށްފައިވާތީވެ މެސީ ގައުމަށް ތަށި ހޯދައިދޭނެކަމުގެ ޔަގީންކަން އެމީހުންނަށް އޮތްލެއް ބޮޑުކަމުންނެވެ.

ވޯލްޑް ކަޕް އުފުލާލުމަށް އާޖެންޓީނާ ކުރާ އުއްމީދަށް ހުރަސް އަޅަން މިހާރު ބާކީ އޮތީ މިރޭ ކްރޮއޭޝިޔާއާ ދެކޮޅަށް ކުޅޭ މެޗާއެކު ކުރިއަށް އޮތް ފައިނަލް މެޗެވެ. ފައިނަލަށް ދިއުމަށް މިރޭ ކްރޮއޭޝިއާ ބަލިކުރަން އާޖެންޓީނާ ނުކުންނައިރު، ޓީމުގެ ކޭމްޕުން ބުނަނީ ތައްޓާއި މެސީއާ ގުޅުވައިގެން ދެކެވޭ އެއްވެސް ވާހަކައެއްގެ ޖަޒުބާތުގައި އެމީހުން ނުޖެހޭނެ ކަމަށެވެ. ނަމަވެސް ކޮންމެ މެޗެއްގެ ކުރިން ކުޅުންތެރިން މެސީގެ ފަހަތުން ނުކުންނައިރު ހީވަނީ އެމީހުންނަކީ މެސީގެ ބޮޑީގާޑުންހެންނެވެ. އެހާ ވެސް އޭނާ އަށް ޓީމުގެ ތެރޭގައި އޮތް ލޯތްބާއި އިހްތިރާމް ބޮޑެވެ.

ކްރޮއޭޝިއާ އަކީ ވޯލްޑްކަޕުގައި އެކްސްޓްރާ ޓައިމާއި ޕެނަލްޓީ ޖަހައިގެން މޮޅުވާން ދަންނަ ޓީމެކެވެ. އެކަމަށް ފަރިތަ ބައެކެވެ. މިހެންވެ މިރޭގެ މެޗަށް އާޖެންޓީނާ ހިތްވަރު ހޯދާނީ 2018 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލް މެޗުންނެވެ. އެ މެޗުގައި ފްރާންސުން ކްރޮއޭޝިއާ ކޮޅަށް 65 މިނިޓް ތެރޭގައި ހަތަރު ގޯލު ޖެހީ އޭގެ ކުރިން ކުޅުނު ކޮންމެ މެޗެއް ޕެނަލްޓީއާ ހިސާބުން ނިމިފައިވަނިކޮށެވެ. ފްރާންސް ނަތީޖާ ނެރުނުހާ އަވަހަށް އެކަން ނުވިޔަސް ތަޖުރިބާކާރުން ދެކޭ ގޮތުގައި އާޖެންޓީނާ މިރޭ ވިސްނުންތެރިކަމާއެކު ކުޅެފިނަމަ މެޗުގެ ފަހު ބައިގައި އެމީހުންގެ ތަރިން ކުޅެން ނެރެ ނަތީޖާ އަނބުރާލުމަކީ ދުރުގައިވާ ކަމެއްނޫނެވެ.

މިކަމަށް ބާރު ލިބޭ އެއް ކަމަކީ މެސީ ދައްކާ ހިތްވަރެވެ. އުމުރުން 35 އަހަރުގައި ވެސް މެސީ ދަނީ އޭނާގެ މުހިންމުކަން ދައްކައިދެމުންނެވެ. މެސީ އަކީ ކުރީގެ ހަލުވި މެސީނޫންކަން އެންމެނަށް ވެސް އެނގެއެވެ. އެކަމަކު އޭނާ ދަނީ މޮޅަށް ކުޅެ ގޯލު ޖަހަމުންނެވެ. އާޖެންޓީނާ މި ހިސާބަށް ގެނެސްދިނުމުގައި މެސީގެ ދައުރު ކިތަންމެ މުހިންމު ނަމަވެސް މެސީ އަށް އެހީތެރިވެދޭން ތިބި ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިން މަދެވެ. ގަބްރިއަލް ބަޓިސްޓޫޓާ ނުވަތަ ސާޖިއޯ އަގުއެރޯ ފަދަ މީހަކު ނެތެވެ. މިފަދަ ތަރިން ތިބިނަމަ މާއަވަހަށް ނަތީޖާ ބަދަލުކޮށްލާނެ ކަމަށް ދެކޭ މީހުން މަދެއް ނޫނެވެ. އެކަމަކު މެސީ ބުނާ ބަސް އަހައިގެން ތަޖުރިބާ މަދަސް ޒުވާން ފޯވަޑް ހޫލިއަން އަލްވަރާޒް އާއި އެންޒޯ ފެނާންޑޭޒް އަދި އެލެކްސިސް މެކަލިސްޓާ ދަނީ މި މުބާރާތުގައި މޮޅަށް ކުޅެމުންނެވެ. އެއީ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިންނަށްވުރެ ބޮޑަށް އަރަމުން އަންނަ ހުނަރުވެރިންނެވެ. އާޖެންޓީނާގެ ކުރިމަގު ބިނާވާނީ އެމީހުންގެ ވަށައިގެންނެވެ.

މުބާރާތުގެ ކުރިން އާޖެންޓީނާ އަށް ވޯލްޑް ކަޕް އުފުލައިދެވޭނެހާ ގާބިލްކަން ކީޕަރު މާޓިނޭޒްގެ ކިބައިގައި ހުރިތޯ ކުރެވުނު ސުވާލުތަކަށް ސާބިތުކަމާއެކު އޭނާ ޖަވާބުދިނީ މޮޅު ސޭވްތަކަކުންނެވެ. ދެ ވަނަ ބުރުގައި މެޗު ނިމެން ދަނިކޮށް އޮސްޓްރޭލިޔާއިން ހުހަށް އޮތް ގޯލަށް ޖެހި ބޯޅަ ދިފާއުކޮށްދިނުމަށްފަހު، ކުއާޓާ ފައިނަލުން ނެދަލޭންޑްސް ކަޓުވާލީ އޭނާ މަތަކޮށްދިން ދެ ޕެނަލްޓީންނެވެ. މިހެންވެ އެންމެ ފަހުގެ ކޮޕާ އެމެރިކާގެ އެންމެ މޮޅު ކީޕަރަކީ، އާޖެންޓީނާ އާއި ވޯލްޑްކަޕް ތަށި ގާތްކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރެވޭނެ މީހެއްކަން އޭނާ ވަނީ ކިތަންމެހާ ވެސް މޮޅަށް ސާބިތުކޮށްދީފައެވެ. މީގެ ކުރިން ކުޅުނު ގިނަ ވޯލްޑް ކަޕްތަކުގައި އާޖެންޓީނާ އަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ވެސް ޓީމުގައި ދުނިޔޭގެ ފެންވަރުގެ ކީޕަރަކު ނެތުމެވެ. ނަމަވެސް މާޓިނޭޒް ވެފައިވަނީ އާޖެންޓީނާ ޓީމަށް ބަރޯސާވެވޭ ފަދަ ކީޕަރަކަށެވެ. ކުރީ މެޗުތަކުގައި އޭނާ ދެއްކި މޮޅު ކުޅުން މިރޭ އަނެއްކާ ވެސް ތަކުރާރު ކުރަންޖެހޭނެއެވެ.

- ކޮމެންޓް