ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ އާޖެންޓީނާއާ ދެކޮޅަށް ނުކުންނައިރު ކްރޮއޭޝިއާ އޮތީ ހުރިހާ ގޮތަކުންވެސް މެޗަށް ފުރިހަމައަށް ތައްޔާރުވެގެންނެވެ. ޓީމުގައި އަނިޔާއާއި ސަސްޕެންޝަނުގެ އެއްވެސް މައްސަލައެއް ނެތެވެ. މުބާރާތުގެ ކުއާޓަރ ފައިނަލް ނިމޭ ހިސާބުން އެއް ކާޑުގައި ތިބި ކުޅުންތެރިންގެ ކާޑުތައް މައާފްވާތީ، މިރޭގެ މެޗަށް ކްރޮއޭޝިއާގެ އެންމެ ގަދަ 11 ނެރެވޭނެއެވެ.
މި މެޗަކީ މި ދެ ގައުމު ވޯލްޑް ކަޕުގައި ވާދަކުރާ ތިންވަނަ މެޗެވެ. އަދި ނޮކްއައުޓް ފިޔަވަހީގައި ކުޅޭ ފުރަތަމަ މެޗެވެ. މި ދެބައި މީހުންގެ ފުރަތަމަ މެޗު 1998 ވަނަ އަހަރު އާޖެންޓީނާ ކާމިޔާބުކުރީ 1-0ންނެވެ. ނަމަވެސް އެންމެ ފަހުގެ ވޯލްޑް ކަޕުގައި ކުޅުނު މެޗު ކްރޮއޭޝިއާ ކާމިޔާބު ކުރީ 3-0ންނެވެ. މިހެންވެ މި މެޗާއެކު ވަކިކޮޅަކަށް މި ތިލަފަތް ބަރުވެގެންދާނެއެވެ.
ކޮންމެ ޓީމަކާ ދެކޮޅަށް ނުކުންނައިރުވެސް ކްރޮއޭޝިއާގެ އެންމެ ތޫނު ހަތިޔާރަކީ އެމީހުންގެ މެދުތެރެއާއި، ޕެނަލްޓީ ޖަހަންވެއްޖެނަމަ ކީޕަރު ޑޮމިނިކް ލިވަކޮވިޗެވެ. ޓީމު ރޫހާއި މަސައްކަތުގެ ރޭޓަށްވުރެ ބޮޑަށް ޓީމުގެ މެދުތެރެ ވަރުގަދަވުމަކީ ކްރޮއޭޝިއާ މޮޅުވުމުގެ މުހިންމު ސަބަބެވެ. ޚާއްސަކޮށް ޑިފެންސްކުރާ ވަގުތާއި ބޯޅަ ހިފަހައްޓާލަންޖެހޭ ދަނޑިވަޅުތަކުގައި މެދުގައި ތިބި ތިން ކުޅުންތެރިން ކަމަށްވާ، ކެޕްޓަން ލޫކާ މޮޑްރިޗާއި މާކޯ ބްރޮޒޮވިޗް އަދި މަޓެއޯ ކޮވަސިޗް މުހިންމު ދައުރެއް އަދާކުރާކަމީ ޓީމަށް ލިބޭ ވަރަށް ބޮޑު އިތުބާރެކެވެ.
ނަމަވެސް އާޖެންޓީނާގައި ލިޔޮނަލް މެސީ ހުއްޓައި މިކަން ކުރެވިދާނެތޯ ތަޖުރިބާކާރުން ދަނީ ސުވާލު އުފައްދަމުންނެވެ. ސަބަބަކީ ބޯޅަ ލިބިފައި އޮންނައިރާއި ބޯޅަ ނެތީސް މެސީގެ މޫވްމަންޓް ތަފާތުވެ، އިދިކޮޅު ކުޅުންތެރިން އިތުރަށް ސަމާލުވާންޖެހޭ ކަންތައްތަކެއް ކުރިމަތިވާތީއެވެ. ނަމަވެސް ލަނޑެއް ނުޖެހި ގިނައިރުވާ ވަރަކަށް ކްރޮއޭޝިއާއަށް އިތުބާރު ލިބޭނެއެވެ. ސަބަބަކީ އެމީހުން އެންމެ ފަހުން ބޮޑު މުބާރާތްތަކުގެ ނޮކްއައުޓް ބުރުގައި ކުޅުނު ނުވަ މެޗުގެ ތެރެއިން އަށް މެޗު އިތުރު ވަގުތަށް ގޮސްފައިވާތީއެވެ. މި ފަހަރު ޖަޕާނާއި ބްރެޒިލް ބަލިކޮށް ސެމީއަށް ދަތުރުކުރިއިރު، 2018ގައި ފައިނަލަށް ދިއުމުގެ ކުރިން ކްރޮއޭޝިއާ ވަނީ ޕެނަލްޓީ ޖަހައިގެން ރަޝިޔާއާއި ޑެންމާކް ބަލިކޮށްފައެވެ. މި ހުރިހާ ކަމެއް ކުރިއިރު، މޮޑްރިޗްއަކީ ޓީމުގެ މައި އިންޖީނެވެ.
އޭނާގެ ފަހަތުން އިންޓަރ މިލާނުގެ މިޑްފީލްޑަރު ބްރޮޒޮވިޗްވެސް މި މެޗުގައި މޮޅު ކުޅުމެއް ދައްކަންޖެހޭނެއެވެ. ބްރެޒިލް މެޗުގެ ފަހު ބަޔަށް ދިޔައިރު ޖޯރު ހުސްވެގެން އޭނާ ބާލަން ޖެހުނަސް މިރޭ އެކަން ތަކުރާރު ނުވާނެކަމަށް ކޯޗު ލަޓްކޯ ޑަލިކް ހުރީ އުންމީދުކޮށްގެންނެވެ. އޭނާއަކީ ކޮންމެ މެޗެއްގައި 10 މޭލަށްވުރެ ބޮޑު ސަރަހައްދެއް ކަވަރުކުރާ ކުޅުންތެރިއެއް ކަމުން، މިރޭ އާދަޔާ ޚިލާފަށް ހިތްވަރު ކުރަންޖެހޭކަން އެހެން ކުޅުންތެރިން ކައިރީގައި އެންމެ ފުރަތަމަ ބުނި މީހަކީވެސް ބްރޮޒޮވިޗްއެވެ. ހަގީގަތުގައި ކްރޮއޭޝިޔާގެ ހުރިހާ އެޓޭކެއް އުފައްދަނީ ބްރޮޒޮވިޗް ބައިވެރިވެގެންނެވެ. އޭނާއަށް މިކަމުގައި ފަސޭހަކޮށްދެނީ ކޮވަސިޗްއާއި މޮޑްރިޗް، އެ ދެމީހުންގެ ދައުރު ފުރިހަމައަށް އަދާކުރުމުންނެވެ. ނަމަވެސް އާޖެންޓީނާ ޓީމަކީ ވަރަށް އިތުބާރާއެކު އެޓޭކްކުރާ ޓީމަކަށްވުމުން ބްރޮޒޮވިޗްގެ މަސައްކަތަށް އިތުރު ޑިފެންސިވް ކަވަރެއް ބޭނުންވާނެއެވެ. ސަބަބަކީ ކުރަންޖެހޭ މަސައްކަތް އިތުރުވާނެތީއެވެ.
ގިނަ ތަޖުރިބާކާރުންގެ ނަޒަރުގައި މި މެޗު ދިގު ދެމިގެންގޮސްފިނަމަ އާޖެންޓީނާ ކަހަލަ ވަރުގަދަ ޓީމަކާ ދެކޮޅަށް ކްރޮއޭޝިއާއަށް ވަރަށް ގިނަ މައްސަލަތައް ދިމާވާނެއެވެ. ނަމަވެސް އެއީ ނެދަލެންޑްސް މެޗުގެ އިތުރު ވަގުތުގައި އާޖެންޓީނާ ދެއްކިފަދަ މޮޅު ކުޅުމެއް މިރޭ ކުޅެން ފަށައިފިނަމަ ޖޯރުހުސްވުމުގެ މައްސަލަ ކްރޮއޭޝިއާއަށް ދިމާވާނެތީއެވެ. އަނެއްކޮޅުން، ގޯލް ޖެހުމަކީ ކްރޮއޭޝިއާއަށް މާ ފަސޭހަކަމެއް ނޫނެވެ. ކެނެޑާ ކޮޅަށް ހަތަރު ލަނޑު ޖެހި ފަހުން އެމީހުން ފުރަތަމަ ލަނޑެއް ޖެހީ ޖަޕާން ކޮޅަށެވެ. ބްރެޒިލް ކޮޅަށް ލަނޑެއް ޖެހުނީ 116 މިނިޓް ކުޅެގެންނެވެ.
އާޖެންޓީނާގައި މެސީ އަދާކުރާ ރޯލުގެ ސަބަބުން ކްރޮއޭޝިާއގެ ސެންޓަރ ބެކް ލީޕްޒިކްގެ ގަސްކޯ ގަވަޑިއޯލްވެސް މިރޭ މޮޅަށް ކުޅެންޖެހޭނެއެވެ. ބްރެޒިލާ ދެކޮޅަށް ޓީމުގެ ތަރިއަކަށްވީ ކީޕަރު ޑޮމިނިކް ލިވަކޮވިޗްއެވެ. މި މެޗުގައިވެސް އޭނާ ޝޮކް ސޭވްތަކެއް ކޮށްގެން ނޫނީ ފައިނަލަށް އަމާންކަމާއެކު ބަނދަރުކުރަން ދަތިވާނެއެވެ. މީގެ އިތުރުން ވިންގަރ ޖޮސިޕް ގުރަނިވިޗް ވަނީ ބްރެޒިލް މެޗުގައި އެ ޓީމުގެ ފުލްބެކުންނަށް ވަރަށް ބޮޑަށް އުނދަގޫކޮށްފައެވެ. އޭނާއަކީވެސް އާޖެންޓީނާގެ ކުޅުންތެރިންނަށް ޕްރެޝަރު ކުރެވިދާނެ ހުނަރުވެރިއެކެވެ.
މި ދެ ޓީމު މިރޭގެ މެޗަށް ނުކުންނައިރު އެންމެ ޚާއްސަ ކަމަކީ، މުބާރާތަށް ދެ ޓީމު ކުރިމަތިލި އަމާޒު ތަފާތުވުމެވެ. އާޖެންޓީނާ މުބާރާތަށް އައީ ތަށި ހޯދުމަށް ނިޔަތްގަނެގެނެވެ. އެކަމަކު އެންމެ ފަހުގެ ފައިނަލް ކުޅުނު ނަމަވެސް ޓީމަށް އައިސްފައިވާ ބޮޑެތި ބަދަލުތަކާއެކު، ކްރޮއޭޝިއާ ވޯލްޑް ކަޕަށް އައީ ދެ ވަނަ ބުރަށް ދިއުމަށް އަޒުމް ކަނޑައަޅައިގެންނެވެ. ސެމީ ފައިނަލަކީ އެމީހުން ކުޑަކޮށްވެސް އުންމީދުކުރި ހިސާބެއް ނޫނެވެ. ނަމަވެސް މިހާރު ކުޅުންތެރިންގެ އުއްމީދަކީ މީގެ ހަތަރު އަހަރު ކުރިން އަތުނުޖެހި ތަށި ހިފައިގެން މިފަހަރު އެނބުރި ގައުމަށް ދިއުމެވެ. އެކަމަށް ބާކީ އެންމެ ދެ މެޗު ކުރިއަށް އޮތްއިރު، މި ފަހަރަކީ ލޫކާ މޮޑްރިޗާއި ސީނިއަރ ބައެއް ކުޅުންތެރިގެ ފަހު މުބާރާތް ކަމުން، ތަށި ނޫން އެއްޗެއް ކްރޮއޭޝިއާ މިހާރު ބޭނުމެއް ނޫނެވެ.