އެއީ ސިޔާސީ ވާހަކަ ދެއްކުންވެސް ލަދުވެތި އަދި ބިރުވެރި ދުވަސްވަރެއްގައެވެ. އަމިއްލައަށް އާއިލާ މީހަކު އެވާހަކަ ދައްކާނަމަ އެކަމެއް ހުއްޓުވައެވެ. ހައްޔަރުކޮށްފާނެތީއެވެ. ގާތް ރައްޓެއްސަކު ދައްކާނަމަ އެކަން ނުކުރުމަށް ނަސޭހަތްތެރިވެއެވެ. ލިބިދާނެ ދެރައަކަށެވެ. ސިޔާސަ ވެލާފައި އެވާހަކަ ދައްކާ އުޅުނު މީހުންނަކީ ޤައުމުގައި ނެތްވަރުގެ ނުބައި ބައެއްކަމުގެ ޓެގު އޮތީ އެޅުވިފައެވެ. އެއީ ކުރަން ހެޔޮވާވަރުގެ ކަމަކަށް ނުވާތީއެވެ.
އެފަދަ ދުވަސްވަރެއްގައި އެމްޑީޕީ އުފެއްދުމުގެ މަސައްކަތް ކުރަމުން އައީ ބިރުން ތިބެއެވެ. ފޮރުވިފައި ތިބެއެވެ. ޖަލުގެ ތޭރިތަކުގެ ފަހަތަށް ދާން ޖެހޭތީ ޤައުމުން ބޭރުގައި އަރުވާލެވިގެން ތިބެގެންނެވެ. އަވައްޓެރި ސްރީ ލަންކާގައެވެ. އިނގިރޭސިވިލާތުގައެވެ. ފުރަތަމަ އެކަމަށް ހުށަހެޅި ހުށަހެޅުން ރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކުން ތަން ނުދޭތީ އެކަމަކަށް ފުރުސަތެއް ނުދިނެވެ. އެކަމަށް ފަހަށް ނުޖެހި އެއްވާމެއްގައި ކުރި މަސައްކަތުން ހަމަ އެޤާނޫނުއަސާސީއާ ހަމަ އެޤާނޫން ތަކުން ނުހެދުނު ސިޔާސީ ޕާޓީ ހެދުނެވެ. އެކަމަށްޓަކައި ބޭރުގައި ކުރަމުންދިޔަ މަސައްކަތް ބައިނަލްއަޤްވާމީ ދުނިޔެއިން ބަލައިގަތުމާއެކު އޭރުގެ ސަރުކާރަށް މަޖުބޫރުވިއެވެ. އެއާއެކު އެކަމުގައި އެންމެ އިސްކޮށް އުޅުއްވި އެއްބޭފުޅާ ކަމުގައި ގ ކެނެރީގޭ މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގެންނެވިއެވެ. ސަޕޯޓް ކުރަން ވަޑައިގެންނެވި އެތައް ބަޔަކާއެކު މާލޭގެ ބޮޑެތި މަގުތަކުގައި ހިންގަވާފައި ޖަލުގެ ބަދލުގައި ގެއަށް ވަޑައިގެންނެވުން ވެގެން ދިޔައީ ސިޔާސީ ކަންކަމަށް ދޮރު ހުޅުވިގެންދިޔަ އެއް ދަނޑިވަޅަށެވެ. އިސާހިތަކު ދުންފިނި ހަރުގެ އެކްޓިވޭޓް ވިއެވެ. ސިޔާސީ ޕޯޑިއަމްތަކުގައި މީހުން ސިޔާސީ ޝުއޫރު ފާޅުކުރަން ފެށިއެވެ. ޗަކަޔާއި އޮއްގަލުގެ ވާރޭ ވެހުނަސް އަދި ކުރިމައްޗަށް އަރާފައި ކުނިހުތުރު ގޮވިނަމަވެސް އެކަމަށް އަޅާލުމެއްނެތި ރަށްރަށަށް އަރާ އެކުރި މަސައްކަތުން ޕާޓީއުފެދޭވަރަށް މީހުން ހަމަ ކުރިއެވެ. އަދި މީގެ 12 އަހަރު ކުރިން އައި ޖޫން 26 ވަނަ ދުވަހު ހެނދުނު ހެނދުނާ ހޯމް މިނިސްޓްރީ ދޮރުމަތީގައި އޮފީސް ހުޅުވުމުގެ ކުރިން ދެފައި ވައްކޮށްލައިގެން އެތިބި މީހުން އެތަނުން ނުކުތީ ދެވަނަ ޖުމްހޫރިއްޔާގެ ދަށުން ރާއްޖޭގެ ފުރަތަމަ ސިޔާސީ ޕާޓީގެ ގޮތުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ ރަޖިސްޓްރީ ކޮށްފައެވެ.
ވަލީ ކޮމެޓީ އުފެދުނެވެ. ގޮފިތައް ހަދަން ފެށިއެވެ. ޖަލްސާތައް ބާއްވަން ފެށިއެވެ. އެކަމަކު ފުރަތަމަ ފަހަަަރަށް ރާއްޖޭގައި ބޭއްވި ސިޔާސީ ޕާޓީގެ ކޮންގްރެސް ފެށުނީ އެޕާޓީގެ އޭރުގެ ލީޑަރު ގޭ ބަންދުގައި ހުއްޓައެވެ. އެގޮތް ކޮންގްރެސްގެ ބައިވެރިންނަކަށް ކަމަކު ނުދިޔައެވެ. އެހެންކަމުން ބައިވެރިން ނިންމީ މުހައްމަދު ނަޝީދާ ނުލައި އެކޮންގްރެސް ކުރިއަށް ނުގެންދިއުމަށެވެ.
އޭގެ 12 އަހަރު ފަހުން އެމްޑީޕީގެ ކޮންގްރެސް ބޯމަތިވެފައިވާއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުންނެވީ ބަންދެއްގައެވެ. ރާއްޖެއިން ބޭރަށް އަމިއްލައަށް އަރުވާލެވިގެންނެވެ. އެކަމަކު އެދުވަހާ މިއަދުވެސް ބޮޑެތި ތަފާތުތަކެއް އެބަހުއްޓެވެ. މަދު ބަޔަކާއެކު ޕާޓީ އުފައްދަން ފެށި މަސައްކަތް މިއަދު މިވަނީ ވަރަށް ބޮޑުވެފައެވެ. އެންމެބޮޑު އިދިކޮޅު ޕާޓީއަކީ އެމްޑީޕީއެވެ. ޕާޓީގެ ގިނަބައެއްގެ ނަންތައް ރިޖެކްޓް ނުކުރިނަމަ މިއަދު އެންމެބޮޑު ޕާޓީއަކީ އެޕާޓީއެވެ. އެއްޕާޓީއަކަށް އެންމެ ގިނަބަޔަކު ތާއީދު ކުރަނީ އެމްޑީޕީއަށެވެ. އެންމެ ބޭފުޅަކަށް އެންމެ ގިނަބަޔަކު ތާއީދު ކުރާ ބޭފުޅާ ހުރީ އެޕާޓީގައެވެ.
ޕާޓީގެ މަސައްކަތުން މިއަދު ރާއްޖޭގައި މިވަނީ މުޅިން އެހެން ނިޒާމެއް ހިނގަން ފަށާފައެވެ. ވައުދުވެގެން މެނިފެސްޓޯއަކާއެކު ނޫން ގޮތަކަށް ދެނެއް ވެރިކަމެއް ނުކުރެވޭނެއެވެ. އެވައުދުތައް ނުފުއްދާނަމަ ރައްޔިތުން މަޑުން ނުތިބެ އަޑު އުފުލާ އެއްވެ ބަސްބުނުމުގެ ޖާގަދޭ ޤާނޫނުއަސާސީއެއް ވަނީ އުފައްދާފައެވެ. ކަންކަން ބަލަންޖެހޭ މިނިވަން މުއައްސަސާތަކެއް އެވަނީ އުފެދިފައެވެ. އާއްމު ރައްޔިތުންގެ ހޭލުންތެރިކަން އިތުރުވެއްޖެއެވެ. ކަންކަމާމެދު ޚިޔާލުފާޅުކޮށް ގޯސް ގޯހުގެ ގޮތުގައި ބުނެވޭވަރަށް އިންޓަނެޓާއި އެހެނިހެން ގޮތްގޮތުން މީހުން ބަސްބުނާން އެވަނީ ފަށާފައެވެ. ސިޔާސީ މީހުން ތިބޭނެ ކަމާއެއީ މައްސަލައެއް ނޫންކަން އެވަނީ ރައްޔިތުން ޤަބޫލުކޮށްފައެވެ.
ކޮންމެއަކަސް އެމްޑީޕީން ކާމިޔާބީތަކެއް ހޯދައިފިއެވެ. ހަމައެކަނި އެޕާޓީއަކަށް ނޫނެވެ. މުޅި ދިވެހި ޤައުމަށް ގެނައި ބަދަލުތަކެއްގެ ގޮތުގައެވެ. ސިޔާސީ ޕާޓީތަކުން ބޭއްވި ފުރަތަމަ އިންތިޚާބު ކާމިޔާބުކޮށް ވެރިކަމަށް އެޕާޓީން މިއަދު އެވަނީ މުޅިން އެހެން ދިމާއަކަށް ފައި ނަގާފައެވެ. އަނެއްކާވެސް ޤައުމަށް ބޮޑެތި އިސްލާހް ތަކެއް ގެންނަން ޖެހޭތީއެވެ. ތިމަންނާމެން މީ އެންމެ ބޮޑު ޕާޓީއޭ ބުނެ ދުރުގައި ނޯވެ އިސްލާހީ މަސައްކަތުގައި އޭރުގެ އިދިކޮޅު ފަރާތްތަކާގުޅިގެން އެވަނީ ބޮޑު މަސައްކަތެއް ފަށާފައެވެ. ސެޕްޓެމްބަރ މަހު އޮންނަ ބޮޑު ކޮންގްރެސްއަށް ޕާޓީ ތައްޔާރުވަމުން އަންނައިރު އިތުރު ކާމިޔާބީއަކާއި މުޅި ޤައުމަށްވެސް ކާމިޔާބީތަކެއް ވަނީ ހޯދާފައެވެ. އިވޭ އަޑުތަކާ ފެންނަ މަންޒަރަށް ބަލާއިރު އެފަދަ އިތުރު ބޮޑު ކާމިޔާބީއެއް ލިބުމަކީ ކައިރި ކަމެކެވެ. ފަހަރުގައި މިފަހަރުވެސް ބަންދުގައި ހުންނެވިނަމަވެސް އެޕާޓީގެ ލިޑަރ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހަމަ އެކޮންގރެސްގައިވެސް ބައިވެރިވެވަޑައިގެންނެވުމަކީ ނުވުމަށްވުރެ ވުން ކައިރި ކަމެކެވެ.