ކ. މާލެ
|
9 ޑިސެންބަރ 2022 | ހުކުރު 13:24
މޯލްޑިވިއަން އެއަރލައިންގެ މަތިންދާ ބޯޓެއް
މޯލްޑިވިއަން އެއަރލައިންގެ މަތިންދާ ބޯޓެއް
އެމްއޭސީއެލް
އެކްސެސް ބެގެޖުގެ ފީ ބޮޑު ކުރުން
އެކްސެސް ބެގެޖުގެ ފީ ބޮޑުކުރީ ޓެކްސްގެ ސަބަބުންނެއް ނޫން: މޯލްޑިވިއަން
ފީ ބޮޑުކުރަން ޖެހުނީ ދުނިޔޭގައި ތަކެތީގެ އަގު އުފުލިފައިވާތީ ކުންފުނީގެ ހިންގުމުގެ ޚަރަދު ބޮޑުވުމުން

ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަން އިން އެކްސެސް ބެގެޖް ނުވަތަ އިތުރުވާ ދާގީނާއަށް ނަގާ ފީ ބޮޑުކުރީ ޓެކްސް ބޮޑު ކުރުމުގެ ސަބަބުން ކަމަށް ބުނެ ދެކެވޭ ވާހަކަތައް އެ އެއަރލައިނުން ދޮގުކޮށްފިއެވެ.

އެ އެއާލައިނުން "ރާއްޖެ އެމްވީ" އަށް މައުލޫމާތު ދެމުން ބުނީ އެކްސެސް ބެގެޖްގެ ފީ ބޮޑުކުރަން ޖެހުނީ ދުނިޔޭގައި ތަކެތީގެ އަގު އުފުލޭ މިންވަރަށް ބަލައި، އެއަރލައިން ހިންގުމުގެ ޚަރަދުތައްވެސް ބޮޑުވެފައިވާތީ ކަމަށެވެ. އަދި ބައިނަލްއަގުވާމީ އޭވިއޭޝަން ސްޓޭންޑަޑުތަކުގައި ހިފަހައްޓައިގެން ޚިދުމަތްދިނުމަށް އެގޮތަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ.

އެ އެއަރލައިނުން ބުނެފައިވާ ގޮތުގައި އެކްސެސް ބެގެޖްގެ ފީގެ ގޮތުގައި ނަގާ އަގުތައް އެ މީހަކު ދަތުރު ކުރާ ދުރުމިނަކަށް ބަލައިގެން ތަފާތު ވާނެއެވެ. އަދި މި ބަދަލު ގެންނަނީ ހަމައެކަނި ރާއްޖޭގެ އެތެރޭގެ އުދުންހުންތަކުގައި ކަމަށް ވެސް އެ އެއާލައިނުން ބުންޏެވެ.

ކޮވިޑް-19 އާއި ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް އައި ހީނަރުކަމާއެކު އެންމެ ބޮޑު އަސަރެއް ކޮށްފައިވާ އެއްް ދާއިރާއަކީ އެއަރލައިން ދާއިރާއެވެ. އެ ދާއިރާއަށް މިއަހަރު ނިމޭއިރު 6.9 ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުމެއް ވާނެ ކަމަށް އިންޓަނޭޝަނޭޝަނަލް އެއަރ ޓްރާންސްޕޯޓް އެސޯސިއޭޝަން (އައިއޭޓީއޭ) އިން ވަނީ ލަފާކޮށްފައެވެ. ނަމަވެސް އަންނަ އަހަރު އެ ދާއިރާއަށް 0.6 އިންސައްތައިގެ ކުރިއެރުމެއް ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު 2020 ވަނަ އަހަރުން ފެށިގެން އެ ދާއިރާއަށް ވަނީ މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ވެފައެވެ.

އެއަރލައިން ދާއިރާއަށް އެންމެ ބޮޑު ގެއްލުމެއް ވެފައިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާ ގުޅިގެންނެވެ. އެގޮތުން، ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރާ ގާތް ކުރާއިރު މީގެ ސަބަބުން އެއަރލައިންތަކުގެ އޮޕަރޭޝަނަލް ޚަރަދުތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މީގެ ސަބަބުން ޤައުމީ އެއަރލައިން ވަނީ މިއަހަރުގެ ތެރޭގައި ޓިކެޓުގެ އަގުތަކަށް ވެސް ބަދަލުތައް ގެނެސްފައެވެ.

އެ އެއަރލައިނުން އެކްސެސް ބެގެޖްގެ ފީ ބޮޑުކޮށްފައިވާއިރު އެއީ އަންނަ އަހަރު ސަރުކާރުން ޓެކްސް ބޮޑު ކުރަން ނިންމުމާ ގުޅިގެން އައި ބަދަލެއް ކަމަށް ބުނެ ބައެއް ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ. ނަމަވެސް އެއީ ހަގީގަތާ ޚިލާފު ވާހަކަތެއް ކަމަށް މޯލްޑިވިއަން އިން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް