ކ. މާލެ
|
26 ޖޫން 2017 | ހޯމަ 16:28
އިދިކޮޅު ފަރާތްތަކުގެ ބައްދަލުވުމެއްގެ ތެރެއިން
އިދިކޮޅު ފަރާތްތަކުގެ ބައްދަލުވުމެއްގެ ތެރެއިން
ޓްވިޓަރ
މަގޭ ރިޕޯޓް
ދެ އީދު ދޭތެރެއިން އިދިކޮޅު މީހުން ގެންނަ ބޮޑު އީދު
އިދިކޮޅު ފަރާތްތަކުން ބުނަނީ މިހާރު 42 އަށްވުރެ އިތުރުވެއްޖެކަމަށް
ސަރުކާރުގެ މެންބަރުންވެސް ދަނީ ސަރުކާރަށް ފާޑު ކިޔަމުން
ބޭރު ދުނިޔެއިންވެސް ދަނީ ބޮޑު ޕްރެޝަރެއް ކުރަމުން

އަނެއްކާ ވެސް ތަފާތު އަޑެއް އިވެން ފަށައިފިއެވެ. އެންމެން އެންމެނަށް ދައްކަނީ އެވާހަކައެވެ. ދެމީހަކު ދިމާވިޔަަސް ޔޯލަ ކޮށްލާފައި އެވާހަކައެވެ. ރައްޓެހިން މަގުމަތިން ވެސް ފެންނަ އިރަށް އެއްފަރާތައް ޖައްސާލާފައި ހަމަ އެވާހަކައެވެ. އިދިކޮޅު އިސް މީހަކު ޕޯޑިއަމެއްގެ ދޮށަށް އެރިއަސް އަދި ނޫސްވެރިންނަށް އެއްޗެކޭ ވިދާޅުވި ނަމަވެސް ދުރުދުރުން އެވާހަކައަށް އިޝާރާތް ކޮށްލައެވެ. އެންމެން އެންމެނަށް ވަރަށް ސިއްރުން ދެއްކިޔަސް މިހާރު އޮތީ އެންމެނަށް އެނގޭ ބޮޑު ސިއްރެއްގެ ގޮތުގައެވެ.

ސީދާ އެވާހަކަ އެންމެ ބޮޑަށް ދައްކަވާ އެއް ބޭފުޅާގެ ބަހުން ނަމަ "ދެ އީދު ދޭތެރޭގައި އަންނަން އުޅޭ ބޮޑު އީދު" ގެ ވާހަކައެވެ. ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފް އެވިދާޅުވާ އުފާވެރިކަމުގެ ވާހަކައެވެ. ދާދި އަވަހަށް ފެންނާން އުޅޭ އުފާވެރިކަމުގެ ވާހަކައެވެ.

އެއީ ސީދާ ކޮން ދުވަހެއްކަން ނޭނގުނަސް އިދިކޮޅު ފަރާތްތަކުގެ ވާހަކަތަކަށް ބަލާއިރު އެވެރިންނަށް ބޮޑު ކާމިޔާބެއް ލިބިއްޖެއެވެ. ހަތަރު ލީޑަރުން ގުޅިގެން ދިވެހި ޤައުމު އިސްލާހް ކުރެއްވުމަށް ކުރައްވާ މަސައްކަތަށް ބޮޑު ކުރިއެރުމެއް ހޯދިއްޖެއެވެ. އެކަމަށްހުރި ގޮންޖެހުންތައް ހިސާބަކަށް ނަމަވެސް ގިރާ ކުރެވިއްޖެއެވެ.

ކުރިން އިވުނީ އަދަދު ހަމަވެއްޖެ ވާހަކައެވެ. މިހާރު އިވެނީ އަދަދު އިތުރުވެއްޖެ ކަމުގެ ވާހަކައެވެ. އެއާ އެކު އަންނަ ބޮޑު އީދުގެ ކުރިން އިތުރު އީދެއް އައުމަކީ އެކަށީގެންވާ ކަމުގެ ވާހަކައެވެ. އެވާހަކަ ތަކާ އެކު އިވޭ އެހެން ވާހަކައެއް ވެސް އެބައޮތެވެ. އީދު ބަންދަށް ފަހު ރައްޔިތުންގެ މަޖިލިސް ފެށޭއިރު އެމަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ވަނީ ނިންމާފައެވެ. ކުރީ ދެ ފަހަރު ވެސް ދިޔައީ ކިރިޔަ ކިރިޔާއެވެ. އެއްފަހަރު މަޖިލީހުގެ ޤަވާއިދާ ޚިލާފަށެވެ. އަނެއް ފަހަރު މަޖިލީހުގެ ޤަވާއިދަށް ގެނައި ކުއްލި ބަދަލާއެކު އެމައްސަލަ ބޭރުކޮށްލައިގެންނެވެ.

އިދިކޮޅު ފަރާތްތަކުގެ ވާހަކައިން ނަމަ މިފަހަރު މަޖިލީހަށް އެމައްސަލަ ވައްދާނީ މަޖިލީހުގެ ޤަވާއިދަށް އެ ގެނައި ކުއްލި ބަދަލާއެއްގޮތަށް 42 މެންބަރުންގެ ސޮޔާއެކުގައެވެ. މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ފާސްކުރަން ބޭނުންވާ އަދަދަކީ ވެސް 42 އެވެ. އެހެންކަމަށް ވާނަމަ އުސޫލެއްގެ ގޮތުން މައްސަލަ ހުށަހެޅުމަށް ސޮއިކޮށް ހުށަހެޅުމަކީ އެކަން ފާސްވުން ފަދަ ކަމެކެވެ. ދެން އޮތް ބޮޑު ސުވާލަކީ އެއަދަދު ހަމަވެއްޖެތޯ އުފެދޭ ސުވާލެވެ.

ކުރީ ދެފަހަރު ދިޔައީ ކިރިޔަ ކިރިޔާއެވެ. ނަމަވެސް އޭގެ ފަހުން ލައްކަ ކަންތައްތައް ހިނގައިފިއެވެ. ތަފާތު މަންޒަރުތައް ފެނިއްޖެއެވެ. އެކަން އެހެން ވެދާނެ ކަމަށް ބާރު ލިބިދޭ ބައެއް ކަންކަން ހާމައަށް ފެންނަން ފަށައިފިއެވެ. އެއްކަމަކީ ސަރުކާރުގެ ޕީޖީ ގުރޫޕްތެރޭގައި އޮތް ކޯޅުމެވެ. ކިތައްމެ ނުދައްކަން އުޅުނު ނަމަވެސް އެކަން ސިއްރު ކުރެވޭވަރަށްވުރެ ގޯހެވެ. މެންބަރުން މެންބަރުންނަށެވެ. މެންބަރުން އެ ގުރޫޕްގެ ލީޑަރަށެވެ. އެކަން އެންމެ ބޮޑަށް ބޮޑުވެގެންދިޔަ މައިގަނޑު ސަބަބަކީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރު ލަދުގަންނަވާލި ބޮޑު ބައްޔެވެ. ހުރިހާ ބާރަކާއެކު ސަރުކާރަށް ކުރި ނުލިބުމެވެ. ބޮޑެތި ގޮންޖެހުންތަކާ އެކު އަދި އެހާމެ ބިރުވެރިކަމާ އެކު އެއިންތިޚާބުގައި އިދިކޮޅު ފަރާތްތަކުން ބޮޑުތަނުން މޮޅުވެ ރަނގަޅަށް ހިންދެމިލުމެވެ. ރައްޔިތުން ތިބި ގޮތް ވަރަށް ރަނގަޅަށް ސާފެވެ.

ސަރުކާރުގެ މެންބަރުންގެ ގޮތުގައި ތިބި މަޖިލީހުގެ މެންބަރުން ކޮޅު ބަދަލުކުރަންފެށި މައިގަނޑު އެއްސަބަބަކީ އެއީއެވެ. ރައްޔިތުން ދިން ޖަވާބެވެ. އިދިކޮޅު ފަރާތްތަކުން ވަކިވަކިން ކުރިމަތިލައިގެންވެސް އެހޯދި ކާމިޔާބީއަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެގޮތުގައި ތިބެގެން ބޮޑުތަނުން ކާމިޔާބު ކުރާނެ ކަމުގެ ބޮޑު ހެއްކެކެވެ. ރައީސް މައުމޫނާއި ޤާސިމް އިބްރާހީމާއި އަދާލަތު ޕާޓީ އަދި މުޅި އޭރުގެ ކޯލިޝަން އެއްކޮށް ކުޑަ ތަފާތަކުން ރައީސް ޔާމީނަށް 2013 ގައި ކުރި ހޯއްދެވުނު ނަމަވެސް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ބޮޑުތަނުން ބަލިވުމަކީ ގާތްކަމެކެވެ.

ދެން އޮތީ އެމެންބަރުންގެ ދާއިރާތަކެވެ. އެދާއިރާތަކުން ބޮޑު ތަނުން ސަރުކާރަށް ނޫނެކޭ ބުނުމުގެ މާނައަކީ ކުރިއަށް އޮތްތަނުގައި އެދާއިރާތަކުން އެމެންބަރަށް ވެސް ނޫނެކޭ ބުނުމެވެ. އެހެންކަމަށް ވާނަމަ ސިޔާސީ ގޮތުން ވެސް އެމެންބަރުންގެ ކުރިމަގު އެވަނީ ބަނަވެފައެވެ. އެކަން ކުޑަކޮށް ސަރުކާރަށް އޮތް ތާއީދު އިތުރު ކުރުމަށްޓަކައި ސަރުކާރުން ކުރަން ޖެހޭ މަސައްކަތް ވަރަށް ގިނައެވެ. ވެފައިވާ ވައުދުތައް ފުއްދުމެވެ. މެންބަރުންގެ ދާއިރާތަކަށް ކުަރަން ހުރި ކަންކަން ކުރުމެވެ. ނަމަވެސް ސަރުކާރު 2018 ގެ ކުރިން ވެސް ހިފަހައްޓަން ކުރަން ޖެހޭ ކަންކަން ކުރުމަށާއި ސަރުކާރުގެ ތެރެއިންވެސް ހުއްޓުމެއް ނެތި ކުރަމުންދާ ކަންކަން ހައްލު ކުރުމަށް މަސައްކަތް ކޮށްފައި އެހެން ކަމެއް ކުރާނެ ވަގުތެއް އޮތްހެނެއް ހީއެއް ނުވެއެވެ. ކޮރަޕްޝަނާއި ފަސާދައިގެ މައްސަލަތައް އެދަނީ އިންތިހާއަށް ފަޅާއަރަމުންނެވެ. ސަރުކާރު މުވައްޒަފުންނަށް މުސާރަ ދެވޭނެ ގޮތެއް ނެތި އެކަންކުރުމަށް ވެސް އެދަނީ ބޮޑެތި އިންޓަރެސްޓްގައި ލޯނުތައް ނަގަމުންނެވެ. ލޯނު ދައްކަންވެސް ލޯނު ނަގަމުންނެވެ. ނަތީޖާއެއްގެ ގޮތުން ޤައުމުގެ ދަރަނި ދަނީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ. ބޭރު ދުނިޔެއާ އޮންނަ ގުޅުންތައް ހީނަރުވަމުންދާއިރު ރާއްޖެއިން ސޮއިކޮށްފައިވާ މުއާހަދާތަކާ ޚިލާފް ވުމާއި ބައިވެރިވެފައިވާ ޖަމްއިއްޔާތަކުން ވަކިވުމުގެ އިތުރުން ޑިމޮކްރަސީއާ އިންސާނީ ހައްޤާ ޚިލާފްވާ ކަމަށް ބުނެ ބޭރުގެ ޕްރެޝަރ ދަނީ ބޮޑުވަމުންނެވެ. ފާޑުކިޔުންތައް ވަނީ އިންތިހާއަށް ގޮސްފައެވެ. މިކަންކަމުގެ އިތުރުން ޖުޑިޝަރީ އޮތް ގޮތުން އިންވެސްޓަރ ކޮންފިޑެންސް ނެތުމުން ބޭރުން އަންނާނެ އިންވެސްޓަރަކު ނެތެވެ. ޤާނޫން އަސާސީއާ ޤާނޫނުތަކެއް ބޮޑެތި ބަދަލެއް ގެނެސްގެން ސިއްސައިގެންދާވަރުގެ އިންވެސްޓަރުން އަންނާނެ ކަމަށް ބުނި ބުނުން ދިޔައީ ފަނުފުލުންނެވެ.

މިކަންކަމާ ހުރެ ސަރުކާރުގެ ތާއީދު ބޮޑުކުރަން އުޅުމަށް ވުރެ ސަރުކާރު ދިފާއުކުރަން އުޅެން ޖެހިފައިވަނީ މާ ބުރަކޮށެވެ. މެންބަރުންގެ ކަންކަން ހިފަހައްޓަން އުޅެވޭނެ ވަގުތެއް ނެތެވެ.

ކޮންމެއަކަސް ފެންނަ މަންޒަރާއި ސަރުކާރުގެ ނެގި މަޑުވުމާ އެކު ސަރުކާރަށް ބޮޑު ލޮޅުމެއް އަތުވެދާނެ ކަމުގެ ކުލަވަރުތައް ދަނީ ފެންނަމުންނެވެ. އިދިކޮޅު ފަރާތްތައް ގުޅިގެން އެކުރާ މަސައްކަތާއެކު ބޮޑު ކާމިޔާބެއް އަނެއްކާ ވެސް ހޯދުމަކީ ދުރު ކަމެއް ނޫނެވެ. އެކަމަކީ މަޖިލިސްތެރެއިން އެފަށާ ފެށުން ކަމަށް ވާނާމަ އެއީ ބޮޑު އީދެކެވެ. ފިތުރު އިދަށް ފަހު އަޟްޙާ އީދާ ދެމެދު އަންނަ އިތުރު އީދަކަށް ވެދާނެއެވެ. އެކަމަކު އިވެނީ ބުނާ އަޑެވެ. އަޑެއް ކިއްޔަންޏާ ރެނދެއް ލާނެއޭ ބުނާ ބީދައިން އެއީ ހަމަ ހިނގާފާނެ ކަމެކެވެ.

 

 

- ކޮމެންޓް
1 ޖުލައި 2017 | ހޮނިހިރު 03:47
ދެއީދުދެމެދު
ހަތަރު ލީޑަރުން އެއްގަލަށް އަރައިގެން ހޯދިފައިވާ ކުރިއެރުމެއް ބުނެދީބަލަ މިނޫހުން ނިކަން. އޭރުން ގަބޫލުކުރާނަން. ކޮބާ ތިޔަ އުފެއްދި އެމް.އޯޔޫ. އަޑެއްބަޑެއް ނީވެ ސައިބޯނި ބޮތްކެއްހެން ފަޅައިގެން ދިޔައީ. ހައްތަހާވެސް ވެރިކަން ބޭނުންވެގެން ކުޑަދޫ ނުކުމެފައިތިބި ގައްދާރުން ތިޔަ އުޅެނީ. ދެން ބުނަން. ދެއީދު ދޭތެރޭ އަންނަ ބޮޑު އީދަކީ ތިޔަ ހުރިހާ އެންމެން ވެގެން ޖަމަލު ފޮޑި ޖަހަން ތިޔަ އުޅެނީ. ނިކަން ބާރުލާފައި ފެލިފެލިފައި ހަމަ ޖަމަލު ފޮޑިއެއް ޖަހަން ތިޔަ އުޅެނީ. އެއީ ގެންނަންއުޅޭ ޢީދަކީ. ވަރަށް ސަލާމް
27 ޖޫން 2017 | އަންގާރަ 20:01
Hajja
Anekkaa anwh vaahaka foni kediyas boduvaruthee
27 ޖޫން 2017 | އަންގާރަ 08:43
Hajam
Tiya wuLeny hajam ge massala
26 ޖޫން 2017 | ހޯމަ 17:24
ޖާނޭ
ހުށަހަޅަންވާނީ ކިޔިޔާ ހަމަވާ ޢަދަދު. . އޭރުން ވާނެ ގޮތަކީ ދެމެންބަރަކު ހައްޔަރުކުރިއަސް އަދަދު ހަމަވާނެ