Advertisement
ކ. މާލެ
|
26 ޖޫން 2017 | ހޯމަ 16:01
ގެއްލުނު ސުމޭދު: އަދިވެސް ހޯދުން ހުއްޓައެއް ނުލާ
ގެއްލުނު ސުމޭދު: އަދިވެސް ހޯދުން ހުއްޓައެއް ނުލާ
ފޭސްބުކް
ސުމެއިދު ހޯދުން
ސުމައިދު ހޯދުމަށް ކަނޑުގެ ސަރަހައްދު އަދިވެސް ދަނީ ބަލަމުން: އެމްއެންޑީއެފް
ތަހުގީގުގައި ފުލުހުންނާއެކު ސިފައިންވެސް ހަރަކާތްތެރިވޭ
ޑިންގީ ބަންޑުން ޖަހާލިކަން ކަށަވަރެއް ނުވޭ: ފުލުހުން
މިމައްސަލާގައި ސުމެއިދުގެ އާއިލާއިން ސުވާލު އުފައްދާ

ޖޫން މަހުގެ ހަތަރު ވަނަ ދުވަހު ޑިންގީއެއްގައި މަހަށް ނުކުމެ އުޅެނިކޮށް ގެއްލުނު މުޙައްމަދު ސުމައިދު ހޯދުމުގެ މަސައްކަތް އަދިވެސް ހުއްޓާނުލައި ކުރިއަށް ގެންދާ ކަމަށާއި ކަނޑުގެ ސަރަހައްދު ހުއްޓާނުލާ ބަލަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

 

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ ކެޕްޓަން އިބްރާހީމް ޢާޒިމް ވިދާޅުވީ އެމްއެންޑީއެފްގެ ސަދާން އޭރިއާގެ ސިފައިން މިހާރު ވެސް ގެންދަނީ ކަނޑުގެ މަތީ ފަށަލަ ބަލަމުން ކަމަށާއި މި ބެލުންތައް ކުރިއަށްގެންދަނީ ކަނޑުގެ އޮއި ހުންނަ ގޮތަށް ބަލައިގެން ކަމަށެވެ.

 

އާޒިމް ވިދާޅުވީ ކަނޑުގެ ބޮޑު ސަރަހައްދެއް މިހާރު ވެސް ބަލާފައިވާއިރު އައްޑޫ ފްލައިން ސްކޫލުގެ އެހީތެރިކަމާ އެކު ވައިގެ މަގުން އަދިވެސް ހުއްޓުމެއް ނެތި ބަލަމުން އަންނަ ކަމަށެވެ.

 

އުމުރުން 27 އަހަރުގެ ޕޮލިސް ކޯޕްރަލް މުޙައްމަދު ސުމައިދު ގެއްލުނު ސަރަޙައްދުގެ ބޮޑުބައެއް މިހާތަނަށް ބަލާފައިވާ އިރު، މިހާތަނަށް ބެލިބެލުމުން އޭނާގެ ފޯނު ފެނުން ނޫން އިތުރު ކުރިއެރުމެއް، އަދި ލިބިފައިނުވާ ކަމަށެވެ.

 

މި މައްސަލަ ތަހުގީގުކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޓީމެއް އައްޑުއަށް ގޮސްފައިވާއިރު ސުމައިދުގެ ފޯނު ފެނުނީ، ޝަންގްރިއްލާ ރިޒޯޓްކައިރީ އޮންނަ "މަޑިހެރާ" ކިޔާ ފަޅުރަށުގެ ކައިރިން، ހަ މީޓަރު އަޑިންނެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް ކުރުމަށްޓަކައި ފުލުހުން ގެންދަނީ ފަޅު ރަށްތައް ވެސް ބަލަމުންނެވެ.

 

މިމައްސަލާގައި ސުވާލު ކުރަން ޖެހޭ މީހުންނާ ސުވާލު ކުރަމުން އަންނަ ކަމަށާއި ތަހުގީގު ކުރިއަށް ދާތީ މި ހާދިސާއާ ގުޅޭ އިތުރު ތަފުސީލެއް އަދި ދެވެން ނެތް ކަމަށް ފުލުހުން ބުންޏެވެ.

 

ސުމައިދާ އެކު މަހަށް ދިޔަ ސ. ފޭދޫ ފަހާގޭ ހުސައިން ސައީދު ބައެއް މީޑިޔާތަކަށް ކިޔައި ދީފައިވާ ގޮތުގައި އެ މީހުން މަހަށް ދިޔަ 17 ފޫޓުގެ ޑިންގީ ބަންޑުން ޖަހާލީ، ނެނގި ބޮޑު ރާޅަކާ އެކުގަ އެވެ. މި ހާދިސާގައި ސުމައިދުއާ އެކު މަހަށް ދިޔަ އަނެއް ދެ މީހުން ސަލާމަތްވީ ފަތާފައި ގޮސް ސަންގްރި-ލާ ރިސޯޓަށް އަރައިގެންނެވެ.

 

"ބަންޑުން ޖަހާލި" ޑިންގީ ފަޅު ރަށުން ފެނުނު އިރު، އޭގެ ތެރެއިން ޑިންގީގައި ހުރި ގިނަ ސާމާނުތައް ހުއްޓެވެ. އެހެންވެ ސުމައިދުގެ އާއިލާ އިން ވަނީ ޑިންގީ ބަންޑުން ޖަހާލި ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ބުނެފަ އެވެ. އަދި ފުލުހުން ވެސް ބުނަނީ ޑިންގީ ބަންޑުން ޖަހާލިކަން ކަށަވަރު ނުވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް