ކ. މާލެ
|
4 ޑިސެންބަރ 2022 | އާދީއްތަ 15:04
ޕޮލެންޑް ޓީމު ޓްރެއިނިންގައި
ޕޮލެންޑް ޓީމު ޓްރެއިނިންގައި
ރޮއިޓާސް
ފީފާ ވޯލްޑް ކަޕް
ޕޮލެންޑް ނުކުންނާނީ ތާރީޚުގައި މުޅިން އައު ޞަފްހާއެއް ލިޔުމަށް
ބަލިވާ ޓީމެއް ކަޓާނެތީވެ ކޯޗު މިޗްނޮވިޗްގެ ގޭމް ޕްލޭނަށް ވެސް މިރޭ ބަދަލުތަކެއް އަންނާނެ

ވޯލްޑް ކަޕުގެ އެންމެ ފަހުގެ ޗެމްޕިއަނުންނާ ދެކޮޅަށް ޕޮލެންޑް މިރޭ ނުކުންނަ މެޗަކީ ތާރީހީ މެޗެކެވެ. މިއީ 1986 ވަނަ އަހަރުގެ ފަހުން ޕޮލެންޑް ވޯލްޑްކަޕުގެ ގަދަ 16 ގައި ކުޅޭ ފުރަތަމަ މެޗެވެ. މީގެ 36 އަހަރު ކުރިން ކުޅުނު ނޮކްއައުޓް މެޗުގައި ބްރެޒިލްއާ ވާދަކޮށް ޕޮލެންޑް ބަލިވީ 4-0 އިންނެވެ. މިހެންވެ މި ހަނދާންތައް އެއް ފަރާތްކުރުމަށްފަހު މިރޭ ފްރާންސާ ދެކޮޅަށް ޕޮލެންޑް ނުކުންނަނީ ތާރީހު ބަދަލުކޮށް އައު ސޮފުހާއެއް ފަށަން ތައްޔާރުވެގެންނެވެ. ބަލިވާ ޓީމެއް ކަޓާނެތީވެ ކޯޗު މިޗްނޮވިޗްގެ ގޭމް ޕްލޭނަށް ވެސް މިރޭ ބަދަލުތަކެއް އަންނާނެއެވެ.

ކުރީ މެޗުގައި ދެ ފޯވަޑުން ބޭނުންކުރި ނަމަވެސް މި މެޗުގައި އޭނާ އިސްކަންދޭނީ ދިފާއީ ގޭމަކަށެވެ. ފްރާންސަކީ އެޓޭކް ވަރުގަދަ ޓީމަކަށްވުމުން އެމީހުންގެ ކުރިމަތީގައި އިސް ޖެހުމުގެ ބަދަލުގައި ކޯޗު ނިންމާފައިވަނީ މެދުތެރެއަށް ކުޅުންތެރިން އިތުރުކުރުމަށެވެ. މިކަމަށްޓަކައި ކެޕްޓަން ރޮބަޓް ލެވޮންޑޯސްކީ އާއި އަރްކަންޑިއާޒް މިލިކް ކުރެ ކޮންމެވެސް އެއް ކުޅުންތެރިއަކު މިރޭގެ މެޗު ފެށުން ގާތީ ބެންޗުންނެވެ. ބޮޑަށް ގާތީ މިލިކްގެ ބަދަލުގައި ޑިފެންސިވް މިޑްފީލްޑަރަކު ކުޅެން ނެރުމެވެ.

ނަމަވެސް ކޯޗު ބުނީ މިހާތަނަށް ޓީމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ފޯވަޑް އަދި ކެޕްޓަން ރޮބަޓް ލޮވޮންޑޯސްކީ އަށް ބޯޅަ ސަޕްލައި ނުކުރެވުން ކަމަށާއި މިރޭގެ މެޗުގައި އެކަން ރަނގަޅު ކުރަންޖެހޭ ކަމަށެވެ. ދުނިޔޭގައި މިވަގުތުހުރި އެންމެ މޮޅު އެއް ފޯވަޑް ކަމަށް ގިނަ ބަޔަކު އެއްބަސްވާ ލޮވޮންޑޯސްކީ ދަނީ ކުލަބު ފުޓްބޯޅައިގައި އޭނާ ފެންވަރުގެ ފޯވަޑަކު ނެތްކަން ސާބިތުކޮށްދެމުންނެވެ. ނަމަވެސް ގައުމީ ޓީމުގައި އޭނާ އަށް އެ ފެންވަރު ނުދެއްކެނީ ޕޮލެންޑްގެ ޓީމުގައި އޭނާއާ ހަމައަށް ބޯޅަ ފޯރުކޮށްދޭނެ ކޮލިޓީ ކުޅުންތެރިން ނެތުމުންނެވެ. މިކަމަށް އެއްބަސްވަމުން ކޯޗު މިޗްނޮވިޗް ބުނީ ލެވޮންޑޯސްކީ ފެންވަރުގެ ކުޅުންތެރިއަކަށް ބޭނުންވާނީ ޕެނަލްޓީ އޭރިއާ ތެރެއިން ނުވަތަ ކައިރިން ބޯޅަ ދިނުން ކަމަށާއި އެކަން ކުރެވިފައިނުވާ ކަމަށެވެ. ޕޮލެންޑް ކުޅުނު ގިނަ މެޗުތަކުގައި ލެވޮންޑޯސްކީ ބޯޅަ ހޯދަން ޖެހިފައިވަނީ މެދުތެރެއަށް ފައިބައިގެންނެވެ. މިކަން ހައްލުކުމަށް ކޯޗަށް މާގިނަ އޮޕްޝަންތަކެއް ވެސްނެތެވެ.

ކޮލިފައިންގައި އޭނާ ވަނީ މިކަންކަން ރަނގަޅު ކުރުމަށް ޓީމު ލައްވައި ތަފާޓު ފޯމޭޝަންތަކަށް ކުޅުވާފައެވެ. ބޭނުމަކަށްވީ ފްރާންސް ފަދަ ގަދަ ޓީމުތަކާ ކުޅެން ނުކުންނައިރު ޓީމުގެ އެތުރުން ގެންގުޅޭނެ މޮޅު ގޮތްތަކެއް ހޯދުމެވެ. ޓީމުގައި ތިބި ކުޅުންތެރިންނަށް އެންމެ ފިޓް ފޯމޭޝަނަކަށް ފެނުނީ 4-2-3-1 އެވެ. ކޮންމެ ކަމެއްގައި ވެސް އަބަދުވެސް އެހެން ގޮތެއް އޮންނަންވާނެ ކަމަށް ގަބޫލުކުރާ ކޯޗަށް މިހާތަނަށް ކާމިޔާބުވެފައިނުވަނީ ވާތު ބެކަށް ކުޅޭނެ މޮޅު ކުޅުންތެރިއެއްގެ މައްސަލައެވެ. މިއީ ހަމައެކަނި މިޗްނޮވިޗަށް ދިމާވެގެން އުޅޭ މައްސަލައެއް ނޫނެވެ. ޕޮލެންޑްގެ ގައުމީ ޓީމުގެ ވާތުބެކަށް ކުޅޭނެ މޮޅު ކުޅުންތެރިއަކު ނުލިބިގެން އުޅޭތާ މިހާރު 10 އަހަރުވެއްޖެއެވެ. ކޯޗުކަމާ މިޗްނޮވިޗް ހަވާލުވުމަށްފަހު މި މައްސަލަ ހައްލުކުރުމަށް ޓިމޯޓް ސްޕަހާޓްސް އަށް އާއި ބާޓޯސް ބެރެޒިންސްކީ އަށް ވަނީ ފުރުސަތުދީފައެވެ. މީގެ ތެރެއިން ބެރެޒެންސްކީ ވާތު ބެކަށް ކުޅުނަސް އޭނާ އަކީ ކަނާތު ބެކެކެވެ.

މިރޭގެ މެޗަށް ނުކުންނައިރު ޕޮލެންޑާއި ފްރާންސް މީގެ ކުރިން ބައްދަލުކޮށްފައިވަނީ އެންމެ ދެ ފަހަރުއެވެ. މި ދެ ފަހަރު ވެސް ބަލިނުވެ ޕޮލެންޑް ވަނީ ހިފަހައްޓާލާފައެވެ. އެމީހުން އުއްމީދުކުރަނީ ތިން ވަނަ ފަހަރު ވެސް ފްރާންސް އޮބަހައްޓާލެވޭނެ ކަމަށެވެ.

- ކޮމެންޓް