އެމްޑީޕީން 2018އަށް ހުށަހަޅާ މެނިފެސްޓޯގައި ހިމަނާނެ ދެ ކަމެއް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހާމަކުރައްވައިފިއެވެ.
އެމްޑީޕީގެ އަހަރީ ދުވަހާ ގުޅިގެން ނެރުނު ބަޔާނުގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ޕާޓީގެ ކޮންގްރެސްގައި ޕާޓީގެ އާ މެނިފެސްޓޯގެ ތަސައްވަރެއް ފެންނާން ރަގަޅު ވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި އާ މެނިފެސްޓޯއެއްގެ ބައެއް ވިސްނުން އެމަނިކުފާގެ ކިބައިގައި އެބަހުރި ކަމަށެވެ.
އެގޮތުން މިދިޔަ އަހަރުތަކުގައި ވިސްނުނު ކަންތައްތަކެއް ހިއްސާކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ދިވެހި ރާއްޖެއަކީ ކުޑަ ޖަޒީރާ ޤައުމެއް ނޫން ކަމަށާއި ރާއްޖެއަކީ މާ ކަނޑުގެ ބިޔަ ޖަޒީރާ ޤައުމެއް ކަމަށެވެ. އަދި ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަހައްދު ބިޔަ ބޮޑެތި ޤައުމުތަކާ އެއްވަރު ކަމަށާއި ރާއްޖޭގެ އިޤްތިޞާދަކީ ކަނޑުގެ މުއްސަދި ކަމުން ހަކަތަ ލިބޭ އިޤްތިޞާދެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެހެންކަމުން މިއީ "ނޫ އިޤްތިޞާދެއް" ކަމަށް ރައީސް ނަޝީދު ސިފަކުރެއްވިއެވެ.
މި "ނޫ އިޤްތިޞާދު" ހިނގަން ޖެހޭނީ ބޭނުން ނުކުރެވޭ ތަކެތި ވީމިންވަރަކުން މަދުކުރެވޭ "ސާރކިއުލާ" އިކޮނަމީއެއްގައި ކަމަށް ވެސް ވިދާޅުވިއެވެ.
އެހެންކަމުން އެމަނިކުފާނު 2018 ވަނަ އަހަރަށް އެމްޑީޕީން ހުށަހަޅާ މެނިފެންސްޓޯގައި ހިމަނާނެ ދެ ކަމެއް ގޮތުން ވިދާޅުވީ "މާކަނޑުގެ ބިޔަ ރާއްޖެ"، އަދި "ބާކީ ނުކުރާ ނޫ އިޤްތިޞާދު"ގެ ވިސްނުމެވެ.
އެމްޑީޕީން 2008 ވަނަ އަހަރު އެކުލަވާލެވުނު މެނިފެސްޓޯގައި ހިމެނިފައިވަނީ ފަސް ވައުދެވެ. އަދި 2013 ވަނަ އަހަރު ވެސް އެކުލަވާލި މެނިފެސްޓޯގައި ހިމަނާފައި ވަނީ ފަސް ވައުދުކަމުން ކުރިއަށް އޮތް 2018 ވަނަ އަހަރު އެކުލަވާލާ މެނިފެސްޓޯގައި ވެސް ހިމެނޭނީ ފަސް ވަރަކަށް ވައުދުކަމުގައި އެމްޑީޕީން ވަނީ ހާމަކޮށްފައެވެ.
އެހެންނަމަވެސް އެ ފަސް ވައުދު ފުއްދުމަށްޓަކައި، ގިނަ ކަންތައްތަކެއް މެނިފެސްޓޯގައި ހިމެނޭނެ ކަމަށާއި އެމްޑީޕީން ސެޕްޓެމްބަރ މަހު ބާއްވާ ކޮންގްރެސްގައި މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އެ ޕާޓީން ބުނެފައި ވެއެވެ.