ރައީސް ޔާމީނުގެ ވެރިކަން ނިމުމަކަށް ގެނެއުމަކީ އަމާޒު ކަމަށާއި ރައީސް ޔާމީނު ވެރިކަމުން ދުރުކުރުމުގެ މަސައްކަތަކީ، ގިނަ ވަގުތު ދޭންޖެހޭ މަސައްކަތަކަށްހެދުމަށް އެމްޑީޕީގެ އެންމެހާ މެންބަރުންގެ ކިބައިން ރައީސް ނަޝީދު އެދިވަޑައިގެންފިއެވެ.
އެމްޑީޕީގެ 12 ވަނަ އަހަރީ ދުވަހާ ގުޅިގެން ރައީސް ނަޝީދު ނެރުއްވި ބަޔާނުގައި ވަނީ އެޕާޓީ މިއަދު މަސައްކަތް ކުރަނީ ގުޅިފައިވާ ޕާޓީތަކާ އެކުގައި ފުޅާ އެޖެންޑާއެއްގައި ކަމަށާއި އެކަމުގެ ބޭނުމަކީ ރާއްޖޭގެ ޑިމޮކްރަޓިކް ނިޒާމް އަލުން އިއާދަކުރުމާއި މުސްތަޤިއްލު މުއައްސަސާތައް މުސްތަޤިއްލު ކުރުން ކަމަށެވެ.
މީގެ އިތުރުން ފަޑިޔާރުންގެ ނިންމުންތަކަށް ސަރުކާރުން ވަނަނުދިނުމާއި ފުލުހުންނާއި ސިފައިންގެ މަސައްކަތުގައި ސިޔާސީ ކުލަ ޖެހުނަ ނުދިނުދިނުމަށާއި ލާމަރުކަޒީ ނިޒާމް އަލުން އަބުރާ ގެނެއެމުގެ އިތުރުން އިންޑިޔާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފަދަ ކަންކަން ރާއްޖޭގައި ނުހިންގުމަށް ކަމަށް ބަޔާނުގައި އެމަނިކުފާނު ގޮވާލައްވާފައި ވެއެވެ.
މީގެ އިތުރުން މީހުން މެރުމާއި، މަރުގެ އިންޒާރު ދީ ވައްކަމާއި ފޭރުމާއި ޓެކުމުގެ ނުރައްކަލުން ރާއްޖޭގެ ރައްޔިތުން ސަލާމަތްކޮށްދިނުމަށް ގުޅިފައިވާ ޕާޓީތަކާ އެކީ މަސައްކަތްކުރާއިރު ބޭނުމަކީ ރައްޔިތުންނަށް ހާސްކަމެއް ނެތް، ތަނަވަސް ދިރިއުޅުމެއް ހޯދޭނޭ މަގުތަކެއް ކޮށައިދިނުން ކަމަށް ވިދާޅުވެފައި ވެއެވެ.
މި މަސައްކަތް ކާމިޔާބު ކުރުމުގައި އެހީތެރިވުމަށް، އެމަނިކުފާނަށް ވެސް މިނިވަން ކަމާ އެކު ރާއްޖޭގައި އުޅުމުގެ ފުރުޞަތު ލިބެންޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައި ވެއެވެ.
"އަދި މަސައްކަތުގައި ބައިވެރިވުމުގެ ފުރުޞަތަށް އަޅުގަޑު އެދެނީ އިންތިހާއަށް" ރައީސް ނަޝީދު ވިދާޅުވިއެވެ.
ގުޅިފައިވާ ޕާޓީތަކާ އެކު ކުރަމުން ގެންދާ އެންމެ މުހިންމު އެއް މަސައްކަތަކީ، ރައީސް ޔާމީނުގެ ސިޔާސީ ބޭނުމަށް ބަންދުގައި ބައިތިއްބާފައި ތިބި މީހުން މިނިވަންކޮށް، އުފުލިފައިވާ ސިޔާސީ ދައުވާތައް އަނބުރާ ގެންދިއުމުގެ މަސައްކަތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ރައީސް ޔާމީނުގެ ސަރުކާރާ އިދިކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ތަނަވަސް ބޮޑު އަޤުލަބިއްޔަތެއް ލިބޭނެ ކަމީ އެމަނިކުފާނުގެ ހިތުގައި މިއަދު ޝައްކު ހިނގާކަމެއް ނޫން ކަމަށާއި ކުރިއަށް މިއޮތް ދުވަސްތަކުގެ ތެރޭގައި މިކަން ސާފު ވެގެންދާނެ ކަމަށް ވެސް މިބަޔާނުގައި ވިދާޅުވެފައި ވެއެވެ.
ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ އަށް 12 އަހަރު ފުރުނުއިރު ޕާޓީގެ އެންމެ މެންބަރުންނަށް ރައީސް ނަޝީދު ވަނީ ދުވަހުގެ ތަހުނިޔާ އާއި މުބާރިކް ބާދީ ރައްދުކުރައްވާފައެވެ.
ދޮޅަސް އަހަރަށް ޕާޓީ ދާއިރު ދިވެހިން އަނެއްކާ ވެސް މިތިބީ މުޅިން އާ ފަތިހަކަށް އަލިވިލޭނެކަމުގެ ފޮނިއުންމީދުގައި ކަމަށާއި ރައީސް ޔާމީނުގެ ވެރިކަން ނިމި، މިނިވަން އިންތިޚާބެއް ބޭއްވި، ޕާޓީގެ މެންބަރުން އެދޭ ކެންޑީޑޭޓަކަށް އެއިންތިޚާބުގައި ވާދަކުރެވި، އިންތިޚާބު ކާމިޔާބު ކުރުމުގެ ފޮނި އުންމީދުގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ދިވެހިންނަށް ހެޔޮވެރިކަމެއް ކޮށްދެވޭނެކަމުގެ ޔަޤީންކަމުގައި ތިބިއިރު ދިވެހިރާއްޖޭގެ ޑިމޮކްރަސީ އަލުން އަންބުރާ ގެނެއުމުގެ ވަރުގަދަ މަސައްކަތުގައި ގުޅިފައިވާ ފަރާތްތަކުން މަސައްކަތް ކުރާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.