Advertisement
ކ. މާލެ
|
1 ޑިސެންބަރ 2022 | ބުރާސްފަތި 08:16
ފަލަސުރުޚީ ޕްރޮގްރާމްގައި ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީން ހަސަން އަދި ޑިރެކްޓަރ އަބްދުﷲ އަޝްރަފް ބައިވެރިވެވަޑައިގަންނަވަނީ
ފަލަސުރުޚީ ޕްރޮގްރާމްގައި ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީން ހަސަން އަދި ޑިރެކްޓަރ އަބްދުﷲ އަޝްރަފް ބައިވެރިވެވަޑައިގަންނަވަނީ
ރާއްޖެއެމްވީ
16 ޑޭސް އޮފް އެކްޓިވިޒަމް
"16 ޑޭސް އޮފް އެކްޓިވިޒަމް" މިފަހަރު އަމާޒުކުރަނީ އާންމު ތަންތާންގައި ކުރާ ފުރައްސާރައަށް
މިއަހަރުގެ ކެމްޕެއިން ފެށުމުގެ ގޮތުން މާލޭގައި ބަސް ރައިޑެއް ބާއްވާފައިވޭ
އެކި ދުވަސްތަކަށް ބަހާލައިގެން ހަރަކާތްތައް ހިންގުމަށް ހަމަޖެހިފައިވޭ

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އާއި ދެކޮޅަށް ހިންގޭ "16 ޑޭސް އޮފް އެކްޓިވިޒަމް"ގެ ހަރަކާތްތައް މިފަހަރު ބޮޑަށް އަމާޒުކޮށްފައިވަނީ އަންހެނުންނަށް ކުރާ ފުރައްސާރައާއި އަނިޔާއާ ދެކޮޅަށްކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފިއެވެ.

ގެވެށި ގުޅުން ކެމްޕެއިން އާއި 16 ޑޭސް އޮފް އެކްޓިވިޒަމްއާ ގުޅޭގޮތުން ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ސްޓޭޓް މިނިސްޓަރު ޒިފްލީން ހަސަން ވިދާޅުވީ މިކެމްޕެއިންގައި މިއަހަރު ބޮޑަށް އަމާޒުކޮށްފައިވަނީ އާންމު ތަންތަނުގައި ކުރާ ފުރައްސާރައާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމަށްކަމަށެވެ. މިއަހަރުގެ ކެމްޕެއިން ފެށުމުގެ ގޮތުން މާލޭގައި ބަސް ރައިޑެއް ބާއްވާފައިވާއިރު އެ ބަސް ރައިޑު އިންތިޒާމުކޮށްފައިވަނީ ރާއްޖޭގައި ހުންނަ ޔޫއެންގެ ހުރިހާ އެޖެންސީތައް ގުޅިގެންކަމަށް ޒިފްލީން ވިދާޅުވިއެވެ. މިބަސް ރައިޑްގައި ބައިވެރިވި އެންމެންވެސް އޮރެންޖް ޓީޝާޓްގައި މި ރައިޑްގައި ބައިވެރިވެފައިވާއިރު ޖެންޑަރ މިނިސްޓަރުގެ އިތުރުން ސްޓާފުންނާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ބައިވެރިވެވަޑައިގެންނެވި ކަމަށް ޒިފްލީން ވިދާޅުވިއެވެ.

Advertisement

ޒިފްލީން ވިދާޅުވީ ހަރަކާތް ފެށުމުގެ ގޮތުން ބަސް ރައިޑަކުން ފެށުމަށް ނިންމީ ބަހަކީ މިހާރު މާލެ ސަރަހައްދުން ގިނަ އަދަދެއްގެ ބަޔަކު ޚިދުމަތް ހޯދަމުން އަންނަ އެއްޗަކަށްވާތީ ކަމަށެވެ. އަދި 16 ދުވަހުގެ ހަރަކާތްތައް އެކި ދުވަސްތަކަށް ބަހާލައިގެން ކުރިޔަށްދާނެ ކަމަށް ޒިފްލީން ވިދާޅުވިއެވެ.

މިހަރަކާތްތަކާއި ގުޅޭގޮތުން ތަފްސީލު ދެއްވަމުން ޖެންޑަރ މިނިސްޓްރީގެ ޑިރެކްޓަރ އަބްދުﷲ އަޝްރަފް ވިދާޅުވީ ބަސް ރައިޑްގެ އިތުރުން ހޮނިހިރު ދުވަހުގެ ހަވީރު 4ން 6ށް މިނިސްޓްރީގެ ސްޓާފުން ވަނީ ކޮންމެ ބަހަކަށް އަރާ އާންމުން ހޭލުންތެރިކުރުވުމަށް މައުލޫމާތު ފޯރުކޮށްދީފައިކަމަށެވެ. މީގެއިތުރުން އަންހެނުންނަށް ކުރާ އަނިޔާ އާ ފުރައްސާރަ އާ ގުޅޭގޮތުން ހޭލުންތެރިކުރުވުމުގެ ސެޝަންތައް ނަގައިދިނުމަށް ސަރުކާރުގެ އެކި އިދާރާތަކުން އެދިފައިވާތީ އެކި އިދާރާތަކުގައި އެކި ދުވަސްތަކަށް ބަހައިލައިގެން މައުލޫމާތު ދިނުމުގެ ސެޝަންތައް ބާއްވަމުންދާނެކަމަށް އަޝްރަފް ވިދާޅުވިއެވެ.

މީގެއިތުރުން ހޯމަ ދުވަހު ކަމާގުޅޭ އެކި އިދާރާތަކާއި އެންޖީއޯތައް ގުޅިގެން އަންހެނުންނަށް ކުރާ އެކިކަހަލަ އަނިޔާތަކާއި ގުޅޭގޮތުން ފޯރަމެއް ބާއްވާފައިވާކަމަށް އަޝްރަފް ވިދާޅުވިއެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި އަންހެނުންނަށް ކުރާ އަނިޔާތަކާއި ފުރައްސާރަ އާ ގުޅޭގޮތުން ހޭލުންތެރިކުރުވުމުގެ ސެޝަންތައް ކުރިޔަށްގެންދާނެކަމަށާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަމާޒުކޮށްގެންވެސް މިފަދަ ސެޝަންތައް ކުރިޔަށްގެންދާނެކަމަށް އަޝްރަފް ވިދާޅުވިއެވެ.

16 ޑޭސް އޮފް އެކްޓިވިޒަމްގެ ގޮތުގައި ކޮންމެ އަހަރެއްގެވެސް ނޮވެމްބަރ 25ން ފެށިގެން ޑިސެމްބަރ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އަންނަނީ ފާހަގަކުރަމުންނެވެ. 16 ޑޭސް އޮފް އެކްޓިވިޒަމް ރާއްޖޭގައިވެސް އަންނަނީ ކޮންމެ އަހަރަކުވެސް ފާހަގަކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް