ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ޕޮލެންޑާ ދެކޮޅަށް އާޖެންޓީނާ ނުކުންނަ މެޗަކީ މޮޅުވުން މަޖުބޫރު މެޗެކެވެ.
މި މެޗުން މޮޅުވެގެން ނޫނީ އާޖެންޓީނާ އަށް އަމިއްލަ ބާރުގައި މުބާރާތުގެ ދެ ވަނަ ބުރަށް ނުދެވޭނެެވެ. ބަލިވެއްޖެނަމަ މުބާރާތުން ކަޓާނެއެވެ. މެޗު އެއްވަރުވެއްޖެނަމަ އާޖެންޓީނާ އަށް ގަދަ 16 ޓީމުގެ ތެރެއަށް ދަތުރުކުރެވޭނީ, މެކްސިކޯ އާއި ސައޫދީ އަރަބިއާ ކުޅޭ މެޗު އެއްވަރުވެގެންނެވެ.
މިހެންވެ މިރޭގެ މެޗަކީ އެތައް ގޮތަކުން ފޯރިގަދަވާނެ މެޗެކެވެ. އެންމެ ފަހުން ކުޅުނު މެޗުގައި ކެޕްޓަން ލިއޮނަލް މެސީ ވަނީ މެކްސިކޯ ކޮޅަށް މޮޅު ގޯލެއް ޖަހައި އަނެއްކާ ވެސް ދުނިޔެ އަށް އޭނާގެ ހުނަރާއި ގާބިލްކަމާއި ފޯކަސްގެ ފުރިހަމަކަން ދައްކައިދީފައެވެ. މި ގޯލަކީ މެސީ އަށް ވަރަށް މުހިންމު ގޯލަކަށްވެސްވިއެވެ. ސަބަބަކީ މި މެޗު ކުޅުނީ އާޖެންޓީނާ އާއި ދުނިޔެދުށް އެންމެ މޮޅު ކުޅުންތެރިޔާ ޑިއެގޯ މަރަޑޯނާ ނިޔާވިތާ ދެ އަހަރު ފުރުނު ދުވަހާ ދިމާކޮށްކަމުގައި ވުމެވެ. އަދި މެސީ ޖެހި ގޯލާއެކު ވޯލްޑްކަޕުގައި މަރަޑޯނާ ޖަހާފައިވާ 8 ގޯލުގެ އަދަދާ ވަނީ ހަމަހަމަވެފައެވެ. މިހެންވެ މިހާރު އޭނާ އަމާޒު ހިފާފައި ވަނީ ތަފާތު އެހެން ދެ ކަމެއް ހާސިލްކުރުމަށެވެ. އެއީ ގަބްރިއަލް ބަޓިސްޓޫޓާ ވޯލްޑްކަޕުގައި ޖަހާފައިވާ 10 ގޯލާ އަރާ ހަމަކުރުމަށާއި، ގައުމީ ޓީމަށް 100 ގޯލު ޖެހުމުގެ އަމާޒަށް ވާސިލްވުމަށެވެ. އަނެއްކޮޅުން މިރޭގެ މެޗަކީ މެސީގެ 999 ވަނަ މެޗެވެ. އޭނާ ވަނީ މިހާތަނަށް 778 ގޯލު ޖަހާފައެވެ.
އާޖެންޓީނާ ޓީމަކީ ހުރިހާ ޑިޕާޓްމަންޓެއް ވަރުގަދަ ޓީމެކެވެ. ކީޕަރު މާޓިނޭޒް އިން ފެށިގެންގޮސް ޑިފެންޑަރު ކްރިސްޓިއަން ރޮމޭރޯ އާއި މިޑްފީލްޑަރު ރޮޑްރިގޯ ޑިޕައުލް ހުސްކޮށް، ފޯވާޑް މެސީއާ ހަމައަށް އާޖެންޓީނާ ޓީމުގައި ހުނަރު މިއިން ޒަމާނަކު ނެތްވަރަށް އެބައޮތެވެ. ޓީމު މައިގަނޑު ގޮތެއްގައި ކުޅެނީ 4-3-3 ފޯމޭޝަނަށެވެ. ނަމަވެސް މުޅި ޓީމުގެ ބިނާކޮށްފައިވަނީ އިދިކޮޅު ޓީމުގެ ޕެނަލްޓީ އޭރިޔާމަތީގައި މެސީ ހުރެގެން އާޖެންޓީނާ ޓީމު ކުޅޭނެ ގޮތްތަކަށެވެ.
މެކްސިކޯ މެޗުގައި މިކަން ފެނިގެންދިޔައީ އެންމެ ފަހަރަކުއެވެ. އޭގެ ފަހުން އެންޒޯ ފެނާންޑޭޒް ކުޅެން ނުކުމެ ދެއްކިމޮޅު ކުޅުމާއެކު ކޯޗު ލަޔޮނަލް ސްކޮލޯނީ ވަނީ މި މެޗުގައި އޭނާ ލައްވައި ފުރަތަމަ 11 ގައި ކުޅުވުމާމެދު ވިސްނަމުންނެވެ. ޕޮލެންޑާ ދެކޮޅަށް އެންޒޯ ސްޓާޓްކޮށްފިނަމަ މި މެޗު ވެގެންދާނީ އޭނާ ގައުމީ ޓީމުގެ ފުރަތަމަ 11 ގައި ހިމެނިގެން ކުޅެދޭ ފުރަތަމަ މެޗަށެވެ. މީގެ އިތުރުން އެންހެލް ޑިމާރިއާ އާއި ލައުޓާރޯ މާޓިނޭޒްގެ އަސްލު ފޯމު ދައްކަންވަނީ ޖެހިފައި މި ދެ ކުޅުންތެރިން ކޮޕާ އެމެރިކާގައި ދެއްކި ކުޅުން މި ވޯލްޑްކަޕުގައި މިހާތަނަށް ދެއްކިފައިނުވުމަކީ ކޯޗާއި ކުޅުންތެރިންނަށް ވެސް އޮތް ކަންބޮޑުވުމެކެވެ.
ކޯޗު ސްކަލޯނީ ބުނީ މިއީ ފަހަތުގައި ތިބެގެން ސަލާމަތްވެވެން އޮތް މެޗެއް ނޫން ކަމަށާއި، މިހެންވެ އާޖެންޓީނާއިން މިރޭ އެއްގޮތަކަށް ވެސް އަމިއްލަ ހާފުގައި ބޯޅަ ކުޅެން ނުވިސްނާނެ ކަމަށެވެ. މެޗުގެ ފުރަތަމަ މިނެޓުން ފެށިގެން ވިސްނާނީ އެޓޭކިން ގޭމަކަށް ކަމަށެވެ. ސްކަލޯނީ ބުނީ އިދިކޮޅު ޓީމުތަކުން ވެސް ފުޓްބޯޅަ ކުޅެން އިސްކަންދޭން ޖެހޭ ކަމަށާއި މެޗެއްގައި އެއް ޓީމު ފުޓްބޯޅަ ކުޅެގެން މެޗުގެ ފުރިހަމަކަމާއި ފުޓްބޯޅައިގެ އޮމާންކަން ފެނިގެންނުދާނެ ކަމަށެވެ.