ވޯލްޑްކަޕްގެ ފޯރީގައި ބައިވެރިނުވާ ހަމަ އެންމެ ޤައުމެއްވެސް އޮވެދާނެއެކޭ ހިތެއް ނުބުނެއެވެ. އެންމެ ތަނަވަސް ޤައުމުތަކުން ފެށިގެން އެންމެ ފަޤީރު ޤައުމުތަކާ ހިސާބަށް ބެލި ކަމުގައި ވީ ނަމަވެސް، އެ ބަޔަކަށް ވީ އެންމެ ގަދައަކަށް ފުޓުބޯޅައިގެ ފޯރި ނަގާ މަންޒަރު ފެނެއެވެ. މިދިޔަ ދެތިން އަހަރެއްހާ ދުވަހު، އިޤްތިޞާދީ އަދި މާލީ އަނދަވަޅަކަށް ވެއްޓިފައި އޮތް ލުބްނާންގައިވެސް އެކަން އޮތީ އެހެންނެވެ. މީގެ ކުރިން އޮތް މިންވަރަށް ނޫން ކަމުގައި ވީ ނަމަވެސް، ފުޓުބޯޅައިގެ މި ޢީދުގައި، ލުބްނާނުންވެސް ދަނީ ބައިވެރިވަމުންނެވެ. އެ ބަޔަކަށް ވީ އެންމެ ފުރިހަމައަކަށެވެ.
ކެފޭ ނުވަތަ ރެސްޓޯރަންޓަކަށް ގޮސް، އެންމެން އެކުގައި މެޗު ބެލުމަކީ ލުބްނާނުގެ އާދަކާދަ ހަމަޖެހިފައި އޮތް ގޮތް ކަމުގައި ވީ ނަމަވެސް، ލުބްނާންގައި ކެފޭއާއި ރެސްޓޯރަންޓް ހިންގާ ފަރާތްތަކުން ބުނީ، އެ ޤައުމަށް ކުރިމަތިލާން ޖެހިފައި ވާ އިޤްތިޞާދީ ކާރިޘާގެ ސަބަބުން، މި ފަހަރުގެ ހާލަތު، އެހެން ފަހަރުތަކާ ތަފާތު ކަމަށެވެ.
ފުޓުބޯޅަ ފޭނުންނަށް ހާއްސަކޮށްގެން ޚިދުމަތް ދިނުމުގެ ފުރުޞަތުން މަހްރޫމުވެފައިވާ ކެފޭ އޯނަރުންގެ ތެރޭގައި ހިމެނޭ އެކަކީ މުޙައްމަދު ދާޣިރުއެވެ. އޭނާގެ ކެފޭއަށް، ފުޓުބޯޅައިގެ ފޭނުނަށް މަރުޙަބާ ކިއޭ ގޮތް ނުވީ، މެޗުތަކުގެ ބްރޯޑްކާސްޓް ކުރުމުގެ ކޮޕީރައިޓް ފީ، އަތް ނުފޯރާ ފަށަށް އެރުމުން ކަމަށް ދާޣިރު ބުނެއެވެ.
ފެށުމަކަށް ބަލާއިރު، ވަރަށް ދަށްކޮށް ދަނީ. 2010 ހެނެއް ނޫން. އޭރު ދަޢުލަތުގެ ޓީވީއިން ހިލޭ، މެޗުތައް ބްރޯޑްކާސްޓްކުރޭ. އަހަރަމެން އެންމެން އޭރު މެޗުތައް ބަދަލަން. މިހާރު ކަންކަން ބަދަލުވެއްޖެ.މުޙައްމަދު ދާޣިރު؛ ކެފޭ އޯނަރެއް
އެހެން ކެފޭ އޯނަރެއް ކަމަށް ވާ ޢަލީ ދޫޣާންއަށް މަޖުބޫރުވީ، ކަސްޓަމަރުންގެ އަތުން ކޮންމެވެސް ވަރެއްގެ ފީއެއް ނެގުމަށެވެ. އޭނާގެ ކެފޭގައި މެޗުތައް ދެއްކުމުގެ ޚަރަދުތައް ދެކޮޅު ޖެއްސެނީ، ކަސްޓަމަރުންގެ އަތުން އެންޓްރަންސް ފީއެއް ނަގައިގެންނެވެ. ދޫޣާން ބުނާ ގޮތުގައި އެ ފައިސާއަކީ، ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށް ޚަރަދު ކުރުމަށް އެމީހުންގެ އަތުގައި ހުރި ފައިސާކޮޅެވެ.
ކުރިން ހެނެއް ނޫން ކަންކަން މިއޮތީ. ލުބްނާންގެ ވޯލްޑްކަޕް މަޝްހަރަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރު ކޮށްފަ މިއޮތީ. މެޗެއް ބަލާލަން 5 ޑޮލަރު ނޫނީ 7 ޑޮލަރު ހޭދަ ކުރުމުގެ ބަދަލުގަ، އެ ފައިސާއަކީ ގޭގެ ބޭނުންތަކަށް ޚަރަދު ކުރެވޭނެ ފައިސާއޭ މީހުންގެ ހިތަށް އަރާނެ. ކެފޭ ހިންގާ މީހުންވެސް މާ ދީލައްޗެއް ނޫން. ކޮންމެ ގޮނޑިއަކަށް އެބަ ނަގާ ވިއްޔާ 2 ލައްކަ ލުބްނާން ޕައުންޑް. އެއީ ފުދޭ ވަރެއްގެ އަގެއް.ޢަލީ ދޫޣާން؛ ކެފޭ އޯނަރެއް
2019 ވަނަ އަހަރު، ލުބްނާންގެ މާލީ ނިޒާމް އިނދަޖެހުމާއެކު އެތައް ބައެއްގެ ދިރިއުޅުމުގެ ހާލަތު، އިންތިހާއަށް ނިކަމެތިވެގެން ދިޔައެވެ. ބޭންކުތައް މުޅިން ހުއްޓުނެވެ. 1975 ން 1990ށް ކުރި ދާޚިލީ ހަނގުރާމައަށްފަހު ޤައުމު ނުދެކޭ ދަރަޖައަށް، އެތައް ބަޔަކު ޤައުމު ދޫކޮށް ދިޔައެވެ.
މިހާރު އަހަރަމެން އެބަޖެހޭ ކޮންމެ ގޮނޑިއަކަށް، އޯޑަރު ކުރާ ކާބޯތަކެތީގެ އިތުރުން، 200000 ލުބްނާން ޕައުންޑް ޗާޖު ކުރަން. އެއީ ގާތްގަނޑަކަށް 5 ޑޮލަރު. އެކަން ކުރަން ޖެހެނީ ވޯލްޑްކަޕް މެޗުތަކުގެ އިޝްތިރާކަށް، 3000 އެއްހާ ޑޮލަރު، އަހަރަމެން ދައްކަން ޖެހޭތީ. އަގުތައް ބަރޯސާ ވަނީ ކެފޭތަކުގެ ޖާގައަށް.މުޙައްމަދު ދާޣިރު؛ ކެފޭ އޯނަރެއް
ވޯލްޑްކަޕްގެ މި ޢީދުގެ ފޯރި ކުޑަވެފައިވާ ކަމުގެ އިޙްސާސް އެންމެ ބޮޑަށް ކުރާ އެކަކީ، ޢުމުރުން 71 އަހަރުގެ މުޞްޠަފާ ނާޖީއެވެ. އެއީ ވޯލްޑްކަޕްގެ ދުވަސްވަރު އެންމެ ވައިގައި ހިފާ، ޤައުމުތަކުގެ ދިދަ ވިއްކުމުގެ މަސައްކަތުގައި 40 އަހަރު ހޭދަކޮށްފައި ވާ މީހެކެވެ.
މިފަހަރުގެ ވޯލްޑްކަޕް ވަރަށް ތަފާތު. އެއީ މީހުންގެ އަތުގަ މާ ގިނަ ފައިސާ ނެތީމައާއި ހުރިހާ އެއްޗެއްގެ އަގު ބޮޑުވީމަ. ކާނެ އެއްޗެއް ގަނަންނަވެސް މީހުންގެ އަތަކު ފައިސާއެއް ނެތް. ދެން ކީއްކުރަން އެމީހުން ދިދަ ގަންނަންވީ؟ ޓީވީތަކުންވެސް މެޗުތަކެއް ނުދައްކާ. ދާން މި ޖެހެނީ ކެފޭތަކަށް. އެތަންތަނުން އެބަ ނަގާ އެންޓްރަންސް ފީ. ފިލްމަކަށް ދާ ހެން. މިކަމަކާ ހެދި، ވޯލްޑްކަޕްގެ ފޯރި އޮތީ ގެއްލިފަ.މުޞްޠަފާ ނާޖީ؛ ދިދަ ވިއްކާ މީހެއް
ފުޓުބޯޅައަށް ލޯބިކުރާ މީހުންގެ ފަރާތުން އިވެނީ އަދި މުޅިން ތަފާތު އަޑެކެވެ.
ޤައުމުގެ ހާލަތު ކޮންމެ ގޮތަކަށް އޮތަސް، ޑޮލަރުގެ މަސްރަޙު އެހެން އޮތަސް މީހުންގެ ހިތުގައި އަދިވެސް އެބަ އޮތް ބޭރަށް ގޮސްގެން މެޗު ބެލުމުގެ ފޯރި. އެއީވެސް ނަޞީބެއް.އެލީ ނަމޫރު؛ ފުޓުބޯޅަ ސަޕޯޓަރެއް
ފުޓުބޯޅައަށް ހިފާ ދެއްވެއްގެ ސަބަބުން، ޖާނާއި މާލުން ޤުރުބާން ވުމަކީވެސް ބަޔަކު ކޮށްފާނެ ކަމެއް ކަން، ލުބްނާނަށް ބަލާލުމުން އެނގެއެވެ.
އިޤްތިޞާދީ ކާރިޘާ ކިތަންމެ ގޯހަސް، އަސްލު މަށަކަށް ނުފެނޭ މާ ބޮޑު ކަމެއް ބަދަލުވި ތަނެއް. ވޯލްޑްކަޕްގެ ފޯރި ހަމަ ނަގާ އެބަ. އެކަމުން އުފާވެރިކަމެއް ގެނެސްދޭ ވިއްޔާ. ފެނާއި ކަރަންޓުގެ މައްސަލަތަކާއި އިޤްތިޞާދީ މައްސަލަތަކުގަ މާޔޫސްވެފަ ތިއްބާ، އެ ހިތާމައިން އަރައިގަންނަން ލިބޭ ފުރުޞަތަކަށް އެބަ މިކަން ވޭވިއްޔާ.ސަނާ ޚާތިމީ؛ ފުޓުބޯޅަ ސަޕޯޓަރެއް
ލުބްނާންގެ މާލީ ކާރިޘާއަށް 3 އަހަރު ވެގެން ދިޔައިރު، އެ ޤައުމުގެ ފައިސާގެ އަގު، 90 ޕަސެންޓަށް ވުރެ ބޮޑަށް ވެއްޓި، އިންތިހާ ފަޤީރުކަން ފެތުރި، މާލީ ނިޒާމުގެ ވާގި ނެތިއްޖެއެވެ. މިއަދު އެ ޤައުމުން ތަޖުރިބާ ކުރަމުން ދާ ތަކުލީފުތަކަކީ، ދާޚިލީ ހަނގުރާމައިގެ ދުވަސްވަރަށް ފަހު އެ ޤައުމަށް ކުރިމަތިލާން ޖެހުނު އެންމެ ގެއްލުން ދެނިވި ތަކުލީފުތަކެވެ. ލުބްނާންގައި މިވަގުތު ތިބި ކޮންމެ 10 މީހަކުން 8 މީހަކީ ފަޤީރަކަށް ވަނީ ވެފައެވެ.