ކ. މާލެ
|
29 ނޮވެންބަރ 2022 | އަންގާރަ 16:39
ޖެންޑަރ މިނިސްޓަރ އާއިޝަތު މުހައްމަދު ދީދީ
ޖެންޑަރ މިނިސްޓަރ އާއިޝަތު މުހައްމަދު ދީދީ
ރައީސް އޮފީސް
ގެވެށި އަނިޔާގެ މައްސަލަ
ގެވެށި އަނިޔާއަށް ހޭލުންތެރިކަން އިތުރުވެ، ހުށަހެޅޭ މައްސަލަތައް ގިނަވެއްޖެ: ޖެންޑަރ މިނިސްޓަރ
ހުށަހެޅޭ މައްސަލަތައް އަހަރަކަށްވުރެ އަހަރެއް ގިނަ
މިދިޔަ އަހަރު ގެވެށި އަނިޔާގެ 494 މައްސަަލަ ހުށަހެޅި

ގެވެށި ގުޅުން ކެމްޕޭމްގެ ދަށުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކުގެ ސަބަބުން ގެވެށި އަނިޔާއަށް މުޖުތަމައު ހޭލުންތެރިވެފައިވާ މިންވަރު އިތުރުވެފައިވާކަމަށް ޖެންޑަރ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ ގެވެށި ގުޅުން ކުޑަކުދިންގެ ވާހަކަފޮތް ސީރީޒްއާއި ސާސްތުރަ މަޖައްލާގެ އޯޑިއޯ ވަރޝަންއާއި ވީޑިއޯ ލަވަ ލޯންޗުކުރުމަށް އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ގެވެށި އަނިޔާތަކަށް މުޖުތަމައުން ހޭލުންތެރިކުރުމަށް ކޮށްފައިވާ މަސައްކަތްތަކުގެ ސަބަބުން މިކަމަށް މުޅި މުޖުތަމައުން ހޭލުންތެރިވެފައިވާ މިންވަރު އިތުރުވެފައިވާކަމަށެވެ. ނަތީޖާއެއްގެ ގޮތުން މިފަދަ ކަންކަމާމެދު ކަންބޮޑުވާ މީހުންގެ އަދަދު އިތުރުވެފައިވާކަމަށާއި، އަދި އަނިޔާ ތަހައްމަލުކުރާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ މީހުންގެ އަދަދުވެސް މަތިވެފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އަނިޔާ ތަހައްމަލުކުރުމުގައި ދެމިނުތިބެ، އެހީ ހޯދުމަށް ހިތްވަރު ލިބެމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެ މިނިސްޓްރީއަށް ހުށަހެޅެމުންދާ ގެވެށި އަނިޔާގެ މައްސަލަތައް އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުންދާ ކަމަށެވެ. މިއީވެސް މި ނަތީޖާގެ އަސަރުކަމަށް ގަބޫލުފުޅުކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި ޚިދުމަތަށް ރައްޔިތުންގެ އިތުބާރު ލިބިގެންގޮސްފައިވާކަންވެސް ހާމަވާ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މި ޚިދުމަތް ދިނުމުގައި އަދިވެސް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. 

އެންމެ ބޮޑު ގޮންޖެހުމަކީ އެކަށީގެންވާ ވަރަށް ތަމްރީނު ލިބިފަ ތިބި ކައުންސިލަރުން ރާއްޖޭގެ އެކި ހިސާބުތަކުގަ ނެތުން. ބައެއް ކަހަލަ ކަންކަމުގަ ކައުންސިލަރުންނަކީ ކޮންމެ ދުވަހަކު ކައިރީގަ ތިބޭ ބަޔަކަށް ވާންޖެހޭ. ތަމްރީނުވެފަ ތިބި މީހުން ވަރަށް މަދު.
ޖެންޑަރ މިނިސްޓަރ އާއިޝަތު މުހައްމަދު ދީދީ

މިނިސްޓަރު އިތުރަށް ވިދާޅުވީ ފާއިތުވި އަހަރަކީ ރެކޯޑު އަދަދަކަށް ގެވެށި އަނިޔާގެ މައްސަލަތައް ހުށަހެޅުނު އަހަރެއް ކަމަށެވެ. މިދިޔަ އަހަރު ގެވެށި އަނިޔާގެ 494 މައްސަލަ ހުށަހަޅާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިއީ ވޭތުވެދިޔަ 5 އަހަރުވެސް އެންމެ ގިނަ އަދަދަކަށް ގެވެށި އަނިޔާގެ މައްސަލަތައް ރިޕޯޓު ކުރެވުނު އަހަރުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

- ކޮމެންޓް