ކ. މާލެ
|
27 ނޮވެންބަރ 2022 | އާދީއްތަ 21:11
ވޮލްޑް ކަޕްގައި ވާދަކުރާ ގައުމުތަކުގެ ދިދަތައް
ވޮލްޑް ކަޕްގައި ވާދަކުރާ ގައުމުތަކުގެ ދިދަތައް
ރޮއިޓާސް
ފީފާ ވޯލްޑް ކަޕް
"މޮޅުވާ ޓީމު، މަގޭ ޓީމު" މިކަހަލަ ސަޕޯޓަރުން ކޮބާ؟
ދިވެހީންގެ ތެރޭގައި ވޯލްޑް ކަޕް ފޯރި ވަރަށް ގަދަ
ޓީމުތަކަށް ސަޕޯޓު ކުރުމަށް ތަފާތު ކަންކަން ކުރޭ

ފީފާ ވޯލްޑް ކަޕަކީ މުޅި ދުނިޔެ އެމުބާރާތަކަށް އިންތިޒާރުކުރާ މުބާރާތެކެވެ. ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އީދެވެ. މުބާރާތުގެ ފޯރި އޮންނަނީ މުބާރާތުގައި ވާދަކުރާ 32 ގައުމުގައި އެކަންޏެއް ނޫނެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް މި މުބާރާތުގެ ފޯރި ނަގައެވެ. ޚާއްސަކޮށް މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ސަޕޯޓަރުންނެވެ.

އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައިވެސް މި ފޯރި ގަދައެވެ. ތިމާ ސަޕޯޓުކުރާ ގައުމުގެ ޖާޒީ ގަތުމާއި، ގޭގެ އެތަން މިތާގައި ޓީމުގެ ދިދަ ފަތި ދެމުމަކީވެސް ދިވެހީން ވަރަށް ފޯރީގައި ކުރާ ކަމެކެވެ. ސަޕޯޓުކުރާ ޓީމުގެ މެޗު އޮންނަ ދުވަހު ރައްޓެހިންނާއި އަވަށްޓެރިންނަށް ޕިއްޒާ އާއި ސަބްމެރިން ފަދަ ކެއުންތައް ދިނުމަކީވެސް ދިވެހީންގެ އާދައެކެވެ. ނުވިތާކަށް މެޗުބަލާ ޖަގަހަތަކުގައި ޒުވާބު ކުރުމަކީވެސް މަދުން ނަމަވެސް ރާއްޖޭގައި ހިނގާ ކަންކަމެވެ. މިފަދަ ކަންކަމާއި ހުރެ ރަހުމަތްތެރިންނާއި މައްސަލަޖެހޭތަންވެސް އާދެއެވެ. ޓީމުތަކުގެ ބަހުސް އެންމެ ވަރުގަދައަށް ކުރެވެނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައެވެ.

ޓީމުތަކަށް މަރުދޭ ގިނަ ސަޕޯޓަރުން މުޅި ޓައިމްލައިން ފުރާލަނީ އެޓީމެއްގެ ޕޯސްޓުތަކުންނެވެ. މޮޅުވާނެ ކަމަށް ބުނެއެވެ. ބަލިވިޔަސް ސަޕޯޓުކުރާނެ ކަމަށް ބުނެއެވެ. ޓީމުގެ ތަރިންނަށް އަނިޔާވުމުން އެކަމާއި ހިތާމަކޮށް ކުރާ ޕޯސްޓުތަކެވެ. ނުވިތާކަށް ޓީމު މޮޅުވެއްޖެ ނަމަ ވަކި ކަމެއް ކުރުމަށް ނަދުރު ބުނެވެސް ބައެއް މީހުން ޕޯސްޓުތައް ކުރެއެވެ.

ވޯލްޑް ކަޕްގެ ފޯރި އެންމެ ގަދައީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި - ރާއްޖެއެމްވީ

ކޮންމެއަކަސް މިއީ ވަކި ޓީމަކަށް މަރުދީގެން ސަޕޯޓުކުރާ ސަޕޯޓަރުންނެވެ. ނަމަވެސް މިއާއި މުޅިން ޚިލާފު ސަޕޯޓަރުންތަކެއްވެސް އުޅެއެވެ. ރާއްޖޭގައިވެސް މިފަދަ ސަޕޯޓަރުންގެ އަދަދު އަންނަނީ ގިނަ ވަމުންނެވެ. މިޒާތުގެ މީހުން ސަޕޯޓުކުރަނީ މޮޅުވާ ޓީމަކަށެވެ. ރަށްޓެހިންނާއި އާއިލާ މީހުން އެމީހަކަށް މަލާމާތްކުރާނެތީއެވެ. ދަންނަ އެންމެންގެ މަލާމާތާއި ހުރެ ގަންނާކުރެއްވި ލަދުން މަގުމައްޗަށް ނުކުންނަން ނުކެރޭތީއެވެ. މިފަދަ މީހުންގެ ޓީމަކީ އެމެޗަކުން މޮޅުވާ ޓީމެވެ.

އާޖެންޓީނާ އާއި ސައޫދީ އަރަބިއްޔާ ބައްދަލުކުރި މެޗުގައި މިފަދަ ސަޕޯޓަރުން ގިނަވިއެވެ. މެޗު ފެށުނުއިރު އާޖެންޓީނާ ކޮޅަށް ވާހަކަދެއްކި ނަމަވެސް 90 މިނެޓު ހަމަވިއިރު އެމީހުންގެ ރާގު ބަދަލުވިއެވެ. އޭގެ ތެރެއިން ގިނަ ބަޔަކު ބުނަމުން ދިޔައީ މުސްލިމް ގައުމަކަށް ވީތީ ސައޫދީއަށް ސަޕޯޓުކުރަނީ ކަމަށެވެ. ސްޕެއިން އާއި ކޮސްޓަރިކާ ބައްދަލުކުރި މެޗުގައިވެސް ކަން ހިނގީ ހަމަ މިޒާތަށެވެ. ބޮޑު ތަފާތަކުން ސްޕެއިން މޮޅުވުމާއެކު އެގައުމުގެ ސަޕޯޓަރުން ގިނަވީއެވެ.

މިއީ ކޮންމެ މުބާރާތަކާއި ދިމާކޮށްވެސް ބައެއް މީހުން ކަން ކުރަމުން އަންނަ ގޮތެވެ. ނަމަވެސް އާންމު ގޮތެއްގައި މިފަދަ މީހުންނަށް ގިނަ ފަހަރަށް އަމާޒުވަނީ މީހުންގެ މަލާމާތެވެ. އާޚިރުގައި ހުރިހާ ޓީމެއްގެ ސަޕޯޓަރުންވެސް އެމީހަކު ބާކީ ކޮށްލަނީއެވެ.

- ކޮމެންޓް