ގާނާއާ ދެކޮޅަށް ޕޯޗުގަލް ނުކުންނައިރު އެއްބަޔަކު ދެކެނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ދިމާވެފައިވާ މައްސަލަތަކުގެ ސަބަބުން ޕޯޗުގަލްގެ ވަރަ ބިނދިފައިވާ ކަމަށެވެ. މިޒާތުގެ ވާހަކަ ދައްކަނީ ރޮނާލްޑޯ ހެޔޮހާލުގައި ހުރެއްޖެނަމަ ޕޯޗުގަލް އިހުނަށްވުރެ އެތައް ގޮތަކުން ވަރުގަދަވާނެތީއެވެ.
މެންޗެސްޓަރ ޔުނައިޓެޑާއި ރޮނާލްޑޯ މިހާރު ވަނީ ދާއިމީ ވަރިއަކުން ވަރިވެފައެވެ. ކުރިން ލޯބިވިޔަސް ފަހުވަގުތު ރޮނާލްޑޯގެ ބަސްމަގު ހުރިގޮތުން ޔުނައިޓެޑުގެ މެނޭޖްމަންޓް އޮތީ އޭނާދެކެ އިންތިހާއަށް ރުޅިއައިސްފައެވެ. މިއާއެކު މީޑިޔާގެ ތުރާތައް ބޮޑުވެ، ރޮނާލްޑޯއަށް ވަނީ ޕޯޗުގަލްގެ ކެޕްޓަންގެ ޒިންމާ ނަގަންވެސް ދަތިވެފައެވެ. މި މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސް އޭނާ ކެންސަލްކުރީ ނޫސްވެރިންނާ ކުރިމަތިލައިފިނަމަ އަތަށް ގޮވާފާނޭތީއެވެ. މިއާއެކު ރޮނާލްޑޯއާ ދެކޮޅަށް ފާޅުގައި ނުކުމެފައިވަނީ 1992 ވަނަ އަހަރުން ފެށިގެން ޕޯޗުގަލްގެ ގައުމީޓީމުގެ ޚަބަރުތައް ގަވާއިދުން ލިޔަމުންއައި ތަޖުރިބާކާރު ނޫސްވެރިޔާ އެންޓޯނިއޯ ޓަޑެއިއާއެވެ.
ފާއިތުވެދިޔަ 12 ވަރަކަށް އަހަރު ދުނިޔެ ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ، ރޮނާލްޑޯގެ އިތުރު ވޯލްޑްކަޕަކުން ފެނުން ގާތެއް ނޫނެވެ. އޭނާގެ އުމުރުން މިހާރު 37 އަހަރުވެއްޖެއެވެ. ދުނިޔޭގެ އެންމެ ޝަރަފުވެރި ތަށި ހޯދުމަށް ކުރާ މަސައްކަތުގައި ރޮނާލްޑޯއަށް މިހާރު ކުރިމަތިވަމުންދަނީ މީޑިއާގެ ތުރާތަކާއި ޖެއްސުންކުރުމާއި ފުރައްސާރައެވެ.
ނޫސްވެރިޔާ ޓަޑެއިއާ ބުނާގޮތުގައި ޕޯޗުގަލް ޓީމު ކިތަންމެ ވަރުގަދަޔަސް ޓީމުގެ ބަލިފަޔަކަށްވާނީ ރޮނާލްޑޯއެވެ. ސަބަބަކީ މިފަހަރުގެ ވޯލްޑްކަޕަކީ ރޮނާލްޑޯގެ ފޯމާއި ފެންވަރާމެދު ޝައްކު އުފައްދަމުން ޕޯޗުގަލް ފަށާ މުބާރާތަކަށްވުމެވެ. މިހެންވެ ޓަޑެއިއާއާއި އެހެން ނޫސްވެރިން ޕްރޮމޯޓްކުރަމުންދަނީ "ލެސް ރޮނާލްޑޯ، މޯރ ޕޯޗުގަލް" ޝިއާރެވެ. މާނައަކީ ރޮނާލްޑޯއަށްވުރެ ގައުމު (ޕޯޗުގަލް) އިސްކުރާށެވެ.
ރޮނާލްޑޯއަކީ ބަލިފައި ކަމަށް ޓަޑެއިއާ ފާހަގަކުރާ ފުރަތަމަ ކަމަކީ، އެންމެ ފަހުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުން ޕޯޗުގަލް ކެޓުމުން ރޮނާލްޑޯ ކެޕްޓަން ބޭންޑް އެއްލައިލުމުންނެވެ. މިއަށްފަހު އެހެން ހުރިހާ ކުޅުންތެރިންނަށްވުރެ އަވަހަށް ރޮނާލްޑޯ ޗުއްޓީއަށް ދިއުމެވެ. ތިންވަނަ ކަމަކީ ޓީމުގެ ހުރިހާ ކުޅުންތެރިންނަށް މަނާކޮށްފައިވާ ކަންކަން ރޮނާލްޑޯ ބޭނުންވުމުން ހުއްދަވުމެވެ. މިގޮތުން ނޫސްވެރިޔާ ފާހަގަކުރީ ރޮނާލްޑޯގެ ބެސްޓް ފްރެންޑް ރިކާޑޯ ރެގުފޭ ޕޯޗުގަލް ކުޅުނު ބައެއް މެޗުތަކުގައި ޗޭންޖިންގ ރޫމަށް ވަދެފައިވުމެވެ. ރެގުފޭއަކީ ރޮނާލްޑޯގެ މުހިންމު ނިންމުތަކުގައި އޭނާއަށް ލަފާދޭ ޚާއްސަ މުޝީރެވެ. ހަތަރުވަނަ ސަބަބަކީ ރޮނާލްޑޯ ބޭނުންވާ މެޗެއް ކުޅެފައި ހިތަށްއެރި މެޗެއް ނުކުޅެ ދޫކޮށްލާ މައްސަލައެވެ.
އެކި މެޗުތަކުގައި ހިތަށްއެރި މަގާމުތަކަށް ކުޅޭ މައްސަލައެވެ. ވޯލްޑްކަޕަށް ތައްޔާރުވާން ރޮނާލްޑޯ އެންމެ ފަހުން ކުޅުނު ނުވަ މެޗުގެ ތެރެއިން އަށް މެޗުގައި ގޯލެއްވެސް ޖެހިފައިނުވާކަން ނޫސްވެރިޔާ ޓަޑެއިއާ ފާހަގަކުރެއެވެ. އޭނާ ބުނަނީ ރޮނާލްޑޯގެ ފުށުން ފެންނަ މިފަދަ ކަމެއް ޓީމުގައި ސީނިއަރ އެހެން ކުޅުންތެރިންގެ ފުށުން ފެނިއްޖެނަމަ އެކުޅުންތެރިއަކަށް ދެން ގައުމީ ޓީމުން ފުރުސަތު ނުލިބޭނެ ކަމަށެވެ. އެކަމަކު ރޮނާލްޑޯއަކީ އެއްވެސް މީހަކަށް ބާރުނުފޯރުވޭ ކުޅުންތެރިއަކަށްވާތީވެ އޭނާ ކޮންމެ ގޮތަކަށް އަމަލުކުރިއަސް ގައުމީ ޓީމުގައި ދީފައިވަނީ ދާއިމީ މަގާމެއްކަން ވެސް ނޫސްވެރިޔާ ފާހަގަކުރެއެވެ.
ޓަޑެއިއާ ބުނާގޮތުން މި ގޮތަށް މިކަން ހިނގަނީ ކޯޗު ފެނާންޑޯ ސަންޓޯސް، ރޮނާލްޑޯގެ ދަށުވެފައި ހުރުމުންނެވެ. އަނެއް ކަމަކީ ޕޯޗުގަލްގެ ކުޅުންތެރިންގެ ކުރިމަތީގައި ރޮނާލްޑޯއަކީ އަދިވެސް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވުމާއި ދުނިޔޭގެ ފުޓްބޯޅައިގައި އޭނާއަށް އޮތް މަގުބޫލުކަން ބޮޑުވުމެވެ. އެކަމަކު ހާލަތު ބަދަލުވެ، އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައިވެސް ރޮނާލްޑޯއަށް މިހާރު އޭނާގެ ގަދަރާއި އިހްތިރާމް ދެމެހެއްޓެން އޮތީ އެންމެ ގޮތަކަށެވެ. އެއީ ވޯލްޑްކަޕް ކާމިޔާބުކޮށް ތައްޓާއެކު އެނބުރި ގައުމަށް ގޮސްގެންނެވެ. މިނޫން ގޮތަކަށް މުބާރާތް ނިމިއްޖެނަމަ ރޮނާލްޑޯއަށް އިތުރު ތުރާތަކާ ކުރިމަތިވާނެއެވެ.