ސްވިޒަލޭންޑް ކޯޗު މުރަޓް ޔަކީން ގަބޫލުކުރާ ގޮތުގައި އޭނާ އަށް ލިބިފައިވާ ސްވިސް ޓީމަކީ މިހާތަނަށް ފެނިފައިނުވާވަރުގެ މޮޅު ޓީމެކެވެ.
އެމީހުން ވަނީ އެންމެ ފަހުން ކުޅުނު ތިން މުބާރާތުގެ ވެސް ގަދަ 16 އަށް ދަތުރުކޮށްފައެވެ. ނަމަވެސް 1954 ގެ ފަހުން ކުއާޓާ ފައިނަލަށް ދެވިފައިނުވާތީވެ މިހާރު ސްވިސް ޓީމުން ބޭނުންވަނީ އެކަމަށް ނިމުން ގެނައުމަށެވެ. މި އަޒުމުގައި މިރޭގެ މެޗަށް ނުކުންނައިރު ޔާން ސޯމާ އާއި ރިކާޑޯ ރޮޑްރިގޭޒް ފިޓްވެފައިވުމުން ސްވިސް ޓީމު އޮތީ ސައްތައިން ސައްތަ ހެޔޮހާލުގައެވެ.
ސްވިޒަލޭންޑަކީ އެންމެ ފަހުގެ ޔޫރޯއިން ފްރާންސް ކަޓުވާލި ޓީމެވެ. ނަމަވެސް ގިނަ ބައެއްގެ ނަޒަރުގައި ވޯލްޑްކަޕުގައި ސްވިސް ޓީމުގައި އެ ހިތްވަރާއި ފަންވަރު ހުންނާންތޯ މިއީ ސުވާލުއުފެދޭ ކަމެކެވެ. މީގެ އެއް ސަބަބަކީ ފާއިތުވެދިޔަ ގިނަ މުބާރާތްތަކެއްގައި ޓީމުގެ އެޓޭކްގައި މުހިންމު ދައުރެއް އަދާކުރި ބައެއް ކުޅުންތެރިންގެ މިހާރު ކުރިއަށްވުރެ ފެންވަރު ދެރަ ލީގުތަކުގައި ކުޅުމެވެ. މި ގޮތުން ކުރިން ޕްރެމިއާ ލީގުގެ ލިވަޕޫލުން ފެނުނު ޒެންޑެން ޝަގީރީ މިހާރު ކުޅެނީ އެމެރިކާ ލީގުގައެވެ. މިހެންވެ އާސެނަލްގެ ތަޖުރިބާކާރު މިޑްފީލްޑަރު ގްރަނިތް ޝަކާ އަދާކުރަންޖެހޭ ރޯލަށް އިތުރު ބުރަކަމަށް އަންނާނެއެވެ. މި ސީޒަނުގައި އޭނާ ދަނީ އާސެނަލްގައި ވަރަށް މޮޅު ކުޅުމެއް ދައްކަމުންނެވެ.
އެކަމަކު ސްވިޒަލޭންޑްގެ ސަޕޯޓަރުންނަށް ފެންނަނީ މުޅިން އެހެން މަންޒަރެކެވެ. ގްރަނިތް ޝަކާ ނެތި ސްވިޒަލޭންޑުން ކޮލިފައިންގެ ފަހު ހަތަރު މެޗު ކުޅެން ޖެހުނެވެ. މި މެޗުތަކުގައި ގިނަ ބަޔަކަށް ފެނުނީ ޝަކާ ނެތި ޓީމު މާމޮޅަށް ކުޅޭތަނެވެ. ހާއްސަކޮށް ޑެނިސް ޒަކާރިއާ އާއި ރެމޯ ފެރެއޫލާ އަދި ޖިބްރީލް ސޯ ޑިފެންސްގެ ކުރިމަތިން މުޅި ގޭމް ކޮންޓްރޯލްކުރި ތަނެވެ. ޓީމުގެ ފޯވަޑަށް ކުޅެން އެންމެ އެކަށީގެންވަނީ އެމްބޯލޯ ކަމަށް ވެސް ގިނަ ތަޖުރިބާކާރުން ސިފަކުރުއެވެ. އެކަމަކު އެއީ އަނިޔާނުވެ ސަލާމަތުން ހުރެފިނަމައެވެ. މީގެ އިތުރުން ރެޑްބުލް ސަލްސްބާގްގެ ފޯވަޑް ނޯއާ އެކާފޫ އަކީ ޓީމުގައި މިވަގުތު ހުރި އެންމެ މޮޅު ކުޅުންތެރިޔާއެވެ. އޭނާ މޮޅަށް ނުކުޅޭނަމަ ޓީމުގެ ދުވެލި މަޑުޖެހޭ ކަމަށް ތަޖުރިބާކާރުން އަންނަނީ ފާހަގަކުރަމުންނެވެ.
މި މެޗަށް ނުކުންނައިރު ސްވިސް ޓީމަށް އޮތް އަނެއް ހިތްހަމަޖެހުމަކީ 1966 ގެ ފަހުން ވޯލްޑްކަޕުގެ ފުރަތަމަ މެޗުގައި އެމީހުން ބަލިވެފައިނުވާތީއެވެ.