ކ. މާލެ
|
24 ނޮވެންބަރ 2022 | ބުރާސްފަތި 12:02
ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ބަޔަކު ކަޅި އަޅަމުން ދިޔަ ކޮންޓްރެކްޓް، އޭނާގެ ޓީމުން ކާމިޔާބު ކުރީ، ދުނިޔޭގެ އެކި ހިސާބުތަކުން، ގިނަ ޢަދަދެއްގެ ސަޕްލަޔަރުންނާ ވާދަ ކޮށްގެން
ޤަތަރު ފީފީ ވޯލްޑްކަޕް 2022
'ލަޢީބް' އާއެކު ޗައިނާގެ ޓީމަކަށް ވޯލްޑްކަޕްގެ ތާރީޚުން ހާއްސަ ޖާގައެއް
ލަޢީބް'ގެ ޙަޤީޤީ ފަރުމާގެ އުފެއްދުންތައް ތައްޔާރު ކުރުމަށްވެސް ޗައިނާގެ ޓީމުން ވަނީ ބުނަ މަސައްކަތްތަކެއް ކޮށްފައި
ފީފާއިން ދިން އަސްލު ފަރުމާގެ މައްޗަށް ބިނާކޮށް، ތަފާތު 8 އުފެއްދުމެއް ޗައިނާއިން އުފެއްދި

ނޮވެމްބަރު 20 ވަނަ ދުވަހުގެ ރޭ ޤަޠަރުގައި ތަޢާރަފުކުރި ފީފާ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ މިފަހަރުގެ މެސްކޮޓް ނުވަތަ 'ލަޢީބް'އަކީ، ވޯލްޑްކަޕްގެ މި ފަހުގެ ތާރީޚުގައި ދައްކާލި މެސްކޮޓްތަކުގެ ތެރެއިން އެންމެ ގިނަ ބައެއްގެ ސަމާލުކަން ދަމާގަތް މެސްކޮޓް ކަމާ މެދު ދެބަސްވެވޭކަށް ނެތެވެ.

ޢަރަބިންގެ ބަހުރުވައަށް ރިޢާޔަތް ކުރާނަމަ، އާދަޔާ ޚިލާފު މޮޅު ކުޅުންތެރިޔާގެ ނަމުން ނަން ދީފައި ވާ 'ލަޢީބް'އަކީ، "މޭޑް އިން ޗައިނާ"ގެ ފަންނުވެރި ވިދުން، އަނެއްކާވެސް ބައިނަލްއަޤުވާމީ މައިދާނަށް ގެނުވި ޝަޚްސަކަށްވެސް ވަނީ ވެފައެވެ. ވޯލްޑްކަޕްގެ ރަސްމީ މެސްކޮޓްއާއި މުބާރާތުގެ ރަމްޒީ ހަދިޔާތަކުގެ ފަރުމާގެ އަސްލަކީ މެދުއިރުމަތިން އުފަންވި ތަޞައްވުރަކަށް ވީ ނަމަވެސް، އެ ތަޞައްވުރުގައި ޙަޤީޤީ ކުލަ ޖެހިގެން އަންނަނީ ޗައިނާގެ ދެކުނުގެ ސަރަޙައްދެއް ކަމަށް ވާ ގުއާންގްޑޮންގް ޕްރޮވިންސްގެ ސިނާޢީ އަވަށެއް ކަމަށް ވާ ޑޮންގްގުއާންގައެވެ.

ވިޔާފާރިވެރިޔާ ޗެން ލެއިގާންގް ބުނި ގޮތުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ބަޔަކު ކަޅި އަޅަމުން ދިޔަ ކޮންޓްރެކްޓް، އޭނާގެ ޓީމުން ކާމިޔާބު ކުރީ، ދުނިޔޭގެ އެކި ހިސާބުތަކުން، ގިނަ ޢަދަދެއްގެ ސަޕްލަޔަރުންނާ ވާދަ ކޮށްގެންނެވެ.

ޑޮންގްގުއާން އަކީ ސިނާޢީ ހަބެއް. އުފެއްދުންތެރިކަމުގެ ސިނާޢަތުގައި ކުރާ އާދަޔާ ޚިލާފު މަސައްކަތްތަކަށް ފާހަގަ ކުރެވޭ ސިޓީއެއް. ހުނަރުވެރި މަސައްކަތްތެރީން މިތަނުގަ ވަރަށް ގިނަ. އަހަރަމެން މި ދަނީ އެންމެ ޒަމާނީ ވަޞީލަތްތައް ބޭނުން ކުރަމުން. އޮޓޯ އެމްބްރޮއިޑަރީ މެޝިންތައްވެސް އެބަ ބޭނުން ކުރަން. އެއާއެކު، އުފެއްދުންތެރިކަން ވަނީ މެކުހަށް ޖަހާފަ.
ޗެން ލެއިގާންގް؛ ގުއާންގްޑޮންގް ޗެޗެ ކަލްޗަރަލް ޑިވަލޮޕްމަންޓް ކޮމްޕެނީގެ ބާނީ އަދި ސީއީއޯ

ޗައިނާއަކީ ސިނާޢީ އުފެއްދުންތެރިކަމުގެ ރޮނގުން އޭގެ އެންމެ އުހުގައި އުދުހެމުންދާ ޤައުމަކަށް ވީ ނަމަވެސް، 'ލަޢީބް'ގެ ހާއްސަ ފަރުމާގެ ސަބަބުން، ގިނަ މަސައްކަތްތަކެއް ކުރަން ޖެހެނީ އަތުންނެވެ.

'ލަޢީބް'ގެ ޙަޤީޤީ ފަރުމާގެ އުފެއްދުންތައް ތައްޔާރު ކުރުމަށްވެސް ޗައިނާގެ ޓީމުން ވަނީ ބުނަ މަސައްކަތްތަކެއް ކޮށްފައެވެ.

ފީފާއިން ދިން އަސްލު ފަރުމާގެ މައްޗަށް ބިނާކޮށް، ތަފާތު 8 އުފެއްދުމެއް ޗައިނާއިން އުފެއްދިއެވެ. ޕްރޮޖެކްޓް މެނޭޖަރ ޝޯ ސެންޔާ ބުނި ގޮތުގައި، ކަމާ ބެހޭ ފަރާތްތަކުގެ ހިތްހަމަޖެހުމާއި ރުހުން ލިބޭ ވަރުގެ އުފެއްދުމެއް އުފައްދާލެވުނީ، އެތައް ރެއެއްގެ ނިދިވެސް ނަގާލައިގެންނެވެ.

މީ އަހަރަމެންނަށް ލިބުނު ޑިޒައިންއަކީ... ހީވަނީ މަޑިއެއްހެން. އަހަރަމެންނަށް ހީ ކުރެވުނީ އޭގެ ހަތަރެސްފައިވެސް ހުންނާނެ ކަމަށް، އޭގެ ޒާތުގަ އަމިއްލައަށް ކޮޅަށް ތެދުވެ ހުރެވޭ ކަހަލަ ޕްލަޝްޓޯއީއެއް ގޮތަށް. ދެން އަދި އަހަރަމެންނަށް މި އެނގެނީ އެމީހުން ބޭނުން ވަނީ މިނިވަންކަމާއެކީ އުދުހިލެވޭ ފަރުމާއެއްކަން އެމީހުން ބޭނުންވަނީ. އެކަން ވީ ހިސާބެއްގެ ގޮންޖެހުމަކަށް. މުބާރާތް ހުޅުވި ރަސްމިއްޔާތުގަ، އަހަރެމެންގެ އުފެއްދުންތައް ބޮލުގައި އަޅައިގެން ތިބި ބައިވަރު މީހުން ފެނުނީމަ ވަރަށް އުފާވެފަ އަހަރަމެން މި ތިބެނީ.
ޝޫ ސެންޔާ؛ ގުއާންގްޑޮންގް ޗެޗެ ކަލްޗަރަލް ޑިވަލޮޕްމަންޓް ކޮމްޕެނީގެ ޕްރޮޑަކްޓް މެނޭޖަރ

މި ދުވަސްވަރަކީ ކުންފުނިތަކުން ހިންގުން ކުރިއަށް ގެންދިއުމަށްޓަކާ، އެފަދަ އޯޑަރުތަކަށް އިންތިހާ ބޭނުން ޖެހިފައިވާ ދުވަސްވަރެކެވެ.

މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރު، އެންމެ ގިނަ ޢަދަދަކަށް ކުޅޭ ސާމާނު އެކްސްޕޯޓް ކުރާ ޤައުމަކީ ޗައިނާއެވެ. އޭގެ 70 ޕަސެންޓް އުފައްދަނީ ގުއާންގްޑޮންގްގައެވެ. ނަމަވެސް، މި ދުވަސްވަރަކީ، އެ ސަރަޙައްދުގެ ފެކްޓްރީތަކަށް، ތަކުލީފު ބޮޑު ދުވަސްވަރެކެވެ.

ވިލާތާއި އެމެރިކާގެ ކަސްޓަމަރުންގެ ފަރާތުން އޮތް ޑިމާންޑް ދަށް ވެފައި ވާ އިރު، ކުޅޭ ސާމާނު އުފައްދަން ބޭނުން ކުރާ ރޯ  މެޓީރިއަލްގެ އިތުރުން މަސައްކަތްތެރިންގެ އަގާއި، ބައިނަލްއަޤުވާމީ ފްރެއިޓްގެ އަގުތައްވެސް، މިދިޔަ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ވަނީ އިންތިހާއަށް އުފުލިފައެވެ.

ކޮވިޑްގެ ބަލިމަޑުކަމަށް ފަހު އެންމެންވެސް މި ދަނީ ކުރިއަރާނެ ގޮތެއް ހޯދަން މަސައްކަތް ކުރަމުން. ނޭދެވޭ ބައިވަރު ނުފޫޒުތައް އެބަހުރި. އަހަރަމެންގެ ބިދޭސީ ކްލަޔަންޓުންނަށް މިތަނަށް ނާދެވުން ކަހަލަ ކަންކަން. ފީފާ ވޯލްޑްކަޕަކީ އަހަރަމެންނަށް ލިބުނު ރަނުގެ ފުރުޞަތެއް. ހުރިހާ ވިޔަފާރިއަކުންވެސް ޢުއްމީދު ކުރާނެ އޭގެ އޯޑަރެއް ލިބެން. އެ އޯޑަރާއެކީ ފިސާރި ރަނގަޅު ފުރުޞަތުތައް ތަނަވަސްވޭވިއްޔާ.
ޗެން ލެއިގާންގް؛ ގުއާންގްޑޮންގް ޗެޗެ ކަލްޗަރަލް ޑިވަލޮޕްމަންޓް ކޮމްޕެނީގެ ބާނީ އަދި ސީއީއޯ

ދޭސީ ސަޕްލަޔަރުންނާއެކު މަސައްކަތް ކުރަމުންދާ ޗެން ހުރީ ދޫދޭ ގޮތަކަށް ނޫނެވެ. ކުރިއަށް އޮތް އޭފްސީ އޭޝިއަން ކަޕް އަދި އޭޝިއަން ގޭމްސްގެ އުފެއްދުންތަކަށް އޭނާ ދަނީ ފާރަވެރިވަމުންނެވެ.

'ލަޢީބް"އަށް މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިފައި ވާ އިރު، ޔަޤީންވާ އެއްކަމަކީ، ވޯލްޑްކަޕްގެ ތާރީޚުން، ޑޮންގްގުއާންގެ ޓީމަށް ޖާގައެއް ކަށަވަރުވެފައި ވާ ކަމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް