ފީފާ ވޯލްޑް ކަޕަކީ މުޅި ދުނިޔެ އެ މުބާރާތަކަށް އިންތިޒާރުކުރާ މުބާރާތެކެވެ. މި މުބާރާތުގައި ފެންނަ ތަފާތު އެކި ކަންކަމަކީ ވަރަށް ބޮޑަށް ވައިގައި ހިފާ ކަންކަމެވެ. ދަނޑުމަތީގައި ކުޅުންތެރިން ކުރާ ކަންކަމާއި ކޯޗުންގެ ހަރަކާތްތަކެވެ. ސަޕޯޓަރުންގެ އެކި މަންޒަރުތަކެވެ.
މިފަހަރުގެ މުބާރާތުގައި ގިނަ ބަޔަކު ހައިރާންކޮށްލި އެއް މެޗަކީ ޖަޕާނާއި ޖަރުމަނު ބައްދަލުކުރި މެޗެވެ. މި މެޗުގައި ޖަޕާނުން ވަނީ ފުރިހަމަ ޖާދޫއެއް ދައްކާ, މުބާރާތުގެ ތަށި ހަތަރު ފަހަރު ކާމިޔާބުކޮށްފައިވާ ޖަރުމަނު ބަލިކޮށްފައެވެ. ފުރަތަމަ ހާފުގައި ޖަރުމަނަށް ލިބުނު ޕެނަލްޓީއަކުން އެމީހުން ލަނޑު ޖެހި ނަމަވެސް ޖަޕާނުން ވަނީ ދެވަނަ ހާފުގައި ދެލަނޑު ޖަހާ މެޗުގެ ނަތީޖާ ބަދަލުކޮށްލާފައެވެ.
މި ނަތީޖާއާ އެކު ގިނަ ބައެއްގެ ތައުރީފާއި ލޯބި ޖަޕާނަށް ލިބުނެވެ. ކުޅުންތެރިން ދެއްކި ހިތްވަރަށެވެ. ކުޅުނު މޮޅު ކުޅުމަށެވެ. މުބާރާތުގެ ތަށި ދެވަނައަށް އެންމެ ގިނަ ފަހަރު ކާމިޔާބު ކޮށްފައިވާ ޓީމު ބަލިކުރުމުންނެވެ.
މެޗުގެ ނަތީޖާގެ އިތުރުން ވެސް ޖަޕާނުން ވަނީ ގިނަ ބަޔަކުގެ ލޯތައް އަމާޒުވި ކަމެއް ކޮށްފައެވެ. ޖަޕާނުގެ ސަޕޯޓަރުން ވަނީ މެޗު ނިމުމަށްފަހު ސްޓޭޑިއަމްގައި ހުރި ކުނިތައް ނެގުމުގައި ސްޓޭޑިއަމް ސާފުކުރަން އުޅުނު މީހުންނަށް އެހީތެރިވެދީފައެވެ. މިއާ އެކު އަނެއްކާ ވެސް ގިނަ ބައެއްގެ ތައުރީފު ޖަޕާނަށް އޮހެން ފެށިއެވެ.
ނަމަވެސް މިއީ މި މެޗުގައި އެކަނި ޖަޕާނުން ކުރި ކަމެއް ނޫނެވެ. އެމީހުން މޮޅުވުމުން ހިތުގައި އުފެދުނު ޖަޒުބާތެއްގެ ސަބަބުން ކުރި ކަމެއް ވެސް ނޫނެވެ. މުބާރާތް ފެށުމުގެ ރަސްމިއްޔާތަށް ފަހުވެސް ޖަޕާނު ސަޕޯޓަރުން ވަނީ މި ރީތު ނަމޫނާ ދައްކާފައެވެ. އެމީހުން ބުނަމުން ދިޔައީ ކުނިތައް ބެހެއްޓުމަށްފަހު ތަން ދޫކޮށް ދިއުމަކީ އެމީހުންގެ ސަގާފަތުގައި އޮންނަ ކަމެއް ނޫން ކަމަށެވެ. މިކަމުގެ ސަބަބުން ފީފާ އަދި ގިނަ ބައެއްގެ އިހްތިރާމާއި ލޯބި ޖަޕާނަށް ލިބިއްޖެއެވެ. އެމީހުންގެ ވާހަކަ މީޑިއާތަކުގެ ފަލަ ސުރުހީގައި ފަވާލައިފިއެވެ.