ކ. މާލެ
|
20 ނޮވެންބަރ 2022 | އާދީއްތަ 17:38
ރާއްޖޭގެ ބޯޑަރު ހުޅުވިފަހުން ފުރަތަމަ ފަހަރަށް އައި ކްރޫޒް ލައިނަރ
ރާއްޖޭގެ ބޯޑަރު ހުޅުވިފަހުން ފުރަތަމަ ފަހަރަށް އައި ކްރޫޒް ލައިނަރ
ޓްވިޓަރ
ކްރޫޒް ލައިނަރތައް ރާއްޖެއައުން
ރާއްޖޭގެ ބޯޑަރު ހުޅުވިފަހުން ފުރަތަމަ ފަހަރަށް ކްރޫޒް ލައިނަރއެއް ރާއްޖެ އަތުވެއްޖެ
ކުރިއަށް ހުރި ދުވަސްތަކުގައި އިތުރު ކްރޫޒް ލައިނަރތައް އަންނާނެ

ކޮވިޑުގެ ހާލަތުގައި ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށްފަހު، ބޯޑަރު ހުޅުވާލިފަހުން ފުރަތަމަ ފަހަރަށް ކްރޫޒް ލައިނަރއެއް ރާއްޖެ އަތުވެއްޖެއެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް (މާޔާ) އިން ބުނީ މި ކްރޫޒް ލައިނަރ އައީ ޅޮހިފުއްޓަށް ކަމަށެވެ. ޖަރުމަންވިލާތުގެ މޯލްޓަރ އަށް ނިސްބަތްވާ މިކުރޫޒް ލައިނަރ ރާއްޖެއަށް ދަތުރުކޮށްފައިވަނީ ސީޝެލްސްގެ ވިކޮޓޯރިއާ ޕޯޓުންނެވެ. މާޔާ އިން ބުނީ ކުރޫޒް ލައިނަރތަކުގެ ދަތުރުތައް މެދުކަނޑާލުމަށްފަހު އެއެސޯސިއޭޝަނުން ދަތުރުތައް ފަށާފައި ވަނީ ފަތުރުވެރިކަމުގެ ޕީކް ސީޒަނާއި ގުޅިގެން ކަމަށެވެ. އަދި މި އަހަރުގެ ކުރިއަށް ހުރި ދުވަސްތަކުގައި ކުރޫޒްލައިނަރތަކުގެ ގިނަ ދަތުރުތައް ރޭވިފައިވާ ކަމަށް ވެސް ބުންޏެވެ.

ކޮވިޑަށްފަހު ފުރަތަމަ ކްރޫޒް ލައިނަރ ރާއްޖެ އައިސްފައިވާއިރު މި ސިނާއަތް ވެސް ކުރިއަރައިގެންދާނެ ކަމަށް މިވަނީ ބެލެވިފައެވެ. މީގެއިތުރުން ކޮވިޑަށްފަހު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ވެސް މި އަންނަނީ ކުރިއަރަމުންނެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1.4 މިލިއަނަށް ވަނީ އަރާފައެވެ. ޓޫރިޒަމް މިނިސްޓްރީން ނެރުނު ތަފާސްހިސާބުތައް ދައްކާގޮތުގައި މިއީ 2021 ވަނަ އަހަރު ރާއްޖެ އައި ފަތުރުވެރިންނާ އަޅައިބަލާއިރު އެއްލައްކަ ފަތުރުވެރިންގެ އިތުރުވުމެކެވެ.

މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ މިދިޔަ އޮކްޓޯބަރު މަހުއެވެ. އެ މަހު 153،737 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއެވެ.ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ އިންޑިއާއިންނެވެ. އެއީ 199،213 ފަތުރުވެރިންނެވެ. ދެވަނައިގައި އޮތް ރަޝިއާއިން 174،601 ފަތުރުވެރިން ޒިޔާރަތްކުރިއިރު ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން ޒިޔާރަތްކުރީ 155،018 ފަތުރުވެރިންނެވެ.

މި ތިން ގައުމުގެ އިތުރުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ މާކެޓުތަކުގެ ތެރޭގައި، ޖަރުމަނާއި އިޓަލީއާއި އެމެރިކާއާއި ފްރާންސާއި ސްޕެއިންއާއި ސްވިޒަލެންޑާއި ސައުތު ކޮރެއާ ހިމެނެއެވެ.

ރާއްޖެއަށް މިހާތަނަށް 1.4 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު ޓޫރިޒަމް މިނިސްޓްރީން ލަފާކުރާގޮތުގައި، މިއަހަރު ނިމޭއިރު 1.6 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް