ގިނަ އަދަދެއްގެ ފަސިންޖަރުންނާއެކު އެކި ގައުމުތަކަށް ދަތުރުކުރާ ކްރޫސް ލައިނަރއެއް ނުވަތަ ފަސިންޖަރ ލައިނަރއެއްގެ ދަތުރުތައް އައްޑޫ ސިޓީއަށް ބާއްވަން މަޝްވަރާކުރަމުންދާކަމަށް އެމްޕީއެލްގެ ޗެއަރމަން ކެޕްޓަން މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ މިހާރުވެސް އެކި ގައުމުތަކަށް ދަތުރުކުރާ ގިނަ އަދަދެއްގެ ކްރޫސް ލައިނަރތައް އައްޑޫ ކައިރިން ލާފައި ދަތުރުކުރަމުންދާކަމަށެވެ. އައްޑޫއަށް މިފަދަ ބޯޓުތަކުގެ ދަތުރުތައް ބޭއްވުމަކީ ފައިދާ ހުރި ކަމެއް ކަމުގައި ދެކިވަޑައިގަންނަވާ ކަމަށާއި، އެހެންކަމުން ރާއްޖޭގައި ހުންނަ ކްރޫސަރ ކުންފުންޏެއްގެ އެޖެންޓަކާއެކު މަޝްވަރާތަކެއް ކުރެވެމުންދާކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އެ ބޯޓުތަކަކީ އޮސްޓްރޭލިއާއާއި ނިއުޒިލޭންޑް ހިސާބުން ފުރައިގެން އަންނަ ބޯޓުތަކެއް ކަމަށާއި، އެމީހުން ދަތުރުކުރަނީ އައްޑޫއާ ވަރަށް ކައިރިން ކަމަށެވެ. އެމީހުންގެ ދަތުރުތައް ޔޫރަޕް ސަރަހައްދަށް ކުރާއިރު އައްޑޫއަށް މަޑުކޮށްފައި ދެވޭނެ ގޮތެއް ހެދޭތޯ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ޝަރީފް ވިދާޅުވިއެވެ. މިކަމާ ގުޅޭގޮތުން އައްޑޫ ސިޓީ ކައުންސިލާއެކުވެސް މިހާތަނަށް މަޝްވަރާތަކެއް ކޮށްފައިވާނެ ކަމަށާއި، އަދި މިކަމުގައި އެމްޕީއެލްގެ ފަރާތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއްކޮށް ނިންމާފައިވާނެކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ މި މަސައްކަތަކީ އައްޑޫއަށް އެތައް ފައިދާއެއް ކުރާނެ ކަމެއް ކަމަށެވެ. މިކަމުގެ ސަބަބުން އިގްތިސާދުވެސް އިތުރަށް ރަނގަޅުވާން މަގުފަހިވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ މި މަސައްކަތުގެ މަޝްވަރާތައް އަދިވެސް ކުރިއަށްދާ ކަމަށާއި، އެހެންނަމަވެސް މަސައްކަތް ފަށާނެ ސީދާ ތާރީޚެއް އަދި ލިބިފައިނުވާ ކަމަށެވެ. ވަރަށް އަވަހަށް ފަށާނެ ކަމަށް އެކުންފުނިން ބުނެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ހަމަ އެ ކުންފުނީގެ ދަތުރުތައް އުތުރަށް ފަށަންވެސް މަޝްވަރާކުރަމުންދާކަމަށް ޝަރީފް ވިދާޅުވިއެވެ.
މީގެ ކުރިންވެސް ކްރޫސް ލައިނަރތަކުގެ ދަތުރުތައް ރާއްޖެއަށް ކޮށްފައިވެއެވެ. 2019 އާ ހަމައަށް ގިނަ އަދަދެއްގެ ކްރޫސް ލައިނަރތަކެއް ރާއްޖެ އައިސްފައިވާއިރު، އެއިން ކޮންމެ ކްރޫސް ލައިނަރއެއްގައި 3،000 އެއްހާ ފަސިންޖަރުން އުފުލާފައިވެއެވެ.