ކ. މާލެ
|
16 ނޮވެންބަރ 2022 | ބުދަ 07:15
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
އިދިކޮޅުން ފައިސާ ގެންގުޅުމުގައި ފަރިތަވެފައި ހުރީ އަތުގައި ޖެހި، ދަތުގައި ޖެހޭ ގޮތަށް: ޝާހިދު
ހިލޭ އެހީގެ ފައިސާ އަކީ ފިނޭންސް މިނިސްޓަރު ނުވަތަ ފޮރިން މިނިސްޓަރުގެ އޮފީހުގައި ޖާޑުޖާޑީގައި ހުންނަ ދިޔާ ހަކުރު ކަހަލަ އެއްޗެއް ނޫން

އިދިކޮޅު ފަރާތްތަކުން ފައިސާ ގެންގުޅުމުގައި ފަރިތަވެފައި ހުރީ އަތުގައި ޖެހި، ދަތުގައި ޖެހޭ ގޮތަށް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ޝާހިދު ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި 3.4 ބިލިއަން ޑޮލަރުގެ ހިލޭ އެހީ ރާއްޖެއަށް ލިބުނު ކަމަށެވެ.

ރާއްޖެއަށް އެހީ ލިބުނުނަމަވެސް އެކަން ނުފެންނަނީ ކީއްވެގެންތޯ ބައެއް އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކާ ކަމަށާއި އެއީ ފިތުނަ އުފެއްދުމުގެ ބޭނުމުގައި ދައްކާ ވާހަކަތަކެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

އެހެންވީމަ އެބޭފުޅުންނަށް ދެއްކެވޭނީ އެގޮތަށް ވާހަކަ، އެބޭފުޅުން ފަރިތަވެފައި ހުރީ ސޫޓް ކޭހުގައި ގެންނެވުމަށް، އެވީ ތަނެއް ވެސް ނޭނގެ، މިއީ ސާފުކޮށް ފެނި އެނގިފައި ހުރި ވާހަކަ، ރައްޔިތުންނަށް އޮޅުވާލުމުގެ ބޭނުމެއް ނެތް، ކުރަނީ ބޭކާރު މަސައްކަތެއް
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

ޝާހިދު ވިދާޅުވީ ރާއްޖެއަށް ލިބެމުންދާ އެހީތަކަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ހަރުދަނާވެ، ތަންފީޒުވުމުން ލިބެމުންދާ އެހީތަކެއް ކަމަށެވެ.

އިންޑިއާ އާއި ޗައިނާ އަދި އެނޫން ވެސް ޤައުމުތަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭކަން މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މި ހިލޭ އެހީގެ ފައިސާ އަކީ ފިނޭންސް މިނިސްޓަރު ނުވަތަ ފޮރިން މިނިސްޓަރުގެ އޮފީހުގައި ޖާޑުޖާޑީގައި ހުންނަ ދިޔާ ހަކުރު ކަހަލަ އެއްޗެއް ނޫން ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.  

ފައިސާ ދޫކުރަމުންދާ މިންވަރަކުން ލިޔެކިޔުންތަކުން ފެންނަން ހުންނާނެކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ މިއީ ސާދާކޮށް ހިނގާ ނިޒާމެއް ކަމަށާއި މަސައްކަތްތައް ހިނގަމުންދާ މިންވަރަކަށް އެތަން ފެންނާނެ ކަމަށެވެ.

ރައީސް ސާލިހުގެ ވެރިކަމަށް 4 އަހަރުވިއިރު ދުނިޔޭގެ 193 ޤައުމުގެ ތެރެއިން 94 އިންސައްތަ ޤައުމުތަކާއެކު ޚާރިޖީ ގުޅުން ޤާއިމުކުރެވިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ ބައިނަލްއަޤްވާމީ ދާއިރާގައި ގެންގުޅޭ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން، ރާއްޖެއަށް ގިނަގުނަ ފައިދާތަކެއް ލިބުނު ކަމަށާއި ގިނަ ޤައުމުތަކުގައި ރާއްޖޭގެ އެމްބަސީތައް ޤާއިމުކޮށް ނުވަތަ ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

177 ޤައުމަކާއެކު އެމްއޯޔޫގައި ސޮއިކޮށްފައިވާއިރު 44 ޤައުމެއްގައި ރާއްޖޭގެ ސަފީރުން އެބަތިބި ކަމަށާއި މިއީ ދުވަހަކުވެސް ސަފީރުން އެއްވެސް އިރަކު ތިބި އަދަދު ނޫން ކަމަށް ވިދާޅުވިއެވެ. އަދި ދިވެހި ރައްޔިތުންނަށް ކަމެއް ދިމާވެއްޖެ ހާލަތެއްގައި އެ ސަފީރުން އެހީތެރިވާން ތިއްބަވާނެކަން ވެސް ފާހަގަކުރެއްވިއެވެ.

ޝާހިދު ވަނީ މި ސަރުކާރަކީ ދެ ފުށް ފެންނަ ގޮތަށް ހިނގާ ސަރުކާރެއް ކަމަށް ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް