ކ. މާލެ
|
24 ސެޕްޓެންބަރ 2023 | އާދީއްތަ 01:26
ގުޅިފައިވާ ޕާޓީތަކުން ސޯސަން ޖަގަހައިގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ޝާހިދު ވާހަކަފުޅުދައްކަވަނީ
ގުޅިފައިވާ ޕާޓީތަކުން ސޯސަން ޖަގަހައިގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ޝާހިދު ވާހަކަފުޅުދައްކަވަނީ
އެމްޑީޕީ
ރާއްޖޭގެ ސިޔާދަތު
ސިޔާދަތާއި ގުޅޭގޮތުން އިދިކޮޅުން ދައްކާ ވާހަކަ ޝާހިދު ސިފަކުރެއްވީ "ފިތުނަ ދޮލަނގެއް" ގެ ގޮތުގައި
ހެލިކޮޕްޓަރު ގެނެސް އޭގެ ޚިދުމަތް ދޭން އިންޑިއާ ސިފައިން ތިބޭތީ އެކަމަށް ކިޔާ ފާޑުކިޔުންތަކަށް ޝާހިދު ރައްދު ދެއްވި
ދިވެހި ރާއްޖޭގެ ބިން ވިއްކާލަން ނިންމި ބަޔަކީ މިއަދު އިދިކޮޅުގައި ތިއްބެވި ބޭފުޅުން ކަމަށް ޝާހިދު ވިދާޅުވި
މި ސަރުކާރުން އުތުރު ތިލަފަޅު އެއްބަސްވުން ދިރާސާކޮށް އެތަނަކީ ދިވެހިންގެ ފުރިހަމަ ބާރު ހިނގާ ތަނެއްގެ ގޮތުގައި ހަމަޖެއްސި ކަމަށް ޝާހިދު ވިދާޅުވި

ރާއްޖޭގެ ސިޔާދަތާއި ގުޅޭގޮތުން އިދިކޮޅުން ދައްކާ ވާހަކަތަކީ "ފިތުނަ ދޮލަނގެއް" ގެ ގޮތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސިފަކުރައްވައިފިއެވެ.

ސޯސަން ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވަނީ އިންޑިއާ އިން ރާއްޖޭގެ ސިޔާދަތަށް އަރައިގަންނަ ކަމަށް ޕީޕީއެމުން ބުނާ ވާހަކަތަކުގެ ހަޤީޤަތް ހާމަކޮށްދެއްވާފައެވެ. އެގޮތުން އިންޑިއާގެ އެހީގައި ރާއްޖެ އަށް ހެލިކޮޕްޓަރު ގެނެސް އޭގެ ޚިދުމަތް ދޭން އިންޑިއާ ސިފައިން ތިބޭތީ އެކަމަށް ކިޔާ ފާޑުކިޔުންތަކަށް ޝާހިދު ރައްދު ދެއްވިއެވެ.

އިންޑިއާ އިން ރާއްޖެ އަށް ގެނައި ހެލިކޮޕްޓަރުތަކުގެ ތެރެއިން ފުރަތަމަ ހެލިކޮޕްޓަރު ރާއްޖެ ގެނައީ ރައީސް ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކަމަށާއި ދެވަނަ ހެލިކޮޕްޓަރު ރާއްޖެ އަށް ގެނެސްފައި ވަނީ 2016 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމުގައި ކަމަށް ޝާހިދު ވިދާޅުވިއެވެ. އެ ދެ ހެލިކޮޕްޓަރުގެ ޚިދުމަތް މި ވެރިކަން އައުމުގެ ކުރިން ދެމުން އައި ކަމަށާއި އެ ކަމާ މި ސަރުކާރާއި ގުޅުމެއް ނެތް ކަމަށް ޝާހިދު ވިދާޅުވިއެވެ.

އައްޑޫ ޕޮލިސް އެކެޑަމީ އަކީ އިންޑިއާގެ އަސްކަރީ ބޭސްއެއް ކަމަށް އިދިކޮޅުން ތުހުމަތު ކުރި ނަމަވެސް، އިންޑިއާގެ އެހީގައި އެތަން ހަދަން ފެށީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި އެ މަސައްކަތުގެ ތެރެއިން ރާއްޖެ ހިފަން އުޅޭ ކަމަށް އިދިކޮޅުން އޭރު ކިޔަމުން ދިޔަ ކަމަށާއި އެއީ ދިވެހިންގެ ހިތުގައި ބިރުވެރިކަން އުފައްދަން ދެއްކި ވާހަކަތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މިއަދު އެތަނުގެ ފައިދާ ދިވެހިންނަށް ލިބެމުންދާ ކަމަށާއި އައްޑޫ ޕޮލިސް އެކެޑަމީއާ ގުޅޭ ގޮތުން އިދިކޮޅުން ފެތުރި ‘ބުހުތާނު’ ދޮގު މިއަދު ހާމަވެގެން ގޮސްފައިވާ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

އުތުރު ތިލަފަޅުގައި އިންޑިއާގެ މަރުކަޒެއް ހުރި ކަމަށް ބުނެ ދައްކަނީ ވެސް އެފަދަ ދޮގު ވާހަކަތަކެއް ކަމަށް ޝާހިދު ވިދާޅުވިއެވެ. އެތަނުގެ މަސައްކަތް ފެށީ 2016 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސޮއިއަޅައިގެން ކަމަށާއި އުތުރު ތިލަފަޅުގެ އެއްބަސްވުމުގައި އޭރު ސޮއިކުރީ އެތަނުގައި އެއާޕޯޓެއް ވެސް އަޅާގޮތަށް ކަމަށް ޝާހިދު ވިދާޅުވިއެވެ. މި އެއްބަސްވުން އެކުލަވާލުމަށްފަހު، އޭގައި ސޮއިކުރައްވާފައިވަނީ އޭރުގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

އޭގެ ފަހުން މި ސަރުކާރުން އެއްބަސްވުން ދިރާސާކޮށް އެތަނަކީ ދިވެހިންގެ ފުރިހަމަ ބާރު ހިނގާ ތަނެއްގެ ގޮތުގައި ހަމަޖެއްސި ކަމަށް ޝާހިދު ވިދާޅުވިއެވެ. ދިވެހި ރާއްޖޭގެ ބިން ވިއްކާލަން ނިންމި ބަޔަކީ މިއަދު އިދިކޮޅުގައި ތިއްބެވި ބޭފުޅުން ކަމަށް ވެސް މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވިއެވެ.

- ކޮމެންޓް