ކ. މާލެ
|
15 ނޮވެންބަރ 2022 | އަންގާރަ 12:12
ޕެޓިޝަން ކޮމިޓީން ޕްލޭނިންގ މިނިސްޓްރީގެ ބޭފުޅުންނާ ބައްދަލުކުރެއްވުން
ޕެޓިޝަން ކޮމިޓީން ޕްލޭނިންގ މިނިސްޓްރީގެ ބޭފުޅުންނާ ބައްދަލުކުރެއްވުން
މަޖިލިސް
ނައިފަރު ހައުސިންގް ޔުނިޓު
ނައިފަރު ހައުސިންގް ޔުނިޓުތަކާއި ގުޅިގެން ކައުންސިލުން ހުށަހެޅި ކަންކަން މިނިސްޓްރީން ވަނީ ޙައްލުކޮށްދީފައި
މައްސަލަ ކޮމިޓީއަށް ހުށައަޅާފައިވަނީ ހައުސިންގ ޔުނިޓުތައް ލިބިފައިވާ ފަރާތްތަކަކުން
ހުށައެޅިފައިވަނީ ނައިފަރުގައި އިމާރަތް ކޮށްފައިވާ ހައުސިންގ ޔުނިޓުތަކުގެ މަރާމާތާއި ގުޅޭ މައްސަލަތަކެއް
މަރާމާތުތައް ކުރިއަށް ގެންގޮސްފައިވަނީ ފްލެޓުތަކުގެ ވެރިންނާއި ކައުންސިލުގެވެސް ބެލުމުގެ ދަށުން

ޅ. ނައިފަރު ހައުސިންގް ޔުނިޓުތަކާއި ގުޅިގެން ކައުންސިލުން ހުށައެޅި ކަންކަން ޙައްލު ކޮށްދީފައިވާނެކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނެފިއެވެ.

ޅ ނައިފަރުގައި އިމާރަތް ކޮށްފައިވާ ހައުސިންގ ޔުނިޓުތަކާއި ބެހޭގޮތުން ހުށައެޅިފައިވާ މައްސަލައެއް ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީން ވަނީ ބަލާފައެވެ. އެ މައްސަލަ ކޮމިޓީއަށް ހުށައަޅާފައިވަނީ ހައުސިންގ ޔުނިޓުތައް ލިބިފައިވާ ފަރާތްތަކަކުންނެވެ.

މި ކޮމިޓީ ބައްދަލުވުމުގައި ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން، ޑިރެކްޓަރު ޖެނެރަލް އަހުމަދު ވިޝާން ނަސީމްގެ އިތުރުން، ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރު އަހުމަދު އާރިފް އަދި ސީނިއަރ ކޮންޓްރެކްޓިންގ އޮފިސަރު މުޙައްމަދު ޒަރީރު ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމިޓީއަށް ހުށައެޅިފައިވަނީ ނައިފަރުގައި އިމާރަތް ކޮށްފައިވާ ހައުސިންގ ޔުނިޓުތަކުގެ މަރާމާތާއި ގުޅޭ މައްސަލަތަކެކެވެ. އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަކްރަމް ވިދާޅުވީ، ހައުސިންގ ޔުނިޓު މަރާމާތު ކުރުމަށް މިނިސްޓްރީއާއި ނައިފަރު ކައުންސިލާމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

އެ އެއްބަސްވުމުގެ ދަށުން ހުރިހާ މަރާމާތެއް ކުރުމަކީ ނައިފަރު ކައުންސިލުގެ ޒިންމާއެއްކަން ފާހަގަ ކުރައްވައި އަކްރަމް ވިދާޅުވީ، ޑިޓެންޝަން ޕީރިއަޑުގައި ދިމާވާ މައްސަލަތައް ކޮންޓްރެކްޓަރު އެންގުމުން މިނިސްޓްރީން ޙައްލު ކޮށްދިނުމަށް ވާހަކަ ދެކެވިފައިވާ ކަމަށެވެ. އެގޮތުގެ މަތިން މިހާތަނަށް ކައުންސިލުން މިނިސްޓްރީއަށް އަންގާފައިވަނީ ހަމައެކަނި 19 މެއި 2022 ގައި ކަމަށް އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ، ކައުންސިލުން މިނިސްޓްރީއަށް އެކަންކަން އެންގުމާއެކު، ޖޫން މަހު މިނިސްޓްރީގެ ކޮންޓްރެކްޓަރުންގެ ޓީމެއް އެރަށަށް ގޮސްފައިވާ ކަމަށެވެ. އޭރު އެ މަރާމާތުތައް ކުރިއަށް ގެންގޮސްފައިވަނީ ފްލެޓުތަކުގެ ވެރިންނާއި ކައުންސިލުގެވެސް ބެލުމުގެ ދަށުންކަމަށް އަކްރަމް ވިދާޅުވިއެވެ. އެގޮތުން ކޮންމެ މަރާމާތެއްވެސް ނިންމުމަށްފަހު ފްލެޓުތަކުގެ ވެރިންނާއި ކައުންސިލުގެ އެޕްރޫވަލް ހޯދާފައިވާނެކަމަށް އަކްރަމް ވިދާޅުވިއެވެ.

އޭގެ އިތުރުން، އެ އިމާރަތުގެ މަރާމާތުގެ މަސައްކަތަށް 1 މަސް ދުވަސް ކޮންޓްރެކްޓަރު ހޭދަކޮށްފައިވާކަމަށް އަކްރަމް ވިދާޅުވިއެވެ.

އޭގެ ފަހުން ހައުސިންގ ޔުނިޓުތަކާއި ގުޅޭ މަރާމާތުގެ އެއްވެސް މައްސަލައެއް ކައުންސިލުންވެސް އަދި އަމިއްލަ ފަރާތަކުންވެސް މިނިސްޓްރީއަށް ހުށައަޅާފައިނުވާކަމަށް އަކްރަމް ވިދާޅުވިއެވެ. އެހެންނަމަވެސް ދާދި ފަހުން ސޯޝަލް މީޑިއާގައި އެކަމާއި ގުޅޭ ޝަކުވާތަކެއް ފެންމަތިވުމާއެކު، މިިނިސްޓްރީގެ އަމިއްލަ އިސްނެގުމުގެ ދަށުން ކޮންޓްރެކްޓަރު މެދުވެރިކޮށް އެކަންކަން ޙައްލު ކުރުމުގެ މަސައްކަތް ކޮށްފައިވާކަން އަކްރަމް ފާހަގަ ކުރެއްވިއެވެ. އެއީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އެ ހައުސިންގ ޔުނިޓުތަކާއި ގުޅޭގޮތުން ދެއްކެވި ވާހަކަތަކެކެވެ.

އެއްވެސް ސިފައެއްގައި ކައުންސިލުން އަދި އަދަށްވެސް އަންގާފައެއް ނުވޭ އެތަނުގައި އެކަހަލަ ކަމެއް ހިނގާ ކަމެއް
ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން

އަކްރަމް ވިދާޅުވީ، މަސައްކަތްތައް ކުރިއަށްދިޔައީ ނައިފަރު ކައުންސިލުގެ އިތުރުން މެމްބަރު ޝިޔާމްއާވެސް ގާތުން މަޝްވަރާ ކުރެވިގެން ކަމަށެވެ. ވީއިރު ކުއްލި ގޮތަކަށް މިފަދަ ޝަކުވާތަކެއް އައީ ކިހިނެއްކަން އެނގިނުލައްވާކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން ޑިރެކްޓަރު ޖެނެރަލް އަހުމަދު ވިޝާން ނަސީމް ވިދާޅުވީ، ހައުސިންގް ޔުނިޓުތަކުގެ ސްޓްރަކްޗަރަލް އެއްވެސް މައްސަލައެއް ދިމާވެފައިނުވާ ކަމަށެވެ. އިމާރަތް އެޅިފައިހުރީ ހިއްކާފައި އޮތް ސަރަޙައްދެއްގައިކަމުން އާންމު ގަދަ ވިއްސާރައިގައި އިމާރާތަށް ފެނުގެ އަސަރު ކުރާކަމަށް އޭނާ ވިދާޅުވިއެވެ. އެކަންކަންވެސް މިހާރު ޙައްލުކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓްރީން ވަނީ ހައުސިންގ ޔުނިޓުތަކާއި ގުޅިގެން އޭގެ ފަހުންވެސް ފެންމަތިވެފައިވާ މަރާމާތުގެ މައްސަލަތައް މިނިސްޓްރީން ޙައްލު ކުރަމުންދާކަން ފާހަގަކޮށްފައެވެ. މިނިސްޓްރީގެ ޓާގެޓަކީ ވީހާވެސް އަވަހަށް މައްސަލަތައް ޙައްލުކުރުންކަމަށް މިނިސްޓްރީން ބުނެއެވެ. އެގޮތުން މިހާރު ހުރި މައިގަނޑު މައްސަލަތަކަކީ ފެނުގެ ނިޒާމާއި ގުޅޭ މައްސަލައަކާއި، ވަށާފާރައި ގުޅޭ މައްސަލަތަކެކެވެ.

ޅ.ނައިފަރުގައި 100 ހައުސިންގ ޔުނިޓް އެޅުމަށްޓަކައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ކުރިން ހަވާލުކޮށްފައިވަނީ ޑަބްލިއު އެންޑް އޭ އޯވަރސީސް ޕްރައިވެޓް ލިމިޓެޑާއެވެ. ނަމަވެސް އޭޖީގެ ލަފައާއެކު އެކުންފުންޏާއެކު ވެފައިވާ އެއްބަސްވުން 2019 ވަނަ އަހަރުގެ އޮގަސްޓް މަހު ބާތިލް ކުރިއެވެ. އެއަށްފަހު ރަޝީދު ކާޕެންޓްރީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ.

މަޝްރޫއުގެ ޖުމްލަ އަގަކީ 72.2 މިލިއަން ރުފިޔާއެވެ. މިއި ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކުރާ މަޝްރޫއެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް