ކ. މާލެ
|
11 ނޮވެންބަރ 2022 | ހުކުރު 21:41
ރައީސް އިބްރާހިމް މުހައްމަދު ޞާލިހު
ރައީސް އިބްރާހިމް މުހައްމަދު ޞާލިހު
ރައީސް އޮފީސް
ރާއްޖޭގެ އިގްތިސޯދު
އުފާފާގަތި މާދަމާއެއް ހޯދޭނެ ކަމުގެ ފެހި ސިގްނަލް ރާއްޖޭގެ އިގްތިސޯދީ މީޓަރުން ދައްކަމުންއެބަދޭ - ރައީސް
އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ އެކްޓް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި
ޚަރަދުތައް ކުޑަކުރުމަށް އަންނަ އަހަރުގެ ބަޖެޓްގައި ޚާއްސަ އިސްކަމެއް ދެއްވާފައިވާނެ

އުފާފާގަތި މާދަމާއެއް ހޯދޭނެ ކަމުގެ ފެހި ސިގްނަލް ރާއްޖޭގެ އިޤްތިޞާދީ މީޓަރުން ދައްކަމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވަނީ ރާއްޖޭގެ އިގްތިސާދަށް އަލިއަޅުވާއްލާފައެވެ. އެގޮތުން ރާއްޖޭގެ ޚަރަދުތައް ކުޑަކުރުމަށް އަންނަ އަހަރުގެ ބަޖެޓްގައި ޚާއްސަ އިސްކަމެއް ދެއްވާފައިވާނެ ކަަމަށާއި މިކަންކަން ކުރާނީ ރައްޔިތުންނަށާއި އިޤްޠިޞާދަށް އޭގެ ސަބަބުން ކުރާނެ ނޭދެވޭ އަސަރު އެންމެ ކުޑަވާނެގޮތަކަށް ކަމަށް ރައީސް ވިދާޅުވިއެވެެ. އަދި ދުނިޔޭގެ މާލީ އިދާރާތަކުގެ ލަފަޔާ އެއްގޮތަށް، އާމްދަނީ އިތުރުކުރުމުގެ ގޮތުން ޓެކްސް ރޭޓްތަކަށް ބަދަލު ގެނައުމަށް ސަރުކާރުން ހުށަހަޅާފައިވާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ދައުލަތަށް ބޭރު ފައިސާ އެންމެ ގިނައިން ލިބެނީ ޓީޖީއެސްޓީގެ ގޮތުގައި ކަމަށް ވާއިރު، ޓެކްސްގެ ނިޒާމަށް ގެނެވޭ ބަދަލާއެކު، ދައުލަތުގެ ރަސްމީ ރިޒަރވްއަށްވެސް އޭގެ ހެޔޮ އަސަރުކުރާނެ ކަމަށް އެމަނިކުފާނު ފާހަަގަކުރެއްވިއެވެ.

މީގެ އިތުރުން ކޮވިޑް-19ގެ ސަބަބުން ރާއްޖެ އަށް ވެސް ބޮޑެތި ގޮންޖެހުންތަކާއި ދިމާވިކަން ރައީސް ފާހަގަކުރެއްވިއެވެ. އިންތިޚާބު ކޮށްފާ އޮންނަ ސަރުކާރެއްގެ ހަޤީގީ ޒިންމާއަކީ، އެ ބޮޑުބުރަ ވަކިވަކި ފަރުދުންގެ ބޮލުގައި ނާޅުވާ ސަރުކާރުން އުފުލުން ކަމަށާއި މި ސަރުކާރުން އެ ޒިންމާ ފުރިހަމައަށް އުފުލާފައިވާ ކަަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި ގުޅިގެން މަސައްކަތްކޮށްފި ނަމަ މާދަމާ އުޖާލާ ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ވާޞިލުވެވިފައިވާ ހުރިހާ ކާމިޔާބީއެއްގެ އެންމެ ވަރުގަދަ ސިއްރަކީ، އަޅުގަނޑުމެންގެ ތެރޭގާ މިހާރު މިއޮތް ހަމަޖެހުން. އެންމެން އެކުގާ އެއް އަމާޒަށް ވާޞިލުވުމަށް މަސައްކަތް ކޮށްފިނަމަ، ހުރަސްތައް ގިރާކުރެވި، ކުރިއެރުންތައް ޙާޞިލުކުރެވި މާ އުފާވެރި ފާގަތި މާދަމާއެއް ހޯދޭނެ ކަމުގެ ޔަޤީންކަން.

މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ވެސް ރައީސް ވަނީ އަލިއަޅުވާލައްވާފައެވެ. އެގޮތުން ވަޒީފާ އަދާކުރާ މީހާއަށް އެންމެ ކުޑަވެގެން ދެވޭނެ އުޖޫރަ ޤާނޫނަކުން ކަށަވަރުކޮށްދިނުމާއި، ތަޢުލީމީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ބަދަލުގެނައުމާއި، ޞިއްޙީ ދާއިރާއިގެ މުސާރައިގެ އޮނިގަނޑަށް ގެންނަން ނިންމާފައިވާ ބަދަލުތައް ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މަސައްކަތްތެރިން މަސައްކަތްކުރާ މާޙައުލުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް، އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ އެކްޓް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށާއި މިއީ މަސައްކަތުގެ މާޙައުލުގާ ހަރަކާތްތެރިވާ ހުރިހާ ފަރުދުންނަށް ލިބިދޭންޖެހޭ ރައްކާތެރިކަން ކަށަވަރުކޮށްދޭ ޤާނޫނެއް ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް