ނުކުޅެދުންތެރިކަން ހުރުމަކީ އެއްވެސް އިންސާނެއް ކުރިއަށް ދިއުމަށްޓަކައި މަސައްކަތް ނުކުރަންވީ ސަބަބެއް ނޫނެވެ. އަދި އެއީ އެމީހަކު މުޖުތަމައުން ބާކީކޮށްލަންވީ ސަބަބެއްވެސް ނޫނެވެ. ރާއްޖޭގައިވެސް މަދުން ނަމަވެސް މިފަދަ ކުދިން ބާކީކޮށްލާ މަންޒަރު ފެނެއެވެ. ނަމަވެސް މިފަދަ ކުދިން އަންނަނީ އެމީހުންނަކީވެސް ތަފާތު ހުނަރުވެރި ބަޔަކަށް ވެވޭނެކަން ސާބިތުކޮށްދެމުންނެވެ. މީހުންގެ އިތުބާރު ހޯދަމުންނެވެ. ކުޅިވަރާއި ކިޔެވުމުގައިވެސްމެއެވެ.
މި ފަހުން ސޯޝަލް މީޑިއާގައި އެންމެ ބޮޑަށް އާންމުވެގެން ދިޔައީ އެއްފައި ނެތް ކުއްޖަކު ފުޓްބޯޅަ ކުޅޭ މަންޒަރުތަކެވެ. އުމުރުން ހަތް އަހަރުގެ އަހުމަދު ޝަވަން މުޙައްމަދު ފުޓްބޯޅަ ކުޅޭތަން ފެނުންވީ ގިނަ ބަޔަކު ހައިރާން ކުރުވި މަންޒަރަކަށެވެ. އެއްފައިން ކޮރަމުން މުޅި ދަނޑުމަތީގައި އޭނާ ދެއްކީ ތަފާތު ހިތްވަރެކެވެ. މުޅި ހދ. މަކުނުދޫން އޭނާއަށް ލިބެމުން ދިޔައީ ތަރުޙީބާއި ތައުރީފުގެ ބަސްތަކެވެ. އުފަލުން ފެންކަޅިވެހުރެ ޝަވަންގެ މަންމަ އައިޝަތު ވިޝާހް ވެސް ދިޔައީ ދަރިފުޅަށް ހިތްވަރު ދެމުންނެވެ.
ގިނަ ބަޔަކަށް ހިތްގަމުކޮށް ފެނުނު މި މަންޒަރުގެ ފަހަތުގައި ވަނީ ވޭނާއި ކެކުޅުމެވެ. ކުރިއަށްދިއުމަށްޓަކައި ޝަވަން އުފުލަމުންދާ ބުރައެވެ. މައިމީހާގެ ލޮލުން އޮހޮރެމުންދާ ކަރުނައާ އެކު ވެސް ދަރިފުޅުގެ މުސްތަގުބަލަށްޓަކައި ވަމުންދާ ގުރުބާނީއެވެ.
![](https://dyncz33htw1ec.cloudfront.net/posts/e607d5f1-5538-4054-b561-8dc88f650139.png)
އުފެދުމުގައި ވެސް ފައިގެ އެއްބައި ނެތް
ޝަވަންއަކީ އުފެދުމުގައިވެސް ނުކުޅެދުންތެރިކަން ހުރި ކުއްޖެކެވެ. މި އައިބަކީ ބަނޑަށް ފަސް މަހުގައި އޮޕަރޭޝަންކޮށްގެން ދަރިފުޅު ނަގަން ޖެހުމުން ހުރި އައިބެއްކަމަށް އޭނާގެ މަންމަ ކިޔައިދިނެވެ. އެކަމަކު ޝަވަންގެ އާއިލާއިން އޭނާއަށް ކުރާ އުންމީދު އެހާ ހިސާބުން ނިންމާނުލައެވެ.
އާއިލާގެ ފަރާތުން ޝަވަންއަށް ދިނީ ހިތްވަރެވެ. ކުރިއަށް ދިއުމަށްޓަކައި ކޮށައިދިނީ މަގެވެ. ވަރުގަދަ ކޮށްދިނީ އޭނާގެ އަޒުމެވެ.
އަޅުގަނޑު ކުރާ އެންމެ ބޮޑު އުންމީދަކީ އޭނަ ހާސިލްކުރަން ބޭނުންވާ ހަރުފަތަށް އޭނަ ވާސިލްވާތަން ދެކުން. އޭނަ ބޭނުންވާ ހިސާބަކަށް ކިޔަވާ އޭނަ ބޭނުންވާ ގޯލެއް ހާސިލްކުރާތަން ދެކުން.އައިޝަތު ވިޝާހް | ޝަވަންގެ މަންމަ![]()
![](https://dyncz33htw1ec.cloudfront.net/posts/a169603b-5b56-49ff-bfb6-bdd4c8479b61.png)
ކިޔެވުމާއި ކުޅިވަރުގައިވެސް ރަނގަޅު ނަތީޖާތަކެއް
ޝަވަންގެ މަންމަ ފާހަގަކުރި ގޮތުގައި މަކުނުދޫ ސްކޫލުން ކުރިއަށް ގެންދާ ހުރިހާ ހަރަކާތެއްގައިވެސް ޝަވަންއަށް ފުރުސަތުދެއެވެ. އަދި ޝަވަންއަށް އެހީތެރިވެދިނުމުގައި ރަށު ސްކޫލުގެ ދަރިވަރުންގެ ފަރާތުންވެސް ފެންނަނީ ވަރަށް ފުރިހަމަ ނަމޫނާއެއްކަން ޝަވަންގެ މަންމަ ވިޝާހް ފާހަގަކުރިއެވެ.
މިއީ ޝަވަންގެ ފުރަތަމަ ފުޓްސަލް މުބާރާތެވެ. 41 ނަންބަރު ޖާޒީގައި ވިދާލި ޝަވަންއަކީ ހަމައެކަނި ފުޓްބޯޅަ ކުޅުންތެރިއެއް ނޫނެވެ. އޭނާއަކީ ކިޔެވުމުގައިވެސް ރަނގަޅު ނަތީޖާތަކެއް ހޯދަމުން އަންނަ މޮޅު ދަރިވަރެކެވެ.
![](https://dyncz33htw1ec.cloudfront.net/posts/20eb4d04-1df7-45ab-8289-8e2f0a6aa4b3.png)
ބޭނުންވަނީ ފައެއް، އެދެނީ އެންމެންގެ އެހީތެރިކަމަށް
ޝަވަންގެ މުސްތަގުބަލު އުޖާލާ ކުރުމަށްޓަކައި އޭނާގެ އާއިލާއިން އަންނަނީ ބޮޑެތި ގުރުބާނީތަކެއް ވަމުންނެވެ. އޭނާއަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ. ކޮންމެ ދުވަހަކު ބައިސްކަލުގައި ޝަވަން ސްކޫލަށް ގެންގޮސް، ގެނެސް ހެދުމަކީ ޝަވަންގެ މަންމަގެ އާދައެކެވެ.
މިހާރު ޝަވަން އަދި އާއިލާއިން އެންމެ ބޮޑަށް އެދެނީ ޝަވަންއަށް އާޓިފިޝަލް ފައެއް ޖެހޭނެ މަގު ފަހިކުރުމަށެވެ. ނަމަވެސް އާއިލާގެ މާލީ ހާލަތު އެކަމަށް ތަން ނުދޭތީ އަދި އެހުވަފެން ހަގީގަތަކަށް ނުހެދެއެވެ. މިކަމުގައި އާއިލާއިން އެދެނީ ސަރުކާރު އަދި އާންމުންގެ އެހީތެރިކަމަށެވެ.