ކ. މާލެ
|
9 ނޮވެންބަރ 2022 | ބުދަ 07:15
ޗުޕޯ މޯޓިން
ޗުޕޯ މޯޓިން
ޓްވީޓަރ
ޗުޕޯމޯޓިންގެ ކުރިމަގު
ޗުޕޯ މޯޓިން އަކީ ބަޔާނަށް ލިބުނު ބޮޑު އެސެޓެއް
މި ސީޒަންގައި ބަޔާނަށް ކުޅެދިން 14 މެޗުން އޭނާ ވަނީ 10 ލަނޑު ޖަހާފައި

ޖަރުމަނު ލީގުގެ ޗެމްޕިއަން ބަޔާން މިއުނިކަށް ކުޅެމުން އަންނަ ކެމަރޫންގެ ފޯވާޑް ޗުޕޯ މޯޓިން އަކީ އެ ކުލަބަށް ލިބުނި ބޮޑު އެސެޓެއް ކަމަށް ބަޔާންގެ ޑިރެކްޓަރު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ބަޔާންގައި ޗުޕޯ މޯޓިންގެ ކުރިމަގާ ގުޅޭ ގޮތުން ވާހަކަ ދައްކަމުންނެވެ. ފްރާންސްގެ ގަދަ ބާރު ޕެރިސް ސެއިންޓް ޖާމަން (ޕިއެސްޖީ) ދޫކޮށް ޗުޕޯ މޯޓިން ބަޔާނަށް ބަދަލުވީ 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހުއެވެ. އޭގެ ފަހުން ބަޔާންގައި ރަނގަޅަށް ކުޅެމުން އައިސް މިހާރު އޭނާ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. މިހާތަނަށް އޭނާ ވަނީ ބާޔަނަށް ޖުމުލަ 72 މެޗު ކުޅެދީ 28 ލަނޑު ޖަހާފައެވެ. މި ސީޒަނަކީ ޗުޕޯ މޯޓިން ބަޔާންގައި އެންމެ މޮޅު ކުޅުން ދައްކަމުން އަންނަ ސީޒަނެވެ. މި ސީޒަންގައި ބަޔާނަށް ކުޅެދިން 14 މެޗުން އޭނާ ވަނީ 10 ލަނޑު ޖަހާފައެވެ.

އޭނާގެ ކުރިމަގާ ގުޅޭ ގޮތުން ބަޔާންގެ ޑިރެކްޓަރު ވިދާޅުވީ ކުލަބުގައި އޭނާ ބެހެއްޓުމަކީ މުޅި ކުލަބުން ވެސް ބޭނުންވާ ގޮތް ކަމަށެވެ. އޭނާ ބުނީ ޗުޕޯ މޯޓިންގެ އެޖެންޓާއި ދެމެދު ރަނގަޅު ގުޅުމެއް އޮންނަ ކަމަށާއި، ވަރަށް އަވަހަށް ބައްދަލުވުމެއް ބާއްވައި، ކުރިމަގުގެ ވާހަކަ ދައްކާނެ ކަމަށެވެ. އޭނާ ވިދާޅުވީ ޗުޕޯ މޯޓިން އަކީ ބަޔާންގެ މުސްތަޤުބަަލަށް ވެސް މުހިންމު ކުޅުންތެރިޔެއް ކަމަށެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ މިހާރު ވެސް އެކަމުގެ ވާހަކަތައް ބަރާބަރަށް ދެކެވެމުން އަންނަ ކަމަށާއި، ބަޔާންގައި މަޑުކުރުމަށް ޗުޕޯ މޯޓިން ވެސް ބޭނުންވާ ކަމަށެވެ.

އުމުރުން 33 އަހަރުގެ ޗުޕޯ މޯޓިން އަންނަނީ 2010 ވަނަ އަހަރުން ފެށިގެން ކެމަރޫންގެ ޤައުމީ ޓީމަށް ވެސް ކުޅެމުންނެެވެ. މިހާތަނަށް އޭނާ ވަނީ ޤައުމީ ޓީމަށް ކުޅެދިން 68 މެޗުން 18 ލަނޑު ޖަހާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް