Advertisement
ކ. މާލެ
|
6 ނޮވެންބަރ 2022 | އާދީއްތަ 18:42
ބިލެއްފަހީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާއި ރައީސް ބައްދަލުކުރެއްވުން
ބިލެއްފަހީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާއި ރައީސް ބައްދަލުކުރެއްވުން
ރައީސް އޮފީސް
ބިލެއްފަހި ތަރައްގީ
ބިލެތްފަހީގެ ތަރައްޤީއަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދޭ - ކައުންސިލް
ބިލެއްފައްސައް ކޮށްދެއްވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަންކަމުގެ ތެރެއިން 95 އިންސައްތަކަންކަމުގެ މަސައްކަތް ހިނގަމުންދޭ
ބިލެތްފަހީގެ ބަނދަރު މަޝްރޫޢު ކުރިއަށްދާއިރު އެމަޝްރޫޢުގެ ތެރެއިން ރައްޔިތުން ކުރަން ބޭނުންވާކަންކަން ތަފްޞީލުކޮށް ބަޔާންކޮށްފައި
ކައުންސިލުންވަނީ ރަށުގެ ޒުވާނުންނަށް ޚާއްޞަ ޒުވާނުންގެ މަރުކަޒެއް ބޭނުންވާކަމަށާއި، ކުޅިވަރުގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ ވަޞީލަތްތައް އިތުރުކޮށްދެއްވުމަށް އެދިފައި

ބިލެތްފަހީގެ ތަރައްޤީއަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަން ފާހަގަކޮށް، އެރަށު ކައުންސިލުން އެކަމަށް ޝުކުރުއަދާކޮށްފިއެވެ.

ބިލެތްފަހީ ކައުންސިލުން މިކަން ފާހަގަކޮށްފައިވަނީ ބިލެތްފަހި ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީގެ މުހިންމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވި އިރުއެވެ. މި ބައްދަލުކުރެއްވުން އޮތީ އާދީއްތަ ދުވަހުގެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ށ. ބިލެތްފަހި ކައުންސިލުންވަނީ އެ ރަށުގެ ތަރައްޤީއަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ. އަދި ކައުންސިލުންވަނީ ބިލެއްފައްސަށް ކޮށްދެއްވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަންކަމުގެ ތެރެއިން 95 އިންސައްތަކަންކަމުގެ މަސައްކަތް ހިނގަމުންދާކަން ފާހަގަކުރައްވާފައެވެ.

ބިލެތްފަހީގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާއި ކައުންސިލާއި ރައްޔިތުން މިވަގުތު އެންމެ ބޭނުންވާ ކަންކަން ފާހަގަކުރައްވަމުން ކައުންސިލުން ވަނީ ބިލެތްފަހީގެ ބަނދަރު މަޝްރޫޢު ކުރިއަށްދާއިރު އެމަޝްރޫޢުގެ ތެރެއިން ރައްޔިތުން ކުރަން ބޭނުންވާކަންކަން ތަފްޞީލުކޮށް ބަޔާންކޮށްދެއްވާފައެވެ. އެގޮތުން ރަށުގެ ލަފާފުރުމުގައި ހުރި ދަތިތައް ފާހަގަކުރައްވާ ނެރުގެ މައްސަލަ ޙައްލުކޮށްދެއްވުމަށާއި، ދޯނި އެހެލުމުގައި ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވެވިއެވެ.

އަދި ހަމަ އެއާއެކު ކައުންސިލުންވަނީ ރަށުގެ ޒުވާނުންނަށް ޚާއްޞަ ޒުވާނުންގެ މަރުކަޒެއް ބޭނުންވާކަމަށާއި، ކުޅިވަރުގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ ވަޞީލަތްތައް އިތުރުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދަންނަވާފައެވެ. މީގެ އިތުރުން ކައުންސިލުންވަނީ ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށް ބޭނުންވާކަމަށާއި، ރަށްގިރުމުގެ މައްސަލައަށް ޙައްލެއް ހޯދުމަށް ބޭނުންވާކަމަށާއި، އެއާޕޯޓުގެ މަސައްކަތް އަވަހަށް ފެށުމަށް ބޭނުންވާކަމުގައި ފާހަގަކުރައްވާފައެވެ. ހަމަ އެއާއެކު ރަށުގެ ކުނިކޮށީގެ މަސައްކަތް ނުފެށި ލަސްވަމުންދާތީ އެކަމުގައި ހުރި ރައްޔިތުންގެ ކަންބޮޑުވުންތައް ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ޙިއްޞާކުރައްވާފައެވެ.

Advertisement

މިއަދުގެ ބައްދަލުވުމުގައި ބިލެތްފަހީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ އެކޮމެޓީގެ މަސައްކަތް ކުރުމަށް ބޭނުންވާ ބަޖެޓް ނެތުމާއި، އެކޮމެޓީގެ މަސައްކަތްތައް ކުރުމަށް އެކަށީގެންވާ ޖާގައެއްނެތުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ޙިއްޞާކުރައްވާފައެވެ. މީގެ އިތުރުން އަންހެނުންނަށް ޚާއްސަ އިންޑޯ ޖިމެއް ބޭނުންވާކަމުގައި އ.ތ.މ. ކޮމިޓީއިން ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުންވެސް މި ބައްދަލުކުރެއްވުމުގައި ކަނޑިތީމު ދާއިރާއަށް ބޭނުންވާ ތަރައްޤީގެ މަޝްރޫޢުތަކާއި އެ ދާއިރާގެ ރައްޔިތުން ބޭނުންވާ ބައެއް ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ބިލެތްފަހި ކައުންސިލުން ފާހަގަކުރެއްވިކަންކަމުގެ ތެރެއިން ބަޖެޓުގައި ހިމަނާފައިވާ ކަންކަން ކުރިއަށްގެންދިއުމަށް މަސައްކަތްކުރައްވާނެކަމުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި އެއާޕޯޓުގެ މަސައްކަތް ލަސްތަކެއް ނުވެ ކުރިއަށްދާނެކަމަށާއި، އ.ތ.މ. ކޮމިޓީން ފާހަގަކުރެއްވި ކަންކަން ޙައްލުކުރުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުންވެސް ބަނދަރު ހެދުމުގެ މަޝްރޫޢުގެ ތެރެއިން ކުރިއަށްގެންދެވެން ހުރި ކަންކަން އެކަމާއި ގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައި ސާވޭކުރުމަށްފަހު ބައްލަވައިދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުން ނިންމަވާލައްވަމުން ކައުންސިލުން ވަނީ އެބޭފުޅުން ޙިއްޞާކުރެއްވި ކަންބޮޑުވުންތައް އަޑުއައްސަވައި އެކަންކަން ހައްލުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ޖަވާބުތަކާމެދު ހިތްހަމަޖެހޭކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް