ކ. މާލެ
|
6 ނޮވެންބަރ 2022 | އާދީއްތަ 16:47
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ބީބީސީ
ރޮނާލްޑޯގެ ކެރިއަރު ނިމުމަކާއި ގާތްވުން
ރޮނާލްޑޯ ބޮޑާ ހޭކުމުގެ ނަތީޖާ ހިތިވެދާނެ!
މިފަހަރުގެ ވޯލްޑް ކަޕަކީ ރޮނާލްޑޯ އަލުން ވިދާލަން ލިބޭނެ ފަހު ފުރުސަތު
ރޮނާލްޑޯގެ ކެރިއަރުގައި މިހާރު ގުނަމުން ދަނީ އަނދިރި ދުވަސްތަކެއް
ރޮނާލްޑޯއަކީ ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ، ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕާއި ކުރިމަތިލާނީ އޭނާއަށް އަދިވެސް ތަފާތު ދެއްކިދާނެކަން ސާބިތުކޮށްދިނުމަށެވެ. ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަޤާމު ފަސް ފަހަރު ހޯދާފައިވާ ރޮނާލްޑޯއަކީ ފުޓްބޯޅައިގެ ތާރީޚުގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމާއި މެދު ޝައްކެތް ނެތެވެ.

ރޮނާލްޑޯއަކީ ދިގު މުއްދަތެއްގައި އެއް ފެންވަރެއްގައި ކުޅުން ހިފެހެއްޓި މަދު ކުޅުންތެރިންގެ ތެރެއިން އެކަކެވެ. ޕޯޗުގަލް ޓީމަށް ރޮނާލްޑޯ އެންމެ ފުރަތަމަ ލަނޑެއް ޖަހައިދިނީ 2004 ވަނަ އަހަރުގެ ޔޫރޯގައި ގްރީސް އާއި ދެކޮޅަށް ޕޯޗުގަލް ކުޅުނު މެޗުގައެވެ. އޭގެ ފަހުން 18 އަހަރުވީއިރުވެސް އޭނާ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.

ފުޓްބޯޅައިގެ ތާރީޚުގައި ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީ ރޮނާލްޑޯއެވެ. އޭނާ ވަނީ 191 ރަސްމީ މެޗު ކުޅެގެން 117 ލަނޑު ޕޯޗުގަލް ޓީމަށް ޖަހައިދީފައެވެ. ކެރިއަރުގައި މިހާތަނަށް 818 ލަނޑު ޖަހާފައިވެއެވެ. ޗެމްޕިއަންސް ލީގުގައި 140 ލަނޑު ޖަހާ، މުބާރާތުގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ ޝަރަފުވެސް އޮތީ ރޮނާލްޑޯގެ އަތުގައެވެ.

ކެރިއަރުގައި އަނދިރި ދުވަސްތަކެއް

މީގެ ކުރިން ރެކޯޑުތައް ހެދުމުގައި ފާހަގަވި ރޮނާލްޑޯ، މިހާރު މީހުންގެ ލޮލުގައި އަޅައިގަންނަނީ ބޮޑާ ހޭކުމާއި ކްލަބުގެ ކޯޗާއި މައްސަލަ ޖެހުމުގެ ސަބަބުންނެވެ. މި ސީޒަންގައި ރޮނާލްޑޯ މެންޗެސްޓަރ ޔުނައިޓެޑަށް ޖަހައިދިނީ އެންމެ ތިން ލަނޑެވެ. އެންމެ ފަހުން ޕޯޗުގަލްގައި ކުޅުނު 10 މެޗުން އޭނާއަށް ޖެހުނީ އެންމެ ދެލަނޑެވެ.

ކްލަބުގެ ކޯޗާއި ދެމެދު ޖެހިފައިވާ މައަސަލަތަކެއްގެ ސަބަބުން ގިނަ މެޗުތަކުގައި ކުޅުމުގެ ފުރުސަތު މިހާރު ރޮނާލްޑޯއަށް ނުލިބެއެވެ. ކޯޗުގެ ނިންމުންތަކާއި މެދު ހިތްހަމަ ނުޖެހުން ފާޅުކުރުމުން މިފަހުން ޗެލްސީއާއި ބައްދަލުކުރި މެޗުގައި ރޮނާލްޑޮ ވަނީ ސްކޮޑުންވެސް ބޭރުކޮށްފައެވެ. މިކަމުންވެސް ޓީމަކަށް ގެއްލުމެއް ނެތެވެ. ދެރަ ލިބުނީ ރޮނާލްޑޯއަށެވެ.

ވޯލްޑް ކަޕްގައި އެހާ ކާމިޔާބު ކުޅުންތެރިއެއް ނޫން

ޕޯޗުގަލްގެ ކެޕްޓަނެއްގެ ގޮތުގައި މިފަހަރުގެ ވޯލްޑް ކަޕާއި ކުރިމަތިލާއިރު، މިއީ ރޮނާލްޑޯގެ ފަސްވަނަ ވޯލްޑް ކަޕެވެ. އެކަމަކު ރޮނާލްޑޯއަކީ ވޯލްޑް ކަޕްގައި މާ ކާމިޔާބު ކުޅުންތެރިއެއް ނޫނެވެ. މުބާރާތުގައި އެންމެ ދުރަށް ދަތުރު ކުރެވުނީ 2006 ވަނަ އަހަރުއެވެ. ރޮނާލްޑޮގެ ފުރަތަމަ ވޯލްޑް ކަޕްގައި ސެމީ ފައިނަލް ކުޅުނެވެ.

އޭގެ ފަހުން 2010 އަދި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ނިންމާލަން ޖެހުނީ ގަދަ 16 އިންނެވެ. 2014 ވަނަ އަހަރު އަދި މާ ދަށުންނެވެ. އެފަހަރު ޕޯޗުގަލް ކެޓީ ގްރޫޕް ސްޓޭޖުންނެވެ.

ނަމަވެސް މި ހުރިހާ ކަމަކާއެކުވެސް ރޮނާލްޑޯ ބުނަނީ މިފަހަރުގެ މުބާރާތުގައި ތަފާތު ދައްކާނެ ކަމަށެވެ. އޭނާގެ އަމާޒަކީ ކެރިއަރުގެ ފަހު ވޯލްޑް ކަޕްގެ ތަށި އުފުލާލުމެވެ. އޭނާއަކީ އޮއްސިފައިވާ ތަރިއެއް ނޫންކަން ސާބިތު ކޮށްދިނުމެވެ.

ހިތި ގޮތަކަށް ކެރިއަރު ނިމިދާނެ

މީގެ ކުރިން ކިތައްމެ މޮޅު ކުޅުމެއް ދެއްކި ނަމަވެސް ކުރިއަށް އޮތް ވޯލްޑް ކަޕްގައި ރޮނާލްޑޯއަށް ތަފާތު ދެއްކިދާނެ ކަމަށް ގިނަ ބަޔަކު ގަބޫލެއް ނުކުރެއެވެ. މެންޗެސްޓަރ ޔުނައިޓެޑާއި ޕޯޗުގަލްގައި އޭނާ މިފަހުން ދައްކަމުން އަންނަ ކުޅުމަށް ބަލާއިރު، އޭނާއަށް ތަފާތު ދެއްކިދާނެ ކަމާއި މެދު ޝައްކެވެ.

މިފަހަރުގެ ވޯލްޑް ކަޕަކީ ރޮނާލްޑޯ އަލުން ވިދާލަން ލިބޭނެ ފަހު ފުރުސަތަށް ވުން ގާތެވެ. ކާމިޔާބުކަމާއެކު މި މުބާރާތް ނިންމާލެވިއްޖެނަމަ ކެރިއަރުގެ ނިމުންވެސް މޮޅުވީއެވެ. ނަމަވެސް އުމުރުން 37 އަހަރުގައި މިހާރު އޭނާގެ ކުޅުމަށް ބަލާފައި މިއީ ވުމަށްވުރެ ނުވުން ގާތް ކަމެއްކަމަށް ފުޓްބޯލަ ދިރާސާކުރާފަރާތްތަކުން ގަބޫލު ކުރެއެވެ.

- ކޮމެންޓް