ކ. މާލެ
|
6 ނޮވެންބަރ 2022 | އާދީއްތަ 09:47
އޮޕަރޭޝަން ހޭހަންގެ ތެރެއިން
އޮޕަރޭޝަން ހޭހަންގެ ތެރެއިން
ކަރެކްޝަންސް
އޮޕަރޭޝަން ހޭހަން
އޮޕަރޭޝަން ހޭހަންގެ ތެރެއިން މިހާތަނަށް 192 ބަންދު މީހުންނާއި ޤައިދީން ޑޮކްޓަރަށް ދައްކައިފި
އެންމެ ގިނައިން މީހުން ޑޮކްޓަރަށް ދައްކާފައިވަނީ ނޮވެމްބަރު 02 ވަނަ ދުވަހު

މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ ބެލުމުގެ ދަށުގައި ތިބި ޤައިދީންގެ ތެރެއިން ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދައްކަންޖެހިފައި ތިބި ޤައިދީންނަށް ހޭހަން އޮޕަރޭޝަނެއް ފަށާފައިވާއިރު މިހާތަނަށް 192 ބަންދު މީހުންނާއި ޤައިދީން ޑޮކްޓަރަށް ދައްކާފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ވަނީ ބުނެފައެވެ.

އޮޕަރޭޝަން "ހޭހަން" އިން ފުރަތަމަ ހަފްތާގައި ޤައިދީންނާއި ބަންދު މީހުން ޚާއްސަ ޑޮކްޓަރުންނަށް ދެއްކުނު ގޮތުގެ ތަފާސްހިސާބުތައް އެކުލެވޭ ވީޑިއޯ އެއް ކަރެކްޝަންސް އިން އާންމުކޮށްފައިވެއެވެ. އެގޮތުން 29 އޮކްޓޯބަރުން 03 ނޮވެމްބަރަށް ޑޮކްޓަރަށް ދެއްކި މީހުންގެ ތަފާސްހިސާބު ވަނީ އާންމުކޮށްފައެވެ. އޮކްޓޯބަރު 29 ވަނަ ދުވަހު 10 މީހަކު ޑޮކްޓަރަށް ދައްކާފައިވާއިރު އޮކްޓޯބަރު 30 ވަނަ ދުވަހު 13 މީހުން ޑޮކްޓަރަށް ދައްކާފައިވެއެވެ. އަދި އޮކްޓޯބަރު 31 ވަނަ ދުވަހު 13 މީހުން ޑޮކްޓަރަށް ދައްކާފައިވާއިރު ނޮވެމްބަރު 03 ވަނަ ދުވަހު 53 މީހުން ޑޮކްޓަރަށް ދައްކާފައިވެއެވެ. މީގެއިތުރުން ނޮވެމްބަރު 02 ވަނަ ދުވަހު 68 މީހުން ޑޮކްޓަރަށް ދައްކާފައިވާއިރު ނޮވެމްބަރު 03 ވަނަ ދުވަހު ޑޮކްޓަރަށް ދައްކާފައިވަނީ 35 މީހުންނެވެ.

އޮޕަރޭޝަން ހޭހަން ފަށާފައިވަނީ އޮކްޓޯބަރު 29 ވަނަ ދުވަހުއެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ވިދާޅުވީ ޤައިދީންގެ ފަރާތުން ވެސް އަންނަ އެންމެ ބޮޑު ޝަކުވާ އަކީ ޑޮކްޓަރަށް ދެއްކުމަށް ވާ ލަސްތަކާއި އެކަމުގައި ހުރި މައްސަލަތަކުގެ ވާހަކަ ކަމަށެވެ. މިކަންތައްތައް ހައްލުކުރުމަށް އައިޖީއެމްއެޗް ހޮސްޕިޓަލާއި ވާހަކަ ދައްކާ ޑޮކްޓަރުން ޖަލަށް ގެންދިޔަ ނަމަވެސް އަދިވެސް މި މައްސަލަ ބޮޑު ކަމަށް ވިދާޅުވިއެވެ. އަދި މިކަން ހައްލުކުރުމަށް ކުރަންޖެހޭ ކަންތައްތައް ދެނެގަނެ އެ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އޮޕަރޭޝަން ހޭހަން އަކީ ޖަލުގައި ތިބި ޤާއިދީންނާއި ބަންދު މީހުންގެ ތެރެއިން ޚާއްސަ ޑޮކްޓަރުންނަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ މީހުން ތިބުމާ އެކު، އެމީހުން ޚާއްސަ ޑޮކްޓަރުންނަށް ދެއްކުމަށާއި ޖަލުގައި ދެވެން ނެއް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ނުވަތަ އެނޫންވޭސް ސިއްޙީ ޚިދުމަތްދޭ މަރުކަޒަކަށް ގެންގޮސްގެން ދިނުމަށް ހިނގާ ޚާއްސަ އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަންގައި ހިމެނޭ އޮފިސަރުންގެ މައިގަނޑު މަސްއޫލިއްޔަތަކީ ޚާއްސަ ޑޮކްޓަރުންނަށް ދައްކަންޖެހޭ ޤާއިދީންނާއި ބަންދު މީހުން ހަދަންޖެހޭ ތަފާތު އެކި ޓެސްޓުތަކާއި ސިއްޙީ ޚިދުމަތްދޭ ތަންތަނުން ފޯރުކޮށްދޭ ޚިދުމަތްތަކާ ހަމައަށް ޖަލުން އެސްކޯޓުކޮށް، އެ ޚިދްމަތް ލިބޭނެ މަގުފަހި ކޮށްދިނުމެވެ.

މިއޮޕަރޭޝަންގައި ބައިވެރިވަނީ މައިގަނޑު ގޮތެއްގައި ހުރިހާ ކޮމިޝަންޑު އޮފިސަރުންނާއި ފަސްޓް ކްލާސް ޕްރިޒަން އޮފިސަރުންގެ މަތީ ރޭންކުތަކުގެ އޮފިސަރުންނެވެ. އަދި އޮޕަރޭޝަން ހިންގުމަށް އެހެން ރޭންކްތަކުގެ އޮފިސަރުންނާއި މުވައްޒަފުން އެހީތެރިވާނެ ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.

މި އޮޕްރޭޝަންގައި ސީނިއަރ މެނޭޖްމަންޓް ބައިވެރިކުރުމުގެ މަޤްޞަދަކީ ޤައިދީންނާއި ބަންދު މީހުން އެސްކޯޓު ކުރުމުގައި ހުރި ދަތިތައް ދެނެގަތުމާ އެކު ނިޒާމީ ސިފައެއްގައި ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމާއި ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށް މަސައްކަތް ކުރުމެވެ.

މެޑިކަލް ޓީމު ހިމަނައިގެން މި އޮފަރޭޝަންގައި ޖުމްލަ 8 ޓީމު ހަރަކާތްތެރިވެއެވެ. މި އޮޕަރެޝަންގައި ބައިވެރިވާ ކަރެކްޝަންސްގެ އޮފިސަރުންނަށް ވަނީ ރިފްރެޝާ ޕްރޮގްރާމެއް ވެސް ހިންގާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް