Advertisement
ކ. މާލެ
|
4 ނޮވެންބަރ 2022 | ހުކުރު 16:19
އައިޖީއެމްއެޗްގެ ސިއްހީ ޚިދުމަތްތެރިން
އައިޖީއެމްއެޗްގެ ސިއްހީ ޚިދުމަތްތެރިން
ރާއްޖެއެމްވީ
މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް
މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލަށް ބާރުތަކެއް ދީ، ހިންގާ ގަވާއިދު އެކުލަވާލައިފި
މިއީ ސިއްހީ ޚިދުމަތްތެރިންގެ ކަންކަން ބަލަހައްޓާ ފަރާތް
މީގެ ކުރިން މިތަން ހިންގީ ހެލްތު މިނިސްޓްރީގެ ދަށުން
މިހާރު މި ކައުންސިލަށް ވަނީ ބާރުތަކެއް ދީފައި

ޑޮކްޓަރުންނާއި ނަރުހުންގެ ކަންކަން ބަލަހައްޓާ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ހިންގުން ހަރުދަނާކުރުމަށް އެ ކައުންސިލްގެ ހިންގާ ގަވާއިދު އެކުލަވާލައިފިއެވެ.

މި ގަވާއިދު ދިވެހިރާއްޖޭގެ ގެޒެޓުގައި އާންމުކުރުމާއެކު މިހާރު ވަނީ މި ގަވާއިދަށް އަމަލުކުރަން ފަށާފައެވެ. މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްއަކީ ޑޮކްޓަރުންނާއި ނަރުހުންގެ ރެގިއުލޭޓަރީ ބޮޑީއެވެ. މިގޮތުން މި ކައުން ސިލުން ކުރާ ކަންތައްތަކުގެތެރޭގައި އެމީހުން ރެގިއުލޭޓުކޮށް ލައިސަންސް ދީ، ބޭރުން އަންނަ ސިއްހީ ޚިދުމަތްތެރިންގެ ކަންކަން ބެލުން ހިމެނެއެވެ.

މިކަމާ ގުޅިގެން ރައްޖެއެމްވީއަށް މައުލޫމާތުދެއްވަމުން ހެލްތް މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ އާމިނަތު ސަތުފާ ޝަފީއު ވިދާޅުވީ މި ކައުންސިލަކީ ހެލްތް މިނިސްޓްރީގެ ދަށުން ހިންގަމުން އައި ތަނަކަށް ވިޔަސް މިހާރު އެ ކައުންސިލަށް ވާނީ ވަރަށް ބޮޑެތި ބާރުތަކެއް ދީފައިކަމަށެވެ. ހިންގުމުގެ އޮނިގަނޑަށްވެސް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާކަމަށާއި، މަގާމުތަކަށް މީހުން އައްޔަންކުރުމާއި، ހިންގުން އިތުރަށް ހަރުދަނާކޮށްފައިވާކަމަށެވެ.

Advertisement

މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ހިންގާ ގަވާއިދުގައި ވާގޮތުން މި ކައުންސިލަކީ 9 މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ ކައުންސިލެކެވެ. އެއީ 3 މެޑިކަލް ޕްރެކްޓިޝަނުންނާއި، ޑެންޓަލް ޕްރެކްޓިޝަނަރެއްގެ އިތުރުން މިނިސްޓަރ އައްޔަންކުރާ ފަރާތަކާއި، ސިއްހީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިއެކެވެ. މެޑިކަލް އަދި ޑެންޓަލް ރޮނގުން ތަޖުރިބާ ލިބިފައިވާ މީހަކާއި، 5 އަހަރުދުވަހުގެ ތަމްރީނު ލިބިފައިވާ ގާނޫނީ ވަކީލަކާއި، ސިއްހީ ދާއިރާގައި މަސައްކަތްކުރާ މަދަނީ ޖަމްޢިއްޔާއެއްގެ މެންބަރެއްވެސް މި ކައުންސިލްގައި ހިމެނޭނެއެވެ. މި ކައުންސިލަށް ރައީސްއަކާއި ނާއިބުރައީސްއެއް އައްޔަންކުރާނެއެވެ.

ސިއްހީ ދާއިރާ އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާއިރު، މީގެ ކުރިން ސީދާ ހެލްތު މިނިސްޓްރީން ބަލަހައްޓަމުން އައި ބައެއް އިދާރާތަކަށް ބާރުތައް ދީ އެތަންތަން އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ވަނި ފަށާފައެވެ. މިގޮތުން ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ވެސް ވަކި ތަނެއްގެ ގޮތުގައި ހިންގުމަށް ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް