ކ. މާލެ
|
3 ނޮވެންބަރ 2022 | ބުރާސްފަތި 16:50
ކޮންސަލްޓަންޓް ސައިކޭޓްރިސްޓް ޖޭމްސް ރަކަރ ވިދާޅުވީ، މި ހޯދުންތަކަކީ ރަނގަޅު މިސްރާބަކަށް ދިއުމަށް އެޅުނު އެދެވޭ ފިޔަވަޅެއް ކަމަށް
ޑިޕްރެޝަންގެ ބަލި
ބޭހަށް ނުގުޑާ، ޑިޕްރެޝަން ޕޭޝަންޓުންނަށް އުއްމީދުގެ ވޮށެއް
އަންދާޒާކުރެވޭގޮތުގައި، ޑިޕްރެޝަން ޕޭޝަންޓުންގެ ތެރެއިން 3 ބައިކުޅަ 1 ބައި ޕޭޝަންޓުން ބޭހަށް ނުގުޑުން އެކަށީގެންވޭ
އެ ޕޭޝަންޓުންނަކީ، ޑިޕްރެޝަންގެ އަސަރު ކުޑަކުރުމަށް ދޭ ބޭސްތަކުގެ ތެރެއިން 2 ބޭހެއްގެ އެހީގައިވެސް ބައްޔަށް ތަސައްލީއެއް ލިބިފައިނުވާ ޕޭޝަންޓުން
ލަންޑަންގައި ގާއިމުކޮށްފައިވާ އަދި ނަސްޑަގްގައި ލިސްޓުކޮށްފައިވާ ކޮމްޕާސް ޕާތުވޭޒްއިން ކުރިއަށްގެންދިޔަ ދިރާސާގައި 233 ޕޭޝަންޓަކު ވަނީ ބައިވެރިކޮށްފައި

މެޖިކް މަޝްރޫމްސްގައި އެކުލެވޭ، ސިކުނޑިއާ ކުޅެލުމުގެ ގާބިލުކަން ލިބިފައިވާ މައިގަނޑު މާއްދާއަކީ، ނަފްސާނީ ބަލިތަކުގެ ތެރެއިން ފަރުވާ ދިނުމުގައި އެންމެ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ބަލިކަމަށްވާ ޑިޕްރެޝަން ބަލި ތަހައްމަލުކުރާ ޕޭޝަންޓުންގެ ފަރުވާއަށް އުއްމީދު ގެނުވަނިވި މާއްދާއެއް ކަމަށް، އެ ރޮނގުން މިހާތަނަށް ކުރި އެންމެ ބޮޑު ދިރާސާއިން ދައްކައިފިއެވެ.

ލަންޑަންގައި ގާއިމުކޮށްފައިވާ، އަދި ނަސްޑަގްގައި ލިސްޓުކޮށްފައިވާ ކޮމްޕާސް ޕާތުވޭޒްއިން ކުރިއަށް ގެންދިޔަ ދިރާސާގައި 233 ޕޭޝަންޓަކު ވަނީ ބައިވެރިކޮށްފައެވެ. އެ ޕޭޝަންޓުންނަކީ، ޑިޕްރެޝަންއަށް މިހާރު ދެމުންދާ ފަރުވާތަކަށް ގުޑާފައިނުވާ ޕޭޝަންޓުންނެވެ. ނުވަތަ، ޑިޕްރެޝަންގެ އަސަރު ކުޑަކުރުމަށް ދޭ ބޭސްތަކުގެ ތެރެއިން 2 ބޭހެއްގެ އެހީގައިވެސް ބައްޔަށް ތަސައްލީއެއް ލިބިފައިނުވާ ޕޭޝަންޓުންނެވެ.

ނަފްސާނީގޮތުން ދޭންޖެހޭ އިތުރު އެހީތެރިކަމާއެކު، ކޮންމެ ބައިވެރިއަކަށްވެސް ވަކި ވަރަކަށް ސީލޯސައިބިން މާއްދާ އެކުލެވޭ ބޭސް ވަނީ ދީފައެވެ. ބައެއް ޕޭޝަންޓުންނަށް 25 މިލިގްރާމްއާއި، 10 މިލިގްރާމް ނުވަތަ 1 މިލިގްރާމްގެ ޑޯޒްއެއް ދީފައިވެއެވެ.

ޕޭޝަންޓުންނަށް ބޭސް ދިނުމާއެކު، ދެބަދޭތެރެއޭ ބުނާ ކަހަލަ ހާލަތަކަށް އެމީހުން ދިޔައެވެ. އަދި 6 ގަޑިއެއްހާއިރަށް އެކަން ދެމިގެން ދިޔައެވެ.

މީ ދިރާސާ ކުރަން ވަރަށް މުހިންމު ދާއިރާއެއް. ޕޭޝަންޓުން ވަނީ މިކަމަށް ވަރަށް ބޮޑަށް ބޭނުން ޖެހިފަ. އެއީ ފަރުވާއަކަށް ނުގުޑާ ޑިޕްރެޝަން ޕޭޝަންޓުން. އެ ޕޭޝަންޓުންގެ ހަށިގަނޑަށް އެދެވޭ ބަދަލެއް ގެންނަން، 2 ޑްރަގެއް ނުވަތަ 4 ޑްރަގެއް ވަނީ ފެއިލްވެފަ. ފަރުވާއެއް ގޮތުގައި ބޭނުންކުރުމަށް އަހަރުމެން މަސައްކަތްކުރަމުން މި ދަނީ ސީލޯސައިބިން ކޮމްޕް ތުރީ ސިކްސްޓީ. އެއީ ސީލޯސައިބިންގެ ސިންތެޓިކް ވާޜަންއެއް. ނަފްސާނީ އިތުރު އެހީއާއެކީ، މި ޑްރަގްގެ 1 ޑޯޒް ދޭނީ ޕޭޝަންޓުންނަށް. އެއަށްފަހު 12 ހަފުތާ ވަންދެން އަހަރުމެން ދަނީ، އެ ޕޭޝަންޓުންގެ ހާލަތު ވަޒަން ކުރަމުން.
ކޮމްޕާސް ޕާތުވޭޒްގެ ޗީފް މެޑިކަލް އޮފިސަރ، ގައި ގުޑްވިން

ދިރާސާގައި މަސައްކަތްކުރެއްވި، ކިންގްސް ކޮލެޖް ލަންޑަންގެ ސީނިއަރ ކްލިނިކަލް ލެކްޗަރަރ އަދި ކޮންސަލްޓަންޓް ސައިކޭޓްރިސްޓް ޖޭމްސް ރަކަރ ވިދާޅުވީ، ދިރާސާގެ ބައިވެރިންނަށް ކުރެވުނު ތަޖުރިބާގެ މައުލޫމާތު ހިއްސާކުރުމަށް އައީ ހެނދުނު ކަމަށެވެ. އަދި އެ ދުވަހުގެ މެންދުރު ނުވަތަ ހަވީރުގެ ވަގުތުގައި އެ ޕޭޝަންޓުން ނުކުމެގެން ދިޔައީ، އިހު ހުރި، އާންމު ދުނިޔޭގެ ހާލަތަށް ރުޖޫއަވެގެން ކަމަށެވެ.

ސިއްހީ ބޭސްވެރިކަމާބެހޭ ޖަރނަލްގައި ޝާއިއުކޮށްފައިވާ ދިރާސާގެ ހޯދުންތައް ދައްކާގޮތުން، ފަރުވާގެ 3 ހަފުތާ ފަހުގެ މުއްދަތަށް ބަލާއިރު، ސީލޯސައިބިންގެ 1 މިލިގްރާމް ނުވަތަ 10 މިލިގްރާމް ދިން ޕޭޝަންޓުންނަށްވުރެ، 25 މިލިގްރާމްގެ ޑޯޒް ދިން ޕޭޝަންޓުންގެ ހަށިގަނޑުން، ޑިޕްރެޝަންގެ އަލާމާތްތައް ފެނުނު މިންވަރު ވަނީ، ފާހަގަކުރެވޭ ދަރަޖައަކަށް ދަށަށް ގޮސްފައެވެ. އަދި ޑިޕްރެޝަންގެ މިންވަރު ވަޒަންކުރަން ގެންގުޅޭ ސްކޭލަށް ބަލާއިރު، 29 ޕަސެންޓް ޕޭޝަންޓުން، އެދެވޭ މިންވަރެއްގެ ކުރިއެރުމެއް ހޯދިކަން ފާހަގަކުރަން ޖެހެއެވެ.

ކޮންސަލްޓަންޓް ސައިކޭޓްރިސްޓް ޖޭމްސް ރަކަރ ވިދާޅުވީ މި ހޯދުންތަކަކީ ރަނގަޅު މިސްރާބަށް ދިއުމަށް އެޅުނު އެދެވޭ ފިޔަވަޅެއް ކަމަށެވެ.

ނަމަވެސް، ޔުނިވަރސިޓީ ކޮލެޖް ލަންޑަން އިންސްޓިޓިއުޓް އޮފް މެންޓަލް ހެލްތުގެ އެސޯސިއޭޓް ޕްރޮފެސަރ، ރަވީ ދާސް ވަނީ، ދިރާސާގެ ހޯދުންތަކަކީ އެދެވޭ ހޯދުންތަކަށް ވީނަމަވެސް، މިއީ އާދަޔާ ޚިލާފު ބޮޑު ކާމިޔާބެއް ނޫންކަމަށް އިންޒާރުކުރައްވާފައެވެ.

ދިރާސާގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފަރުވާއަށްފަހު 12 ވަރަކަށް ހަފުތާވުމުން، އެ ފަރުވާގެ އަސަރު ފަނޑުވާންފެށިކަން ވަނީ ދައްކާފައެވެ. ފަރުވާގެ އަސަރު ދެމެހެއްޓުނު ގޮތަށް ބަލާއިރު، 25 މިލިގްރާމްގެ ޑޯޒް ދިން ޕޭޝަންޓުންގެ ތެރެއިން 20 ޕަސެންޓް މީހުންގެ ކިބައިން އެކަން ފާހަގަ ކުރެވުނުއިރު، 1 މިލިގްރާމްގެ ޑޯޒް ދިން ޕޭޝަންޓުންގެ ތެރެއިން އެ ގިންތީގައި ހިމެނުނީ އެންމެ 10 ޕަސެންޓް މީހުންކަމަށް ކޮމްޕާސްއިން ވަނީ ބުނެފައެވެ.

ދިރާސާގައި ބައިވެރިކުރި ޕޭޝަންޓުންނަކީ އަމިއްލައަށް މަރުވުމުގެ އަމަލެއް ހިންގައިފާނެކަމުގެ ނުރައްކާ އޮތް ދަރަޖާގައި ތިބި ޕޭޝަންޓުންނަށް ނުވިނަމަވެސް، ދިރާސާގެ ފަރުވާ ދިންތާ 12 ހަފުތާ ވީއިރު، 25 މިލިގްރާމްގެ ޑޯޒް ދިން ގުރޫޕުން 3 ޕޭޝަންޓެއްގެ އުޅުން ހުރީ، އަމިއްލައަށް މަރުވާ މަސައްކަތްކުރާ މީހުންގެ އުޅުން ހުންނަފަދަ ގޮތަކަށްކަމަށް މައުލޫމާތުލިބެއެވެ.

ކޮމްޕާސް ޕާތުވޭޒްގެ ޗީފް މެޑިކަލް އޮފިސަރ، ގައި ގުޑްވިން ވިދާޅުވީ ސީލޯސައިބިން މާއްދާގެ އެންމެ ބޮޑު 2 ދިރާސާގެ ތަފާސް ހިސާބުތައް އެންމެ އަވަހަށްވެސް ލިބޭ ވަރު ވާނީ 2024 ވަނަ އަހަރުގެ ފަހުކޮޅުގައި ކަމަށެވެ.

ރަކަރ ވިދާޅުވާގޮތުގައި ކޮމްޕާސްއިން ތަހުލީލު ކުރަމުންދާ ކޮމްޕައުންޑަކީ ބޮޑު ކާރިސާއަކަށްފަހު ނަފުސަށް ލިބޭ އަނިޔާ ނުވަތަ ޕީޓީއެސްޑީއާއި އެނޮރެކްސިއާ ފަދަ ބަލިތަކާ ގުޅިފައިވާ ސިކުނޑީގެ ޖަޒުބާތުތަކަށްވެސް އަމާޒުކޮށް، ތަހުލީލުކުރާ ފަރުވާއެއް ކަމަށެވެ.

ބޭހަށް ނުގުޑާ ޑިޕްރެޝަނަށް ފަރުވާކުރުމަކީ ތަކުލީފު ބޮޑު ކަމެއް. މިކަން ގުޅިފަވަނީ، ބައްޔަށް ލިބެން ހުރި ފަރުވާގެ މަދުކަމާ. ޑިޕްރެޝަނާއެކު ދިރިއުޅުމުގެ ތަކުލީފުތަކާ. ފުއްދައިދޭން ދަތި މުހުތާދުތަކާ. އަންދާޒާކުރެވޭގޮތުގަ ޑިޕްރެޝަން ޕޭޝަންޓުންގެ ތެރެއިން 3 ބައިކުޅަ 1 ބައި ޕޭޝަންޓުން ބޭހަށް ނުގުޑަފާނެ. އަދި މިތަނުގައި މި ތަރައްގީކުރަމުން ދާ ކަހަލަ ބިނާ ކުރަނިވި ފަރުވާއަކަށް ބޭނުންވެދާނެ.
ކޮމްޕާސް ޕާތުވޭޒްގެ ޗީފް މެޑިކަލް އޮފިސަރ، ގައި ގުޑްވިން

ނަފްސާނީ ބަލިތަކަށް ފަރުވާކުރުމަށް މިފަދަ މާއްދާތައް ބޭނުން ކުރުމުގައި ގާނޫނީ ހުރަސްތަކެއް ހުރުމަކީ، މި ރޮނގުން އިތުރު ދިރާސާކުރުމަށް އެޅިފައި އޮންނަ ހުރަހެއްގެ ގޮތުގައި ސިފަކުރެވެއެވެ. ނަމަވެސް، ނަފްސާނީ ބަލީގެ ހާލަތު ދުވަހަކަށްވުރެ ދުވަހެއް ގޯހުން ގޯހަށް ދިއުމުގެ ސަބަބުން، ދިރާސާކުރާ ފަރާތްތަކުގެ މެދުގައި، ސީލޯސައިބިން ފަދަ މާއްދާތަކުން ނަފްސާނީ ބައްޔަށް ފަރުވާ ހޯދުމުގެ ޝައުގުވެރިކަމުގެ އާ އޮއެވަރެއް ވަނީ އުފެދިފައެވެ.

ކަން މިހެން އޮތްއިރު، ދިރާސާގެ މަސްރަހު އަދު އޮތް ގޮތުން، ޒަމާނީ ބޭސްވެރިކަމުގެ ތެރެއިން މިފަދަ މާއްދަތަކުން ފަރުވާ ހޯދުމުގެ ބަދަލުގައި، އަމިއްލަ ފަރާތްތަކުން، ނާޖާއިޒުގޮތުގައި މި މާއްދާތައް ބޭނުން ކުރުމުގެ ބިރު އެބައޮތްކަމުގެ އިންޒާރުވެސް ބައެއް ފަރާތްތަކުން ވަނީ ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް