Advertisement
ކ. މާލެ
|
1 ނޮވެންބަރ 2022 | އަންގާރަ 17:52
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
ރީ ބްރޯޑްކާސްޓިން ވިޔަފާރީގެ މައްސަލަ
ރީ ބްރޯޑްކާސްޓިން ވިޔަފާރީގެ ހަމަހަމަކަން ގެއްލިފައިވާތީ ޕާލިމެންޓްރީ އިންކުއަރީއެއް ހެދުމަށް ގޮވާލާ ހުށަހެޅި ގަރާރު ކޮމިޓީއަށް
ގަރާރު ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އާއި ގަވާއިދު ކޮމިޓީގެ ޖޮއިންޓް ކޮމިޓީއަކަށް ވަނީ ފޮނުވާފައި

ރީ ބްރޯޑްކާސްޓިން ވިޔަފާރީގެ ހަމަހަމަކަން ގެއްލިފައިވާތީ ޕާލިމެންޓްރީ އިންކުއަރީއެއް ހެދުމަށް ގޮވާލާ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ހުށަހަޅުއްވާފައިވާ ޤަރާރު މަޖިލީހަށް ބަލައިގަނެ ގަރާރު ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އާއި ގަވާއިދު ކޮމިޓީގެ ޖޮއިންޓް ކޮމިޓީއަކަށް ފޮނުވައިފިއެވެ.

އަންގާރަ ދުވަހު ކުރިޔަށްދިޔަ ޖަލްސާގައި މިޤަރާރު މަޖިލީހަށް ބަލައިގަންނަން ފެނޭތޯ ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 28 މެމްބަރުން ވަނީ ޤަރާރު ބަލައިގަންނަން ފެންނަކަމަށް ވޯޓު ދެއްވާފައެވެ. 8 މެމްބަރަކު ވަނީ ޤަރާރު ބަލައިގަންނަން ނުފެންނަކަމަށް ވޯޓު ދެއްވާފައެވެ. އަދި އެއް މެމްބަރަކު ވަކި ގޮތަކަށް ވޯޓު ނުދެއްވައެވެ.

ޝިޔާމް ހުށަހެޅުއްވި ޤަރާރަކީ ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޚަބަރާއި މައުލޫމާތު ފެތުރުމާއި އުނގެނުމާއި މުނިފޫހިފިލުވުމުގެ ޚިދުމަތްދޭ ރީ ބްރޯޑްކާސްޓްކުރާ ފަރާތްތަކުގެ މެދުގައި އޮންނަންޖެހޭ ވާދަވެރި ވިޔަފާރީގެ މާހައުލު ސިޔާސީ ގޮތުން ނުފޫޒުގަދަ ވަކި ފަރާތްތަކެއްގެ ބާރުން ނައްތާލައިފައިވާ ކަމަށް ބުނެ އެކަން ބަލައިދިނުމަށް އެދި ހުށަހެޅި ޤަރާރެކެވެ.އެ ޤަރާރުގައި ވަނީ، ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޚިދުމަތްދެމުންދާ ކުދި އޮޕަރޭޓަރުންގެ ވިޔަފާރި ހުއްޓުވައި ވަކިބަޔަކަށް ނާޖާއިޒު ބޮޑެތި މަންފާތަކެއް ލިބޭނެފަދަ ގޮތަކަށް ސަރުކާރާއި މިނިވަން މުއައްސަސާތައް މެދުވެރިކޮށް ދަތިތަކާއި ހުރަސްތަކާއި ތަފާތުކުރުންތައް ކުރުމަތި ކުރަމުންދާ ކަމަށެވެ.

Advertisement

އެހެންކަމުން މަޖިލީހުގެ ޕާލިމަންޓަރީ އިންކުއަރީއެއް މެދުވެރިކޮށް އެ ކަންތައްތައް ދެނެގަނެ، އެ ހުރަސްތައް ނައްތާލުމަށް އެ ޤަރާރުގައި ވަނީ ސަރުކާރަށް ގޮވައިލައްވައިފައެވެ.

"ރާއްޖޭގެ އާބާދީގެ އެކި ގިންތިތަކަށް އަމާޒުކޮށް މައުލޫމާތާއި ހޭލުންތެރިކަމާއި މުނިފޫހިފިލުވުމުގެ ޕްރޮގްރާމްތައް ބްރޯޑްކާސްޓަރުން މެދުވެރިކޮށް، އިންސާފުވެރި ވާދަވެރި މާހައުލެއްގައި ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދިނުމާއި، ބްރޯޑްކާސްޓްކުރުމުގެ މައިދާނުގެ ބާރުތައް އެއްބައެއްގެ އަތް މައްޗަށް ނުދާނެގޮތަށް އެ މައިދާން ބައްޓަންކުރުމާއި، އިންސާފުވެރި ވާދަވެރިކަމަށް ފުރުސަތު ފަހިކޮށްދިނުމަށް ވަރަށް ސާފުކޮށް ބްރޯޑްކާސްޓިންގެ ގާނޫނުގައި އޮވޭ،" ޤަރާރުގައިވެއެވެ.

ނަމަވެސް އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުންގެ މައްޗަށް މަތިކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާ ނުކުރާ ކަމަށް ވެސް އެ ޤަރާރުގައި ބުނެފައިވެއެވެ. އަދި މަސްއޫލިއްޔަތުތައް އަދާކުރުމުގެ ބަދަލުގައި ސިޔާސީ އަދި އެހެނިހެން ނުފޫޒުތަކުގައި އެ ކޮމިޝަނުގެ މެންބަރުން ޖެހި އެ ގާނޫނުގެ މަގްސަދު ގެއްލޭގޮތަށް ވަކި ފަރާތްތަކަކަށް ކަނޑައެޅިގެން ނުހައްގު ނާޖާއިޒް މަންފާތައް ލިބޭނޭ ގޮތައް އަމަލުކުރާ ކަމަށް ވެސް އެޤަރާރުގައި ތުހުމަތުކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް